ވަޓްސްއެޕް ޑިލީޓްކުރަން އީރާނުން ރައްޔިތުންނަށް ގޮވާލައިފި

އިސްރާއީލަށް މައުލޫމާތު ފޮނުވާ ކަމަށް ތުހުމަތުކޮށް ވަޓްސްއެޕް ޑިލީޓްކުރުމަށް އީރާނުން ރައްޔިތުންނަށް ގޮވާލައިފިއެވެ. އީރާނުގެ ދައުލަތުގެ ޓީވީން އަންގާރަ ދުވަހު ވަނީ، އެ ގައުމުގެ ރައްޔިތުންގެ ފޯނުތަކުން ވަޓްސްއެޕް އެޕްލިކޭޝަން ޑިލީޓްކޮށްލުމަށް ގޮވާލާފައެވެ. މިކަމަށް ގޮވާލާފައިވަނީ ވަޓްސްއެޕުން ޔޫޒަރުންގެ މައުލޫމާތު އެއްކޮށް އިސްރާއީލަށް ފޮނުވާކަމަށް ތުހުމަތުކޮށް، އެކަމުގެ ވަކި ހެއްކެއް ދެއްކުމެއް ނެތިއެވެ. މި ތުހުމަތުތަކާ ގުޅިގެން ވަޓްސްއެޕުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިފަދަ ދޮގު ރިޕޯޓުތަކަކީ މީހުންނަށް އެންމެ ބޮޑަށް އެ ޚިދުމަތް ބޭނުންވެފައިވާ ދަނޑިވަޅެއްގައި، އެ ޚިދުމަތް ބްލޮކްކުރުމަށް ހަދާ ބަހަނާއަކަށް ވެދާނެކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ. ވަޓްސްއެޕުން ބުނީ، އެ ކުންފުނިން މީހުންގެ ލޮކޭޝަން ނުވަތަ ކާކު ކާކަށް މެސެޖުކުރާކަން ނުބަލާ ކަމަށާއި، ފޮނުވާ އަމިއްލަ މެސެޖުތައް ވެސް ޓްރެކް ނުކުރާކަމަށެވެ. އަދި، އެއްވެސް ސަރުކާރަކަށް ގިނަ އަދަދެއްގެ މައުލޫމާތު އެއްފަހަރާ ނުދޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. ވަޓްސްއެޕުން ބޭނުންކުރަނީ 'އެންޑް-ޓު-އެންޑް އެންކްރިޕްޝަން' ޓެކްނޮލޮޖީއެވެ. މީގެ މާނައަކީ، މެސެޖު ފޮނުވާ ފަރާތާއި މެސެޖު ލިބޭ ފަރާތަށް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެ މެސެޖެއް ނުކިޔޭނެ ގޮތަށް އޮޅުވާލާފައި ހުރުމެވެ. އެހެން ފަރާތަކުން މެސެޖު ހެކްކުރި ނަމަވެސް، ފެންނާނީ އެއްވެސް މާނައެއް ދޭހަނުވާ އަކުރުތަކެއްކަމަށް ވަޓްސްއެޕުން ބުނެއެވެ. ވަޓްސްއެޕުން މިހެން ބުނި ނަމަވެސް، ކޯނެލް ޔުނިވާސިޓީގެ އިންޖިނިއަރިންގެ އެސިސްޓެންޓް ޕްރޮފެސަރެއް އަދި ސައިބަރސެކިއުރިޓީގެ މާހިރެއް ކަމަށްވާ ގްރެގޮރީ ފަލްކޯ ވިދާޅުވާ ގޮތުގައި، ވަޓްސްއެޕްގެ މެސެޖުތައް އެންކްރިޕްޓް ކުރެވިފައިވީ ނަމަވެސް، އެންކްރިޕްޓް ނުކުރެވޭ 'މެޓަޑޭޓާ' (މެސެޖާ ގުޅުންހުރި އިތުރު މައުލޫމާތު) ދެނެގަތުމަކީ ކުރެވިދާނެ ކަމެކެވެ. އީރާނަކީ ވަޓްސްއެޕް ފަދަ މެސެޖިން އެޕްލިކޭޝަންތަކާ ދެކޮޅަށް ފިޔަވަޅު އަޅާ ހަމައެކަނި ޤައުމެއް ނޫނެވެ. މިފަދަ އެޕްލިކޭޝަންތަކުން 'އެންޑް-ޓު-އެންޑް އެންކްރިޕްޝަން' ބޭނުންކުރާތީ، ސަރުކާރުތަކަށް ރައްޔިތުންގެ މެދުގައި ބަދަލުކުރެވޭ މެސެޖުތައް މޮނިޓަކުރުމަށް ދަތިވެއެވެ. މިކަމުގެ ސަބަބުން، ޤައުމީ ސަލާމަތަށް ނުރައްކާވެދާނެކަމުގެ ބިރަށާއި، ޓެރަރިސްޓް ޙަރަކާތްތައް ހިންގުމަށާއި، ސަރުކާރާ ދެކޮޅު ހަރަކާތްތައް އިންތިޒާމުކުރުމަށް މިފަދަ އެޕްލިކޭޝަންތައް ބޭނުންކޮށްފާނެކަމުގެ ކަންބޮޑުވުމުގައި ބައެއް ޤައުމުތަކުން ވަނީ ވަޓްސްއެޕްއަށް ފިޔަވަޅު އަޅާފައެވެ. މިސާލަކަށް، ޗައިނާގައި ވަޓްސްއެޕް ވަނީ މުޅިން މަނާކޮށްފައެވެ. އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ފަދަ ބައެއް ޤައުމުތަކުގައި ވަޓްސްއެޕްގެ ވޮއިސް އަދި ވީޑިއޯ ކޯލްގެ ޚިދުމަތް ވަނީ ބްލޮކްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ