ހުސްނުއްސުއޫދުގެ ތުހުމަތުތައް އުޝާމާއި ޖޭއެސްސީއާއި އޭސީސީގެ ރައީސުންނަށް ވެސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުން އަންނައިރު، އެ މައްސަލައަށް ނުފޫޒު ފޯރުވާ ބޭފުޅުންގެ ތެރޭގައި ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ބަންޑާރަ ނައިބު އަހުމަދު އުޝާމާއި ކޮމިޝަންތަކުގެ ރައީސުން ހިމެނޭ ކަމަށް، އިސްތިއުފާ ދެއްވި ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެއެވެ. މިދިޔަ ބުދަ ދުވަހުން ފެށިގެން ސަސްޕެންޝަންގައި ހުންނެވި ހުސްނުއްސުއޫދު މިއަދުވަނީ، ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ބެލުން ހުއްޓުވުމަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ މަގާމުން އިސްތިއުފާ ދެއްވާކަން ރައީސަށް އަންގަވައިފައެވެ. ސުއޫދު ރައީސަށް ފޮނުއްވި ސިޓީގައި ވަނީ އެ މައްސަލަ ރައީސް ބޭނުންވެވަޑައިގަންނަވާ ގޮތަށް ނިންމުމަށް އެ މަނިކުފާނު ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރައްވައިފައެވެ. އެއަށްފަހު ސުއޫދު ވަނީ އިސްތިއުފާގެ ސިޓީއެއް، ފަނޑިޔާރުންގެ ބެލެނިވެރި ފަރާތް ކަމަށްވާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ވެސް ފޮނުއްވައިފައެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އޭސީސީގެ ރައީސް އާދަމް ޝާމިލް: ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ބަލާ މައްސަލައިގެ ތަފުސީލު އޭސީސީން ހާމަނުކުރޭ -- ސަން ފޮޓޯ/ މުޙައްމަދު މާވީ އެ ސިޓީގައިވަނީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ރައީސާއި އުޝާމް ބޭނުންވެވަޑައިގަންނަވާ ގޮތަށް ނިންމަން ނުފޫޒު ފޯރުވަމުން އަންނަ ކަމަށެވެ. އެ ނުފޫޒު ފޯރުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ ރައީސާއި އުޝާމްގެ އިތުރުން ޖޭއެސްސީގެ ރައީސް އަދި މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރު މާފުށީ ދާއިރާގެ ޙުސައިން ރިޒާ އާދަމާއި އޭސީސީގެ ރައީސް އާދަމް ޝާމިލް ކަމަށް ވިދާޅުވެފައެވެ. "[އެ ބޭފުޅުން] ނުފޫޒު ފޯރުވަމުން ގެންދަވާތީވެ، އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މިހިނދުން ފެށިގެން އިސްތިއުފާ ދީފީމެވެ." ސިޓީގައިވެއެވެ. މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ގެންދިޔުމަށް އެ ކޯޓުން ނިންމީ މިދިޔަ މަހުގެ 18ގައެވެ. އޭގެ ފަހުން ހަފުތާއެއް ނުވަނީސް ސަރުކާރުގެ މެންބަރަކު ވަނީ، ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ދެ މެންބަރުން ވަކިކޮށް، ބެންޗު ފަހަކަށް ކުޑަކުރުމަށް މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފައެވެ. އެ ބިލު ހުށަހެޅި ފަހުން، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވަނީ އިސްލާހަށް އަމަލުކުރުން ހުއްޓުވުމަށް ވަގުތީ އަމުރަކަށް އެދިވަޑައިގެންފައެވެ. އެ އަމުރާ ގުޅޭ އަޑު އެހުމެއް ބުދަ ދުވަހުގެ 11:00އަށް ތާވަލުކުރިއެވެ. އެ ދުވަހު ހެނދުނު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރަން މަޖިލީހުން ފާސްކުރިއެވެ. އެފަދައިން ފާސްކުރުމާއެކު ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައިވާކަން ޖޭއެސްސީން ހާމަކުރިއެވެ. އެއީ ސުއޫދުގެ އިތުރުން ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރެވެ. https://sun.mv/203088 ޖޭއެސްސީން ބުނެފައިވަނީ ފަނޑިޔާރުން ސަސްޕެންޑުކުރީ އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި ޖޭއެސްސީން ވެސް ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ބަލަމުން އަންނައިރު، އެ މައްސަލަތަކުގެ ތަފުސީލު މިހާތަނަށް ވެސް ހާމަކޮށްފައިނުވެއެވެ. އެ ފަނޑިޔާރުން ސަސްޕެންޑުކުރުމާއެކު، ވަގުތީ އަމުރު ނެރުމުގެ އަޑުއެހުން ކެންސަލްކޮށް، މުޅި ބެންޗުން ބަލަމުން އައި މައްސަލަ މިހާރު އޮތީ ހުއްޓިފައެވެ. ތިން ފަނޑިޔާރުން ސަސްޕެންޑުކުރުމަކީ ސުޕްރީމް ކޯޓުގައި ތަޅުއެޅުވުން ކަމަށް ވިދާޅުވެ އެ ކޯޓުގެ ދިފާއުގައި އާ ގާނޫނުއަސާސީ ޑްރާފްޓުކުރި ކޮމިޓީގެ މުގައްރިރުކަން ކުރެއްވި ސިޔާސީ ދާއިރާގެ ތަޖުރިބާކާރު އިބްރާހިމް އިސްމާއިލް (އިބުރާ) ވަނީ ހައިކޯޓަށް މައްސަލައެއް ވެސް ހުށަހަޅުއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ