ފްލެޓު އެއްބަސްވުންތަކުގައި ސޮއިކުރުން ހުއްޓައެއް ނުލަން: އެފްޑީސީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ތަރައްގީކޮށްފައިވާ 4000 ހައުސިން ޔުނިޓު ލިބޭ މީހުންނާ އެކު އެއްބަސްވުންތަކުގައި ސޮއިކުރުން މެދުކަނޑާލާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެފްޑީސީން މިއަދު ދޮގުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެފްޑީސީން މިވާހަކަ ދޮގުކުރީ އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ބެހޭ ގޮތުން ނެރުނު ނޫސްބަޔާނެއްގަ އެވެ.
ތަފްސީލް - އެފްޑީސީގެ ބަޔާނުގައި ބުނީ:
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ތަރައްގީކޮށްފައިވާ 4000 ސޯޝަލް ހައުސިން ޔުނިޓު މަޝްރޫއުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް، ކުރިން ރޭވިފައިވާ ތާވަލާ އެއްގޮތަށް ދަނީ ކުރިއަށް 
މި މަސައްކަތް ކުރިއަށްދަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން ހަވީރު 4އާ ދެމެދު
ސޮއިކުރުން މަޑުޖައްސާލާފައިވާ އެއްބަސްވުންތަކަކީ ހައުސިން މިނިސްޓްރީގެ އެދުމުގެ މަތިން، ޝަރުތު ހަމަނުވާ ކަމަށް ބެލެވޭތީ ވަގުތީ ގޮތުން މަޑުޖައްސާލާފައިވާ އެއްބަސްވުންތަކެއް؛ އެކަން ސޮއިކުރަންޖެހޭ ފަރާތްތަކަށް ދަނީ އަންގަމުން
އެފްޑީސީން ބުނި ގޮތުގައި، ނިމިދިޔަ ހަފްތާގެ ނިޔަލަށް ޖުމްލަ 232 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ. އަދި އެ މަސައްކަތް އިތުރަށް ހަލުވިކޮށް، ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެފްޑީސީން ބުންޏެވެ.
އެނގުން މުހިންމު - މިދިޔަ ސަރުކާރުގެ ފްލެޓު ލިސްޓު މި ސަރުކާރުން މުރާޖައާކުރަން ފުރަތަމަ ނިންމި ނަމަވެސް، އަމާޒުވި ބޮޑެތި ފާޑުކިއުންތަކާ އެކު ކުރީގެ ލިސްޓަށް ފްލެޓުދޭން މިހާރު އޮތީ ނިންމާފަ އެވެ.
ކުރީގެ ލިސްޓަށް ފްލެޓުދޭން ނިންމީ، ޝަރުތު ފުރިހަމަ ނުވާ ފަރާތްތައް އެ ލިސްޓުން އުނިކުރާ ގޮތަށެވެ. އެގޮތުން މިދިޔަ ސަރުކާރުން ނެރެފައިވާ ދާއިމީ ލިސްޓުން ގާތްގަނޑަކަށް 700 މީހުން އުނިވާނެ ކަމަށް މިނިސްޓްރީން ލަފާކުރެ އެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ރަށްރަށުގައި ދިރިއުޅޭ އެރަށުގެ ވަޒީފާތަކުގައި، އުޅޭ މީހުން ވެސް މާލޭގައި އުޅޭ ކަމުގެ ދޮގު ލިއުން ހައްދައިގެން ފްލެޓުތަކަށް ކުރިމަތިލާފައިވާއިރު، އެފަދަ މީހުންނަށް ވެސް މިދިޔަ ސަރުކާރުގެ ލިސްޓުން ޖާގަ ދީފައިވެ އެވެ.
މި ސަރުކާރުން ފްލެޓުތައް ދޫކުރަން ފެށީ، ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އެފަދަ ސަބަބުތަކާ ހުރެ ފްލެޓަށް ޝަރުތު ހަމަނުވާ ފަރާތްތައް ލިސްޓުން އުނިކޮށް، އެ މީހުންނަށް އެކަން އަންގަމުންދާ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ