މަސްކުގެ ރުޅިގަނޑު ފަޅައިގެން ގޮސް ޓްރަމްޕް މަގާމުން އަޒުލް ކުރަން ޖެހޭ ކަމަށް ބުނެފި މަސްކުގެ ރުޅިގަނޑު ފަޅައިގެން ގޮސް ޓްރަމްޕް މަގާމުން އަޒުލް ކުރަން ޖެހޭ ކަމަށް ބުނެފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އެމަނިކުފާނު އެ މަގާމަށް ހޮވަން އެންމެ ބޮޑަށް މަސައްކަތްކުރި ބިލިއަނަރު އިލޮން މަސްކްއާ ދެމެދު މައްސަލަ ޖެހި، ޓްރަމްޕް މަގާމުން އަޒުލް ކުރަން ޖެހޭ ކަމަށް މަސްކް ބުނެފި އެވެ.
އެކްސް ގައި ޓްރަމްޕް މަގާމުން އަޒުލްކޮށް އެ މަގާމު ނައިބުރައީސް ޖޭޑީ ވެންސްއާ ހަވާލުކުރަން ޖެހޭ ކަމަށް ބުނެ މީހަކު ކޮށްފައިވާ ޕޯސްޓަކަށް ޖަވާބު ދެމުން މަސްކް ވަނީ އެކަމަށް އެއްބަސްވެފަ އެވެ.
މަސްކް އާއި ޓްރަމްޕްއާ ދެމެދު މައްސަލަ ޖެހުނީ މިދިޔަ މެއި މަހު ފަހުކޮޅު އެމެރިކާގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސް އިން ފާސްކުރި ޓްރަމްޕްގެ ބަޖެޓު ބިލާއި ގުޅިގެންނެވެ.
މަސްކް ބުނީ ބަޖެޓް ބިލާއި ގުޅިގެން އެމެރިކާގެ ބަޖެޓް ޑެފިސިޓް 2.5 ޓްރިލިއަން ޑޮލަރަށް އަރައިގެންދާނެ ކަމަށާއި އެ ބިލަަށް ވޯޓުދިން އެންމެންނަށް ވެސް ކުރެވުނީ ގޯސް ކަމެއްކަން އެނގޭނެ ކަމަށެވެ.
މަސްގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޓްރަމްޕް ވިދާޅުވީ ބަޖެޓުން ބިލިއަން ޑޮލަރު ސަލާމަތް ކުރެވެން އޮތް ފަސޭހަ ގޮތަކީ މަސްކްގެ ކުންފުންޏަށް ދީފައިވާ ސަބްސިޑީތަކާއި ހަދާފައިވާ އެއްބަސްވުންތައް ބާތިލު ކުރުން ކަމަށެވެ.
މިދިޔަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިހާބު ޓްރަމްޕްއަށް ކާމިޔާބުކޮށްދޭން މަސްކް 200 މިލިއަން ޑޮލަރު ހަރަދުކުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިގޮތުން ޓްރަމްޕް ވެރިކަމަށް އައިސް ޑިޕާޓްމަންޓް އޮފް ގަވަމަންޓް އިފިޝިއަންސީގެ ނަމުން އިދާރާއެއް އުފައްދަވައި އެ އިދާރާ މަސްކްއާ ހަވާލުކުރެއްވި އެވެ.
އެ އިދާރާއިން އެމެރިކާ ސަރުކާރުން ކުރާ ހަރަދުތައް ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ފާއިތުވެދިޔަ ދުވަސްތަކުގައި ކޮށްފައިވެ އެވެ. މިގޮތުން މަސްކްއާ ޓްރަމްޕް ހަވާލުކުރެއްވި އެ އިދާރާގެ މަސައްކަތް ނިމުނީ މިދިޔަ މަހު އެވެ.
މަސްކް އިތުރަށް ބުނީ އޭނާގެ އެހީތެރިކަން މިދިޔަަ ރިޔާސީ އިންތިހާބުގައި ޓްރަމްޕަށް ނުލިބުނުނަމަ އިންތިހާބު ކާމިޔާބުކުރާނީ ޑިމޮކްރެޓްސް ކަމަށެވެ.
ޓްރަމްޕް ވަނީ މަސްކް އެމަނިކުފާނާ ދެކޮޅުވި ނަމަވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެ، ބަޖެޓް ބިލު ދިފާއުކޮށް ވާހަކަ ދައްކަވާފަ އެވެ. އެގޮތުން އެ ބިލުގެ ސަބަބުން ހަރަދުތައް ކުޑަވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ