މިދިޔަ މަހުގެ 18 ވަަނަ ދުވަހު އިމާރާތެއްގެ މަތީން އެ އިމާރާތާއި ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅިގެން ޒުވާނުންގެ ބަޔަކު ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތައް މަޖީދީ މަގުގައި ކުރިއަށް ގެންދިއުމަށް ފަހު ކާނިވާ ސަރަހައްދަށް ބަދަލުކޮށްފި އެވެ.
މިދިޔަ ރޭތަކުގައި އެ ޒުވާނުން މުޒާހަރާކުރީ މަޖީދީމަގުގަ އެވެ. ނަަމަވެސް ބާރުގެ ބޭނުންކޮށް ރޭގެ މުޒާހަރާ ފުލުހުން ރޫޅާލީ އެވެ. ރޭގެ މުޒާހަރާގައި އެ މީހުން ތިބީ މަގުމަތީ އިށީންދެ ގެންނެވެ. ބައެއް މީހުން ތިބީ ކެރަމް ކުޅޭށެވެ. އަނެއް ބަޔަކު މިއުޒިކު ކުޅޭށެވެ.
ފުލުހުން ބުނީ އެ އިހްތިޖާޖުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ވިޔަފާރިތަކަށް ނޭދެވޭ އަސަރު ކުރާކަމުގެ ޝަކުވާ ކެނޑިނޭޅި ދިޔައީ ލިބެމުން ކަމަށެވެ. މި އިހްތިޖާޖުގައި މަޖީދީމަގު ފަދަ މުހިންމު މަގެއް ދަތުރުފަތުރަށް ބަންދުކޮށް މިއުޒިކު ކުޅުމާއި ޓޭބަލް ޓެނިސް އަދި ކެރަމް ކުޅުން ފަދަ އާންމު މަސްލަހަތަށް ފުށުއަރާ ކަންތައްތަކެއް ކުރަމުން ގެންދާތީ އެކަންކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާނެ ކަމަށެވެ.
Advertisement
ގާނޫނީ އިންޒާރާއެކު ޒުވާނުންގެ މުޒަހަރާ ކާނިވާ ސަރަހައްދުގައި ކުރަނީ -- ފޮޓޯ: ވޮއިސް
މީގެ އިތުރުން މިއަދަކީ ޖީސީއީ އޯލެވަލް އިމްތިހާނަށް ގިނަ ދަރިވަރުން ހާޒިރުވާން ޖެހޭ ދުވަހަކަށް ވާތީ އެކިރޭ މަތީން ތަކުރާރުކޮށް ނަސޭހަތްތެރިވެ ގާނޫނީ އިންޒާރު ދިނުމަށް ފަހު ރޭގެ އިހްތިޖާޖު ރޫޅާލީ ކަމަށް ބުންޏެވެ.
އޭގެ ފަހުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އިން މިއަދު ވަނީ ހުއްދަ ހޯދުމަކާ ނުލައި އެއްވެވޭނެ ތަންތަން ކަނޑައަޅާފަ އެވެ. ގެޒެޓް ކުރި ގަވާއިދުގައި ބުނެފައި ވަނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ޅ) ގެ ދަށުން މިހާރު ކަނޑައަޅާފައިވަނީ އެންމެ ސަރަހައްދެއް ކަމުގައިވާތީ އެ ނިންމުމަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
އެގޮތުން މިހާރު ކަނޑައަޅާފައިވަނީ ހަތަރު ސަރަހައްދެކެވެ. އެއީ ހެންވޭރު ކާނިވާ ސަރަހައްދާއި ރަސްފަންނު ސަރަހައްދާއި މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި) ގެ އިތުރުން އުސްފަސްގަނޑު ސަރަހައްދެވެ.
އަދި ފުލުހުން ވަނީ ހުއްދަ ނެތް ތަންތާ ބާއްވާ އެއްވުންތައް ރޫޅާލާ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ގާނޫނީ އިންޒާރާއެކު ޒުވާނުންގެ މުޒަހަރާ ކާނިވާ ސަރަހައްދުގައި ކުރަނީ -- ފޮޓޯ: ވޮއިސް
އެ އިންޒާރާގެ މުޒާހަރާގެ ބައިވެރީން މިރޭ އެއްވީ ކާނިވާ ސަރަހައްދަށެވެ. އެ ސަރަހައްދުގައި ތިބެ އަޑުއުފުލި އެވެ. މިރޭ ވެސް އެ މީހުން ތިބީ ފުލުހުންނަށް ހުތުރު ބަސްތައް ރައްދުކޮށް ލިޔެފައިވާ ބޯޑްތައް ހިފައިގެންނެވެ.
ފުލުހުން ބުނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ސުލްހަވެރި އެއްވުންތަކަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެފަދަ އެއްވުންތައް ބާއްވާ ސަރަޙައްދުތަކުގެ މަގުތަކާއި އެއްވުން ނުވަތަ ހިނގާލުން ކުރިއަށް ގެންދިއުމަށް ބޭނުންވާނެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އިންތިޒާމު ފުލުހުން ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފަ އެވެ.
ގާނޫނީ އިންޒާރާއެކު ޒުވާނުންގެ މުޒަހަރާ ކާނިވަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ