އުއްތަމަ ފަނޑިޔާރަކަށް އައްޔަނުކުރަން ޣަނީގެ ނަން މަޖިލީހަށް

ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަނުކުރަން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ހުށަހަޅުއްވައިފިއެވެ. މިނިވަން ދުވަހުގެ ބަންދަށްފަހު، މާދަމާ ރައްޔިތުންގެ މަޖިލިސް ހުޅުވޭއިރު މާދަމާ ހެނދުނު 09:00 އަށް އެޖެންޑާކުރި ޖަލްސާގައި އެ މައްސަލަ އޮތީ އެޖެންޑާކޮށްފައެވެ. 'ސަން' އަށް އެނގިފައިވާ ގޮތުގައި ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވީ، ޖޭއެސްސީން ލަފާދިން ގޮތަށް ޣަނީ އެ މަގާމަށް އައްޔަނުކުރުމަށެވެ. މާދަމާގެ ޖަލްސާގައި އެ މައްސަލަ ދާއިމީ ކޮމިޓީއަށް ފޮނުވާނެއެވެ. އުއްތަމަ ފަނޑިޔާރުގެ މަގާމަށް، ޣަނީ އައްޔަންކުރަން ރައީސް މުއިއްޒަށް ލަފާދޭން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމީ، އިއްޔެއެވެ. އެ މަގާމަށް ޣަނީގެ އިތުރުން ކުރިމަތިލެއްވީ ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދާއި ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ. މި ތިން ބޭފުޅުންނާ ޖޭއެސްސީން އިއްޔެގެ މެންދުރު ފަހު އިންޓަވިއު ކުރުމަށް ފަހު ރައީސަށް ފޮނުވަން ނިންމީ ޣަނީގެ ނަން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ޖުލައި 24، 2018: އަބްދުލްޣަނީ މުހައްމަދު --- ސަން ފޮޓޯ/ ފަޔާޒު މޫސާ ޣަނީއަކީ 2000 ވަނަ އަހަރުން ފެށިގެން ޖުޑީޝަރީގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މަދަނީ ކޯޓުގެ ގާޒީ ކަމަށްފަހު ހައިކޯޓުގެ އިސްފަނޑިޔާރުކަން އަދި ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަންވެސް ޣަނީ ކުރެއްވިއެވެ. އޭނާއަކީ ކުރިން ޖޭއެސްސީގެ ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ. މި ވަގުތު ޣަނީ ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމުގައެވެ. ޣަނީ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރީ، މަޝްހޫރު އެކެއް ފެބްރުއަރީގެ އަމުރަށް ފަހު، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދު މުހައްމަދު ސުޕްރީމް ކޯޓުން ވަކިކުރުމަށް ފަހެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ޣަނީ ހުންނަވަނިކޮށް، ވެރިކަން ބަދަލުވެ އެމްޑީޕީއަށް 2019 ވަނަ އަހަރު މަޖިލީހުގެ މެޖޯރިޓީ ލިބުމުން ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ވަކިކުރިއިރު ޣަނީވެސް ވަކިކުރިއެވެ. އުއްތަމަ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅެއް މަޖިލީހުން ފާސްކޮށްގެންނެވެ. އުއްތަމަ ފަނޑިޔަރު މުއުތަސިމް އަދުނާން -- ފޮޓޯ/ ޖޭއެސްސީ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް، މި ތިން ބޭފުޅުން މި ކުރިމަތިލެއްވީ، އުއްތަމަ ފަނޑިޔާރުގެ މަގާމުގައި އެންމެ ފަހުން ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މި ދިޔަ މަހު އެ މަގާމުން ރިޓަޔާ ކުރެއްވުމުން އެ މަގާމަށް ކުރިމަތިލާން ޖޭއެސްސީން ހުޅުވާލުމުންނެވެ. ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން މި އަހަރު ސުޕްރީމް ކޯޓަށް ތިން ފަނޑިޔާރަކު އައްޔަންކޮށްފައިވެއެވެ. އެއީ މާރިޗް 19ގައި އައްޔަން ކުރި ފަނޑިޔާރު ހުސައިން ޝަހީދާއި މިދިޔަ މަހުގެ 11ގައި އައްޔަންކުރި ފަނޑިޔާރު މުހައްމަދު ސަލީމާއި އަބްދުﷲ ހަމީދެވެ. އެ ކޯޓުގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ. https://sun.mv/208857 މުއުތަސިމް ރިޓަޔާ ކުރެއްވުމުން ކޯޓު ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ފަނޑިޔާރު ހަމީދާއެވެ. މި އަހަރު ސުޕްރީމް ކޯޓަށް އައު ތިން ފަނޑިޔާރުން އައްޔަންކުރީ، ކުރިން އެ މަގާމުގައި ތިއްބެވި ހުސްނުއްސުއޫދާއި ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރުގެ ބަދަލުގައެވެ. އެއީ، މި ސަރުކާރުން މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓުން ބަލަމުން ދަނިކޮށް ތިން ފަނޑިޔާރުން ސަސްޕެންޑުކުރުމަށް ފަހު، އަޒްމިރަލްދާއާއި މަހާޒް ވަކިކުރުމަށް ފަހުގައެވެ. ސުއޫދު އަމިއްލައަށް އިސްތިއުފާ ދެއްވީއެވެ. އެ ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީން ބެލީ ފަނޑިޔާރުންނަށް ޖަވާބުދާރީވާން ފުރުސަތު ނުދީ ކަމުގެ ފާޑުކިޔުންތައް ގައުމުގެ އެތެރެއިންނާއި ބޭރުން ވެސް އަމާޒުވިއެވެ. އެ މައްސަލައިގައި މުއުތަސިމް ވަކި އެއްޗެކޭ ވިދާޅުނުވާތީ، އެކަމާ ވެސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ