އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވާހަކަ މުޅިން ބަދަލުވެއްޖެ އެވެ. އީރާނާ ދެކޮޅަށް އިޒްރޭލުން ފެށި ހަނގުރާމައާ ބެހޭ ގޮތުން މިހާރު ވިދާޅުވަނީ "އަހަރެމެންނޭ" ކިޔައިގެންނެވެ.
އޭގެ މާނަ ވަރަށް ނުރައްކަލެވެ. އެންމެ ފަހުން ޔަހޫދީ ދައުލަތުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ޕްރެޝަރަށް ދީލައިލައްވަނީ އެވެ.
އިޒުރޭލުން މި ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވައްދަން ބޭނުންވަނީ އީރާނުގެ ބިމު އަޑީގައި ހުރި ނިއުކްލިޔަ ފެސިލިޓީޒްތައް ފުނޑުކޮށްލާށެވެ. އެންމެ ބޮޑު އަމާޒަކީ ގޫމް ސިޓީއާ ކައިރީގައި ބިމު އަޑީގައި ހަދާފައި ހުރި ނިއުކްލިއަ ޕްލާންޓް، ފޯޑޯ އެވެ.
ފަރުބަދައިން ފުރިފައި ހުރި ސަރަހައްދެއްގައި މި ޕްލާންޓް ހަދާފައި ވަނީ 80-90 މީޓަރު އަޑީގަ އެވެ. އެއީ ގާތްގަނޑަކަށް 30 ފޫޓުގެ ބޯ ބިޔަ ކޮންކްރީޓްގަނޑެއްގެ ވެސް ދަށުގަ އެވެ.
މި ބިޔަ ކޮންކްރީޓް ގަނޑު ފޫއަޅުވާލާފައި އޭގެ ފަހުން ވެސް އެތައް މީޓަރެއްގެ އަޑިއަށް ދެވޭވަރުގެ ހަމަލާއެއް ދިނުމުގެ ގާބިލްކަން ހުރީ ހަމައެކަނި އެމެރިކާގެ އަތުގަ އެވެ. އެއީ 13،600 ކިލޯގެ ބަރުދަނުގެ ބިޔަ ބޮން ޖީބީޔޫ-57 އެވެ. މި ބޮން އިޒްރޭލަށް ފޯރުކޮށްދީގެން ވެސް އީރާނާ ދެކޮޅަށް ހަމަލައެއް ނުދެވޭނެ އެވެ. މި ބޮން އުފުލުމުގެ ގާބިލްކަން ލިބިފައި ވަނީ އެމެރިކާގެ ވައިގެ ލަޝްކަރުގައި ހިމެނޭ ބީ-2 މަތިންދާ ބޯޓަށެވެ. އެހެންކަމުން ފޯޑޯ ހަލާކުކޮށްލަން ބޭނުން ނަމަ އެމެރިކާއިން ޖެހޭނީ އިޒުރޭލާ އެކު މި ހަނގުރާމައިގެ ތެރެއަށް ސީދާކޮށް ވަންނާށެވެ.
ރިޔާސީ ދެ އިންތިހާބުގެ ކެމްޕޭންގައި ވެސް ޓްރަމްޕް އެންމެ ބޮޑަށް ވިއްކެވީ "ދުވަހަކު ވެސް ނުނިމޭ ހަނގުރާމައިގެ ތެރެއަކަށް ދެން އަހަރެމެން ނުވަންނާނެ" ވާހަކަ އެވެ. ނަމަވެސް ކުއްލިއަކަށް މި ފެނުނީ އެ ހުރިހާ ރާގެއް ބަދަލުވެ، އީރާނާ ދެކޮޅަށް އެމެރިކާ ނުކުންނަން އުޅޭކަމުގެ ސިގުނަލްތައް ދެއްވަން ފެއްޓެވި ތަނެވެ.
އިޒްރޭލާއި އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި އީރާނުން މިހާތަނަށް %60 އަށް ފައްކާކޮށްފައި ހުރި ޔޫރޭނިއަމްގެ ސްޓޮކެއް ފޯޑޯގައި ވަނީ ހިމާޔަތްކޮށްފަ އެވެ. ނިއުކްލިޔަ ބޮމެއް ހަދަން ބޭނުންވަނީ %90އަށް ޔޫރޭނިއަމް ފައްކާކުރާށެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި %60 އިން %90 އަށް ގެންނަން ނަގާނީ މަދު ދުވަސްކޮޅެކެވެ.
މިހާރު އީރާނުގެ އަތުގައި ހުރި ޔޫރޭނިއަމް، ނިއުކްލިއަ ބޮމެއް ހެދޭ ވަރުގެ 233 ކިލޯގެ ޔޫރޭނިއަމްއަށް އެންމެ ތިން ހަފުތާގެ ތެރޭގައި ބަދަލުކޮށްލެވޭނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ. އެއީ ގާތްގަނޑަކަށް ނުވަ ނިއުކްލިއަ ބޮން ހެދޭވަރުގެ މިންވަރެވެ.
އެމެރިކާގެ ބިޔަ ބޮން އެއް ފަހަރަށް އަޅައިގެން ވެސް ފޯޑޯގެ ބިމުގެ އަޑީގެ ވަސީލަތާ ހަމައަކަށް ނުފޯރާނެ އެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި އޭގެ އެތައް ބޮމެއް ހަމަ އެއް ތަނަކަށް އެތައް ފަހަރަކު އަމާޒުކޮށްގެން ނޫނީ އިޒްރޭލް އާއި އެމެރިކާ ބޭނުން ނަތީޖާ ނުކުތުން ދުރެވެ.
އެކަމަކު ބައެއް ތަޖުރިބާކާރުން ދެކޭ ގޮތުގައި ފޯޑޯ ފުނޑާލުމަކީ އީރާނުގެ އެ ގާބިލްކަން ނައްތާލެވުމެއް ނޫނެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ ނިއުކްލިއަ ބޮމާ ދެކޮޅަށް މަސައްކަތްކުރަން އުފައްދާފައިވާ ވަކި އަތަކަށް ނުޖެހި މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ އިންސްޓިޓިއުޓް ފޯ ސައިންސް އެންޑް އިންޓަނޭޝަނަލް ސެކިއުރިޓީ (އައިސިސް)ގެ ތަޖުރިބާކާރު ޑޭވިޑް އޯލްބްރައިޓް އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފޯޑޯއަކީ އީރާނުގެ ނިއުކްލިއަ އަރަތުގެ އެއް ބަ އެވެ.
"އެތަން ފުނޑުކޮށްލުމަކީ އޭގެ އެއް ރޮނގުގެ ނިމުން. އެހާ ތަނުން އުފެދޭނެ ސުވާލަކީ ފޯޑޯ ނުވަތަ ނަތަންޒު [ޕްލާންޓް]ގައި ނުބަހައްޓާ އީރާނުން ކިތައް ސެންޓްރިފިއުޖް ފޮރުވާފައި ހުރެދާނެހޭ؟ އެހެންވެއްޖެ ނަމަ ކޮބައިހޭ އެ އެއްޗެހި؟" އޯލްބްރައިޓް ވިދާޅުވި އެވެ.
"އަހަންނަށް ހީވަނީ އެތަނުގެ [ފޯޑޯ]ގެ ސީލިން ވައްޓާލައިގެން އެތަން ހަލާކުކޮށްލުން މާ ބޮޑު ކަމަކަށް ހަދައިގެން އުޅެނީހެން."
އީރާނަށް ހަމަލާދޭން އެމެރިކާގެ ބިޔަ ބޮން ބޭނުންކޮށްފާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ