ތަހުގީގުގައި ފުލުހުން އިޖުރާއަތްތަކާ ހިލާފު ގޯސްތައް ގަސްތުގައި ހަދާ ކަމަށް ފާހަގަނުވާ ކަމަށާއި އެފަދަ ކަންކަން ހިނގަނީ ކަމެއް އަތުން ދޫވުމުގެ ސަބަބުން ކަމަށް ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވެއްޖެ އެވެ.
އެނގުން މުހިންމު - ހާއްސަކޮށް ޑުރަގުގެ ބޮޑެތި މައްސަލަތަކާއި ގޭންގުތަކުގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތުވާ މީހުން ގިނަ ފަހަރަށް ދޫވަނީ ފުލުހުން ތަހުގީގު ތެރޭގައި ހަދާފައިވާ އިޖުރާއީ ގޯސްތަކުގެ ސަބަބުންނެވެ. އެގޮތުން:
އެއީ ބައެއް ފަހަރު ފުލުހުން ގަސްތުގައި ރޭވިގެން އެފަދަ މީހުން މިނިވަންކުރަން ކުރާ ކަމެއް ކަމަށް ތުހުމަތު ކުރޭ
ތަފްސީލް - މިދިޔަ އަންގާރަ ދުވަހު 'ދައުރު'އަށް ދެއްވި ހާއްސަ އިންޓަވިއެއްގައި އެ ތުހުމަތުތަކާ ގުޅޭ ގޮތުން ނަވީން ވިދާޅުވީ އެފަދަ ޝަކުވާއެއް އައިސްފި ނަމަ ނުވަތަ ކޯޓުން ނިންމާ ނިންމުމެއްގެ ތެރެއިން ވެސް އެފަދަ ކަމެއް ފާހަގަވެއްޖެ ނަމަ އެތެރޭގެ ތަހުގީގެއްކޮށް އެކަން ހިނގި ސަބަބު ހޯދާ ކަމަށެވެ.
މިހާތަނަށް ފުލުހަކު ގަސްތުގައި އެފަދަ ކަމެއް ކުރިކަން ފާހަގަ ނުވާ ކަމަށް ވިދާޅުވި އެވެ.
ނަވީން ވަނީ އެފަދަ ގޯސްތައް ހެދޭ ސަބަބުތައް ވިދާޅުވެ ދެއްވައިފަ އެވެ. ފުލުހުންގެ އެތެރޭގެ ރިވިއުތަކާ ހަވާލާދެއްވާ އޭނާ ވިދާޅުވީ:
އެފަދަ ކަންކަން ހިނގަނީ ބަލަންވާ ވަރަށް ނުބެލުގެ ސަބަބުން
ތަހުގީގު އަވަސްކުރަން ހަދައިގެން ޝޯޓްކަޓްނެގުން، ސީންއަށް ރަނގަޅަށް އެޓެންޑް ނުވުން، މައްސަލައިގެ ލިޔެކިޔުންތައް ރަނގަޅަށް ނުކިޔުން ފަދަ ކަންކަން ހިނގާފައިވޭ
"ބަލަންވާ ވަރަށް ނުބެލުމުގެ ސަބަބުން ވެއްޓިގެންދާ ކަންކަން ކަމަށް އަޅުގަނޑަށް ފާހަގަވެފައި މި ހުރީ. ގަސްތުގައި ޓެކްނީޝަނެއް އައިއޯއެއް ކަމެއް ކުރިކަން މީގެ ކުރިން ފާހަގަވެފައެއް ނެތް،" ނަވީން ވިދާޅުވި އެވެ.
އާންމުކޮށް އެފަދަ ކަންކަން އަތުން ދޫވާ އެއް ސަބަބެއްގެ ގޮތުުގައި ނަވީން ފާހަގަކުރެއްވީ، ތަހުގީގުތައް އަވަހަށް ނިންމަން ފުލުހުންނަށް އޮންނަ ޕްރެޝަރެވެ. އެހެންވުމުގެ ސަބަބުން ތަހުގީގުކުރާ އޮފިސަރުން އަވަސްކޮށްލައިގެން ތަހުގީގުތައް ނިންމާލަން މަސައްކަތްކުރާއިރު ކަންކަން އަތުން ދޫވަނީ ކަމަށް ނަވީން ވިދާޅުވި އެވެ.
"[އާންމުން ބޭނުންވަނީ] ސީރީސްއެއްގެ އެޕިސޯޑެއްގައި މިވާ ގޮތަށް، އެ އެޕިސޯޓް ނިމޭއިރު މަސައްކަތް ނިމިފައިހުރުން. އެގޮތަކަށް ތަހުގީގުތައް އަޅުގަނޑުމެންނަކަށް ކުރެވޭކަށް ނުއެއް އޮވޭ. އެކަމަކު އެ ޑިމާންޑް އޮވޭ. އެހާ އަވަހަށް ކަންކަން ނިންމަން މި އޮންނަ ޕްރެޝަރު،" ނަވީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވުރެ ބޮޑަށް ފުލުހުންނަށް ހެދޭ ގޯސްތަކާ ގުޅިގެން، ކަންކަން އިސްލާހު ކުރަން އެ މީހުންނަށް އިރުޝާދި ދީގެން ކަންކަން ރަނގަޅު ކުރުން މުހިންމު ކަމަށެވެ.
"އަޅުގަނޑުގެ ސިޔާސަތެއްގެ ގޮތުގައި ހުރިހާ ތަހުގީގުކުރާ ފަރާތަކަށް ވެސް މި އިރުޝާދު މި ދެނީ މިސްޓޭގެއް [ކުށެއް] ހެދިއްޖިއްޔާ މިސްޓޭކުން ލާންކުރާށޭ، ދެން އެ މިސްޓޭކް ތަކުރާރު ނުކުރާށޭ،" ނަވީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިހާރު ގާނޫނުތަކާ ގަވައިދުތައް ހުރި ގޮތުން ހެކި ހޯދުމުގައި ފުރިހަމަކުރަން ޖެހޭ ހާއްސަ އުސޫލުތަކެއް ހުރެ އެވެ. މިސާލެއް ނަންގަވަމުން އޭނާ ވިދާޅުވީ ފޯނަކުން މައުލޫމާތެއް ނަގާ ނަމަ އެކަން ކުރަން ޖެހެނީ ހާއްސަ އުސޫލުތަކެއްގެ ތެރެއިން ގިނަ އޮފިސަރުން ބައިވެރިވެގެންނެވެ.
ތަހުގީގަށް މީހުންނާ ސުވާލު ކުރުމާއި ނަގާ ހެކި ގެންގުޅުމުގައި އަމަލު ކުރަން ޖެހޭ އުސޫލުތައް ހުންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަންކަމަށް މިހާރަށް ވުރެ ބޮޑަށް ފުލުހުން އަހުލުވެރިކުރަން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"ކުރިއާ ވަރަށް ތަފާތު، ގާނޫނީ ގޮތުން އެވިޑެންސްގެ ޗެއިން އޮފް ކަސްޓަޑީ ވީޑިއޯ،އޯޑިއޯ ފޮޓޯ ވެސް ނަގާއިރު ހަމަތަކާއި އުސޫލުތައް ހުންނަން އެބަ ޖެހޭ. އެހެން ވީމާ ރީ-ޓްރެއިން [ތާޒާ] ކުރަން ޖެހޭ ފުލުހުން މިކަންކަމަށް،" ނަވީން ވިދާޅުވި އެވެ.
އޭނާ ގަބޫލުކުރައްވާ ގޮތުގައި ފުލުހުންނަށް ހެދޭ ގޯސްތައް މަދުކޮށް ތަހުގީގުތަކުގެ ފެންވަރު ރަނގަޅުކުރަން ކޮށްލަން ކުރަން ޖެހެނީ ކުދިކުދި ކަންކަމެވެ. އެގޮތުން މައްސަލަތައް ސްޕަވައިޒްކުރާ ފަރާތްތައް އިތުރުކުރުން ފަދަ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.
"މިތާ މުވައްޒަފުން އެބަތިބި. އަޅުގަނޑުމެން މި ބޭނުންވާ އައުޓްޕުޓް ނެރުމުގައި މި ދިމާވެފައި މިހުރީ ކުދިކުދި ކަންކަން. ރީޓްރެއިންކޮށްގެން، ސުޕަވައިޒަރުން ރީޓްރެއިންކޮށްގެން ކުރަން ޖެހޭ ކަންކަން ބުނެދީ ހަދައިގެން އެކަންކަން ރަނގަޅު ކުރެވޭނެ،" ނަވީން ވިދާޅުވި އެވެ.
މައްސަލަތައް ތަހުގީގުކުރާ އޮފިސަރުން ތާޒާކުރާއިރު މީގެ ކުރިން ހަދާފައި ހުރި ގޯސްތައް ދެނެގަނެ އެކަންކަން ތަކުރާރު ނުވާނޭ ގޮތަކަށް ސަމާލުކަން ދީގެން އެކަން ކުރައްވާނޭ ކަމަށް ވެސް ވިދާޅުވި އެވެ.
'ފުލުހުން ގަސްތުގައި ގޯހެއް ނަހަދާނެ؛ އަތުން ކަމެއް ކައްސާލަފާނެ: ނަވީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ