ބުޅާތައް ބަލަހައްޓަން އަހަރަކު 11 މިލިއަން ރުފިޔާ ހަރަދުވާނެ: މާރިޔާ

ހުޅުމާލޭގައި ހަދާފައިވާ ބުޅާ ބަލަހައްޓާ މަރުކަޒު، 'އޮޅުހިޔާ' ހިންގަން އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނޭ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ މިއަދު ވިދާޅުވެއްޖެ އެވެ. 
ވީ ކިހިނެއް؟ - މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް މިއަދު މިނިސްޓަރު މާރިޔާ ރައްޔިތުން މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރެއްވީ:
މާލޭ މަގުމަތީ ގިނަވެގެން އުޅޭ ބުޅާތައް އަދިވެސް އޮޅުހިޔާއަށް ނުގެންދެވިގެން އުޅޭތީ އެކަމާ މެދު
އޮޅުހިޔާ ހިންގަން ހަރަދުވާނޭ ފައިސާގެ އަދަދަކީ ކޮބައިތޯ
ތަފްސީލް - އެ ސުވާލުތަކާ ގުޅިގެން މާރިޔާ ވިދާޅުވީ އޮޅުހިޔާއަށް ބުޅާތަކެއް ގެންދިޔުމަކީ އަދި ހައްލެއް ނޫން ކަމަށާއި އެތަނަކީ އެތަކެއްޗަށް އޯގާތެރިކަމާ އެކު އަޅާލެވޭނޭ ތަނަކަށް ވާން ޖެހޭ ކަމަށެވެ. މާރިޔާ ވިދާޅުވީ މިވަގުތު އެތަނުގައި ބަލަހައްޓަމުން ދަނީ 30 ބުޅާ ކަމަށެވެ.
މާރިޔާ ވިދާޅުވީ: 
ސިޓީ ކައުންސިލްގެ ދަށުން އޮޅުހިޔާ ނަަގައި މިނިސްޓްރީގެ ދަށަށް ބަދަލުކުރި އިރު އެތަން ހުރީ ގިނަ ބުޅާތަކެއް ނަގައިގެން އަޅާލެވޭ ހާލަތެއްގައެއް ނޫން
އެހެންވެ އެކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މާރިޔާ ވިދާޅުވި؛ އަދި ގިނަ ބުޅާ އެއް ފަހަރާ ރަނގަޅަށް ބެލެހެއްޓޭނޭ ވަސީލަތް ގާއިމް ނުވެ ކެޕޭސިޓީއަށް ވުރެ އިތުރަށް ބުޅާތައް ނުނަގާނޭ ކަމަށް ވެސް ވިދާޅުވި 
އޮޅުހިޔާ ސިޓީ ކައުންސިލްގެ ދަށުން ނަގަން ޖެހުނީ ވެސް ތަން ހަދައި ހިދުމަތް ފަށަން ދިން ތާރީހުގައި އެކަން ނުފެށުމުން ތަކުރާރުކޮށް ނޯޓިސް ދީގެން ވެސް އެކަން ނުކުރެވުމުން
އޮޅުހިޔާއަށް ހިނގާނޭ ހަރަދުގެ ތަފްސީލް ދެއްވަމުން މާރިޔާ ވިދާޅުވީ ރިކަރަންޓް ހަރަދުގެ ގޮތުގައި ނޫން ގޮތުން އެ ފެސިލިޓީ އެއްކޮށް ފުރިހަމަކުރަން ހިނގާ ހަރަދަށް ޖުމްލަ 1.2 ބިލިއަން ރުފިޔާ ހަރަދުވާނޭ ކަމަށް މިހާތަނަށް އަންދާޒާ ކުރެވިފައިވާ ކަމަށެވެ.
އޮޅުހިޔާގައި އެއް ފަހަރާ 2،000 ބުޅާ ބަލަހައްޓާ ނަމަ އެތަނަށް ހިނގަން ހިނގާނޭ ހަރަދުގެ ތަފްސީލް ދެއްވަމުން މިނިސްޓަރު ވިދާޅުވީ:
ތަން ހިންގަން މަހަކު 700،000ރ. ހަރަދުވާނެ
ތިން މަހުން 3.4 މިލިއަން ރުފިޔާ ހަަރަދުވާނެ
ބުޅަލަކަށް މަހަކު 368ރ. ހަރަދުވާނެ 
ބުޅަލަކަށް އަހަރަކު 5،416ރ. ހަރަދުވާނެ
"އެއީ 2،000 ބުޅަލަށް އަހަރަކު 10.8 މިލިއަން ރުފިޔާ،" މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ