ފަލަސްތީނުގެ މެޑިކަލް އަދި ލޯކަލް މަސްދަރުތަކުން ބުނާ ގޮތުގައި އީދުގެ ދެވަނަ ދުވަހު އިސްރާއީލުން ގާޒާއަށް ދިން ވައިގެ ހަމަލާތަކުގައި ގާތްގަނޑަކަށް 50 މީހުން މަރުވެ 100 އެއްހާ މީހުން ޒަހަމްވެއްޖެ އެވެ.
ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ފެށި މި ހަމަލާތައް ވަނީ އާބާދީ ބޮޑު މީހުން ދިރިއުޅޭ އަވަށްތަކާއި ގެދޮރު ގެއްލިފައިވާ އާންމުންގެ ވަގުތީ ހިޔާތައް ހިމެނޭ ގޮތަށް އެތައް ސަރަހައްދަކަށް ހަމަލާ ދީފަ އެވެ.
ގާޒާ ސިޓީގެ ސަބްރާ ސަރަހައްދުގައި އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ދެ މިސައިލުން ގެއަކަށް ހަމަލާދީ ހަ ކުޑަކުދިން ހިމެނޭ ގޮތަށް 15 މީހުން މަރުވެ 50 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް މެޑިކަލް މަސްދަރުތަކުން ބުނެފައިވެ އެވެ. ރެސްކިއު ޓީމުތަކުން ބުނާގޮތުގައި މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށާއި، ގެއްލިގެން ހޯދަމުންދާ ބައެއް މީހުން އަދިވެސް ތިބީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ކަމަށް ބެލެވެ އެވެ.
ގާޒާގެ ދެކުނުގައި އިސްރާއީލުން ބޮން ގޮއްވާލި ކަމަށް ރިޕޯޓްތައް ބުނާއިރު، ޚާން ޔޫނިސްގެ ހުޅަނގުން ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ މީހުންނަށް ހިޔާވަހިކަން ދީފައިވާ ޓެންޓްތަކަށް އަމާޒުކޮށްދިން ހަމަލާތަކުގައި 12 މީހަކު މަރުވި އެވެ. މަރުވި މީހުންގެ ތެރޭގައި އެއް އާއިލާގެ ހަތަރު މެންބަރުން ވެސް ހިމެނެ އެވެ.
އެހެން ތަނެއްގައި ގާޒާ ސިޓީގެ ހުޅަނގުން ގެއަކަށް ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ ހަތް މީހަކު މަރުވެފައިވާއިރު، ގާޒާގެ އުތުރުގެ އަލްސަފްތާވީ ސަރަހައްދުގައި އާންމުންނަށް އަމާޒުކޮށް އާޓިލަރީން ދިން ހަމަލާގައި އިތުރު ދެ މީހަކު މަރުވެފައިވެ އެވެ. ޖަބަލިއާ ރެފިއުޖީ ކޭމްޕް ކައިރީގައި އޮންނަ އަބޫ ޝްރެކް ސަރަހައްދުގައި އެއްވެ އުޅުނު މީހުންނަށް ދިން ވައިގެ ހަމަލާއެއްގައި ވެސް ތިން މީހަކު މަރުވެފައިވާއިރު، ހަމަ އެ ސަރަހައްދުގެ އަލް މުޖައިދާ ސްޓޭޝަން ކައިރީގައި ދިން ހަމަލާއެއްގައި އިތުރު ތިން މީހަކު މަރުވެފައިވެ އެވެ.
ވަކިވަކިން ރަފާހުގެ ހުޅަނގުން އެހީ ބެހުމުގެ މަރުކަޒެއް ކައިރީގައި އިސްރާއީލުގެ ސިފައިން ބަޑިޖަހައި ފަލަސްތީނުގެ ހަ މީހަކު މަރާލާފައިވާއިރު، އިތުރު ބަޔަކު ޒަހަމްވެފައިވާ ކަމަށް ލޯކަލް މަސްދަރުތަކުން ބުނެ އެވެ. މެއި މަހުގެ 27 ވަނަ ދުވަހުން ފެށިގެން އިންސާނީ އެހީ ހޯދަން އުޅެނިކޮށް އިސްރާއީލުގެ ބަޑިޖެހުމުގެ ސަބަބުން މަދުވެގެން 115 މީހުން މަރުވެފައިވާއިރު، 580 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު ނުވަ މީހަކު އަދިވެސް ގެއްލިފައިވާ ކަމަށް އަނަޑޯލޫ ރިޕޯޓް ކުރެ އެވެ.
އެންމެ ފަހުގެ ހާލަތު ގޯސްވެފައިވަނީ އީދުގެ ފުރަތަމަ ދުވަސް ކަމަށްވާ ހުކުރު ދުވަހުގެ ތެރޭގައި ފަލަސްތީނުގެ 33 މީހަކު މިފަދަ ހަމަލާތަކެއްގައި މަރުވުމާ ގުޅިގެންނެވެ.
ޓެލެގްރާމް މެދުވެރިކޮށް ހިއްސާކުރި ބަޔާނެއްގައި ހަމާސްއިން ސިފަކުރި "ފަނާކުރުމުގެ އަނިޔާވެރި ހަނގުރާމަ" ކުށްވެރިކޮށް، ހުކުރު ދުވަހު އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އެއް އާއިލާއެއްގެ 40 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ބުނެ އެވެ. އެ ޖަމާއަތުން ވަނީ އަރަބި އަދި މުސްލިމް ގައުމުތައް ހިމެނޭ ގޮތަށް ބައިނަލްއަގްވާމީ މުޖުތަމައު އަށް އިސްރޭލުގެ އަމަލުތައް ހުއްޓުވައިދިނުމަށް ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ.
މިއީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިސްރާއީލުން ގާޒާއަށް އަސްކަރީ ހަމަލާއެއްދޭން ފެށި ފަހުން ހަތަރު ވަނަ އީދު ދުވަހެވެ.
ފަލަސްތީނުގެ ފޮޓޯގްރާފަރު ޚަލީލް އަލްޝަގްނޫބީ އޮންލައިންކޮށް އާންމުކުރި ފޫޓޭޖުތަކުން ފެންނަނީ ހޮނިހިރު ދުވަހުގެ ވައިގެ ހަމަލާތަކުގެ ތެރެއިން އެއް ހަމަލާއަށް ފަހު ގާޒާ ސިޓީގެ ސަބްރާ ސަރަހައްދުގައި ހަލަބޮލިކަމާއި ފަނާކުރަނިވި މަންޒަރުތަކެވެ. ރިޕޯޓްކޮށްފައިވާ ވަކި ހާދިސާތަކާ ގުޅޭ ގޮތުން އިސްރާއީލުގެ އަސްކަރިއްޔާގެ ފަރާތުން މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ.
އިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކުގައި އީދުގެ ދެވަނަ ދުވަހު ފަލަސްތީނުގެ 50 މީހުން މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ