ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް އަނބުރާ ގެންދަން ސޯލިހު ގޮވާލައްވައިފި ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް އަނބުރާ ގެންދަން ސޯލިހު ގޮވާލައްވައިފި

ކައުންސިލުތަކުން ވިޔަފާރި ކުރުމުގެ ހައްގު ހިމެނޭ ގޮތަށް ލިބިދީފައިވާ ބާރުތައް ހަނި ކުރަން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބިލު އަނބުދާ ގެންދިޔުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދުު ސޯލިހު މިއަދު ގޮވާލައްވައިފި އެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލުގައި ވަނީ ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓު ހިންގުމަށާއި މުވައްޒަފުން ނެގުމަށް ކައުންސިލުތަކަށް ލިބޭ ބާރު ހަނި ކުރަން ހުށަހަޅައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހު ވިދާޅުވީ، އެ އިސްލާހުތަކަކީ މަރުކަޒީ ވިސްނުމުގައި ލާމަރުކަޒީ ނިޒާމު ގަޑުބަޑުކުރަން ހުށަހަޅާފައިވާ އިސްލާހުތަކެއް ކަމަށެވެ. އެކަމުގެ ހިތި ނަތީޖާ ލިބޭނީ ރައްޔިތުންނަށް ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.
"2019 ވަނައަހަރު ގެނެވުނު އިސްލާހުތަކުގެ ހެޔޮ ބަދަލުތައް ފެންނާން ފަށާފައިވާ މި ޅަފަތުގެ ވަގުތު އަނެއްކާވެސް މަރުކަޒީ ވިސްނުމުގައި، ސިޔާސީ ބޭނުމަށް ނިޒާމު ގަޑުބަޑު ކުރުމުގެ ހިތި ނަތީޖާ ލިބޭނީ ރަށު ރައްޔިތުންނަށް. މިކަމާ މެދު އަލުން ވިސްނަވައި، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުތައް އަނބުރާ ގެންދިއުމަށް ގޮވާލަން،" ސޯލިހު ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި، ކައުންސިލްތައް ބާރުވެރި ކުރުވައި، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ކަމަށެވެ.
"ފެހި ގާނޫނުއަސާސީއިން ރައްޔިތުންގެ ތަރައްގީއަށް މަގުފަހިވި ނިޒާމީ އެންމެ މުހިއްމު އެއް ބަދަލަކީ ލާމަރުކަޒީ ނިޒާމު ގާއިމުވުން. އެކި ވެރިކަމުގައި އެ ބާރުތަކާއި ވަސީލަތްތައް ހަނިކޮށް، ފުޅާކުރަމުން އައިސް 2019 ވަނައަހަރު ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުތަކަކީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ސިޔާސީ ހުރިހާ ފިކުރުތަކުގެ ތާއީދާވެސް އެކު ފާސްކޮށް އަމަލުކުރަމުން އައި އިސްލާހުތަކެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
އޭގެ އިތުރުން ސޯލިހު ވިދާޅުވީ ރަށްތައް ތަރައްގީ ކުރުމުގެ ބާރު ރައްޔިތުންނަށް ނުދީ މައި ސަރުކާރުން ހިފެހެއްޓުމަކީ ބޮޑު ބޭއިންސާފެއް ކަމަށެވެ.
"ދިވެހިރާއްޖޭގެ ރަށްތައް ތަރައްގީ ކުރުމުގެ ބާރުތައް ރަށު ރައްޔިތުންނަށް ނުދީ މައި ސަރުކާރުން ހިފެހެއްޓުމަކީ ބޮޑު ބޭއިންސާފެއް،" ސޯލިހު ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ވަނީ ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ބޭނުމަކީ ރައްޔިތުންގެ ބާރުވެރިކަން ނަގައިލުން ކަމަށެވެ.
"ލާމަރުކަޒީ ގާނޫނު ބަދަލު ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލަކީ ރައްޔިތުންގެ އަތުގައި އޮތް ބާރުވެރިކަން ފޭރިގަނެ، ރަށްރަށުގެ ހުރިހާ ކަމެއް ނިންމުމުގެ ބާރު މައި ސަރުކާރަށް ނެގުމަށް ހުށަހަޅާފައިވާ ބިލެއް. ކައުންސިލްތަކަށް ވިޔަފާރި ކުރެވޭނެ ދާއިރާތަކާއި، އާމްދަނީ ހޯދާނެ ގޮތް ކަނޑައަޅަން ޖެހެނީމައި ސަރުކާރަކުން ނޫން،" ކުރީގެ އިގްތިސާދީ މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކަށް ވ. އަތޮޅު ކައުންސިލުގެ ރައީސް ސުޖާއު އަލީ ވެސް ވަނީ ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ކައުންސިލުތަކުން ވަޒީރު ފައިބުޑަށް ވެއްޓެން ކަމަށެވެ.
"ލާމަރުކަޒީ ނިޒާމަށް [ރައީސް މުހައްމަދު] މުއިއްޒުގެ ސަރުކާރުން ހުށަހަޅާ އިސްލާހުތަކުން ނިޒާމު ހަރުދަނާވުމަށްވުރެ ނިޒާމު ބަލިކަށިވެ، ކައުންސިލުތަކުގެ ބާރުވެރިކަން ހުއްޓުވާނެ. މަގުސަދަކީ މާލީ މިނިވަންކަން އަނބުރާ މައި ސަރުކާރަށް ނަގައި، އަތޮޅުތަކުން ވަޒީރު ފައިބުޑަށް ސަލާންޖަހަން ދާން މަޖުބޫރުވާ ނިޒާމެއް އުފެއްދުން،" އޭނާ ވިދާޅުވި އެވެ. "މި އިސްލާހުތަކާ ދެކޮޅަށް ހުރިހާ ކައުންސިލުތަކުން ތެދުވާންޖެހޭ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ