ދެއަހަރުތެރޭ ކުޑަގިރިއަށް 54،724 މީހުން ޒިޔާރަތްކުރި: އެޗްޑީސީ

ކުޑަގިރި ހުޅުވިތާ ދެ އަހަރުވެގެންދިޔައިރު، އެރަށަށް 54،724 މީހުން ޒިޔާރަތްކޮށްފައިވާކަމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
މިއަދަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން، މަސައްކަތު މާހައުލުން ދުރަށް ޖެހިލައި ޕިކްނިކް ގޮސް މަޖާކޮށްލުމަށް ސަރުކާރުން ކުޑަގިރި ތަރައްޤީކުރިތާ ދެއަހަރު ފުރުނު ދުވަހެވެ. ކުޑަގިރި ހުޅުވިތާ ދެއަހަރު ފުރުމާ ގުޅިގެން، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލް އަދި ޗެއާމެން އަހްމަދު ނާސިފްގެ އިތުރުން ކުންފުނީގެ ބޯޑު މެންބަރުން މިއަދު ވަނީ ކުޑަގިރިއަށް ޒިޔާރާތްކުރައްވައި އެރަށުގައި މިހާރު ޤާއިމްކޮށްފައިހުރި އިންތިޒާމުތައް ބައްލަވާލައްވާފައެވެ. މި ޒިޔާރަތުގައި ވަނީ، ކުޑަގިރީގައި ހިޔާދޭ ބިޔަ ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފައެވެ.
މިކަމާ ގުޅިގެން އެޗްޑީސީން ބުނީ ކުޑަގިރި ހުޅުވައި ޕިކްނިކް ދިއުމަށް ހުޅުވާލިތާ ދެއަހަރު ފުރިގެންދިޔައިރު، 54،724 މީހުން އެރަށަށް ޒިޔާރަތްކޮށްފައިވާކަމަށެވެ. އެޗްޑީސީން ބުނީ ކުޑަގިރިއަށް ދަތުރުދާ ފަރާތްތަކަށް އެރަށުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ކަސްޓަމަރ ސެޓިސްފެކްޝަން ހުރީ 70 އިންސައްތައިގައިކަމަށެވެ.
Advertisement
އެޗްޑީސީން މިއަދު ކުޑަގިރިއަށް ކުރި ދަތުރުގެ ތެރެއިން.. ފޮޓޯ: އެޗްޑީސީ
ކުޑަގިރިއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެޗްޑީސީން ދޭ ހިދުމަތްތަކާމެދު އެރަށަށް ދާ ފަރާތްތަކުން ހިތްހަމަޖެހޭކަން ފާހަގަކޮށްފައިވާއިރު، އެ ރަށުން ދޭ ހިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް
ރަނގަޅު ކުރުމަށް މަސައްކަތްކުރަމުންދާކަމަށް އެޗްޑީސީން ބުނެއެވެ. އެގޮތުން، ކުޑަގިރިއަށް
ދަތުރު ދިއުމާއި، އެތަނުގެ ވަސީލަތްތައް ބުކް ކުރުން ފަސޭހަ ކުރުމަށް މިއަދު ހުޅުމާލޭގައި ކުޑަގިރީގެ އިންފޮމޭޝަން ކައުންޓަރެއް ހުޅުވާފައިވާކަން އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ. މި ކައުންޓަރުން
ކުޑަގިރިއާބެހޭ މައުލޫމާތު ހޯދުމުގެ އިތުރުން، ދަތުރު ދިއުމުގެ އިންތިޒާމުތައް
ހަމަޖެއްސުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނޭކަމަށްވެސް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން މިއަދު ކުޑަގިރިއަށް ކުރި ދަތުރުގެ ތެރެއިން.. ފޮޓޯ: އެޗްޑީސީ
އެޗްޑީސީން ވަނީ އަންނަ އޭޕްރީލް މަހުން ފެށިގެން ކުޑަގިރީގެ ހިދުމަތްދޭ ގަޑި ކޮންމެ
ދުވަހެއްގެ ރޭގަނޑު 11:30 އަށް އިތުރުކުރުމަށް ނިންމާފައެވެ. މީގެ މައިގަނޑު ސަބަބަކީ ކުޑަގިރީގައި އެކިއެކި އިވެންޓުތައް ބާއްވަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު
ފަހިކޮށްދިނުމެވެ.
މީގެ އިތުރުން އެޗްޑީސީން ވަނީ ކުޑަގިރީގައި ޑައިވް ސެންޓަރެއްވެސް ހެދުމަށް ނިންމާފައެވެ. އެޗްޑީސީއާއި އެމްއެމްޕީއާރްސީ އަދި އެމްޓީސީސީ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއުގެ މައިގަނޑު މަޤްސަދަކީ، ރާއްޖެއަށް ފަތުރުވެރިން ޝައުގުވެރި ކުރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިވުމެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ