މަރުގަ ރަހައެއް ވާކަން ޤުރްއާނުން ޔަޤީންވާއިރު ތިބާއަށް ލާނީ ކޮން ރަހައެއްތަ؟

"ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނެ އެއްޗެކެވެ...." _(އާލްޢިމްރާން: 185)
މިވަހީބަސްފުޅުގައި މެރުގެ ރަހަ ދެކޭނެ ކަމަށް ވަޙީކުރައްވަވާފައި އެވަނީ މަރުގައި ރަހައެއްވާތީއެވެ. ފޮނިރަހައެކެވެ. ނުވަތަ ހިތި ރަހައެވެ.
ކޮންމެ ނަފްސަކީވެސް މަރުވާނެ މީހެކެވެ. ދުނިޔެ ދޫކޮށްދާންޖެހޭނެ މީހެކެވެ. އެހެން ނަމަވެސް ﷲ ތައާލާގެ ވަހީބަސްފުޅަށް ވިސްނައިލާށެވެ!
މަރުގެ ރަހަ ފޮނިވާނީ ކޮންމެ ވަގުތަކުވެސް މަރުވެދާނެކަމަށް ބަލައިގެން މަރުވުމަށް ތައްޔާރުވެގެން ތިބި މީހުންނަށެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރި މީހުންނަށެވެ. ނަހީކުރެއްވެވިކަންކަން ނުކޮށް ޙެޔޮ ޢަމަލުތައް ކުރުމުގައި ސާބިތުވެ ތިބި މީހުންނަށެވެ. މަރާއިމެދު ޣާފިލުވެ ދުނިޔޭގެ އެދުންތަކާއިގެން އުޅުނު މީހަކަށް ނަމަ މަރުގެ ރަހަ ހިތިވާނެ އެވެ.
މަރުގެ ރަހަ ފޮނިވާ މީހުންނަށް އާޚިރަތްވެސް ފޮނިވާނެއެވެ. އަދި މަރުގެ ރަހަ ހިތިވާ މީހުންނަށް އާޚިރަތްވެސް ހިތިވާނެއެވެ. އެކަންވެސް ހަމަ މިއާޔަތުން އެނގިގެންދެއެވެ.
"...އަދި (ތިއަބައިމީހުން ކުޅަ ޢަމަލުތަކަށް) ތިއަބައިމީހުންނަށް ފުރިހަމައަށް ޖަޒާ ދެއްވަވާނެކަން ކަށަވަރީ ޤިޔާމަތްދުވަހުންނެވެ. ފަހ، ނަރަކައިން އެއްކިބާކުރައްވަވައި، ސުވަރުގެއަށް ވެއްދެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކު ނަޞީބުލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެއެވެ." (އާލްޢިމްރާން: 185)
ކަން މިފަދައިން ނަމަވެސް މީހެއްގެ ގާތު އޭނާ އެންމެ އެދޭކަމަކީ ކޮބައިތޯ؟ ސުވާލުކޮށްފިނަމަ ދައްކާނީ ފައިސާ އާއި މުދަލާއި ދަރިންނާއި އަދި ގިނަ ޢަދަދެއްގެ އަނބިން ބޭނުންވާ ވާހަކައެވެ. މަރުވުމާއި އާޚިރަތުގެމަތިން ހަނދާން ހުންނަ ކަމަކަށްވެސް ނުވާނެއެވެ. މިފަދަ މީހުންނަށް މަރުވެސް ކައްވަޅުވެސް އަދި އާޚިރަތްވެސް ވެގެންދާނީ ވަރަށް ހިތި އެއްޗަކަށެވެ.
އަހަރެމެން މާނަކުރާ ރަހަ ލާނީ ދުލަށެވެ. ނަމަވެސް މިދެއްކުނީ އެމީހާގެ މުޅި ނަފްސަށްލާނެ ރަހައެއްގެ ވާހަކައެވެ. ފުންކޮށް ވިސްނައި އެރަހަ ފޮނިކުރަން ގަދައަޅައި މަސައްކަތްކުރާށެވެ!
--މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ