ގަތަރުގެ ޝާހީ އާއިލާގެ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ކުންފުންޏާއި ދިވެހި ސަރުކާރާ ގުޅިގެން އުފައްދާ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ވާނީ ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ބަދަލުވާން ދިއުމުގެ 'ލޯންޗު ޕެޑް'އަށް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒާއި ޝޭހް ނާއިފް ބިން އީދު އަލް ތާނީގެ ހާޒިރުގައި ކުރުނބާ މޯލްޑިވްސް ރިސޯޓުގައި މިރޭ ބޭއްވި ހަފްލާއެއްގައި، 8.8 ބިލިއަން ޑޮލަރު (135.6 ބިލިއަން ރުފިޔާ)ގެ މާލީ ޒޯން ގާއިމުކުރުމަށް ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.
ބުނީ ކީކޭ؟ - އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިރޭ އިފްތިތާހްކުރި މަޝްރޫއަކީ ހަމައެކަނި އުމްރާނީ ބިނާއެއް ނޫން ކަމަށާއި މި މަޝްރޫއުގައި ހިމެނެނީ ވަރަށް ބޮޑު ގައުމީ ވައުދެއް ކަމަށެވެ. އެއީ އިގުތިސޯދު ސިންދަފާތު ކުރުމުގެ އިތުރަށް ދިވެހީން ބާރުވެރިކުރުމުގެ މަސައްކަތް ފެށުން ހިމެނޭ ބޮޑު އަޒުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ދުނިޔޭގެ އެންމެ މަގުބޫލު ޓޫރިސްޓު މަންޒިލްތަކުގެ ތެރޭގައި ލީޑުކުރާ ގައުމެއްގެ ގޮތުގައި މިވީހާ ދުވަހު އޮތުމަށް ފަހު މި މަޝްރޫއާއެކީ މާލީ ދާއިރާއިން ވެސް ރާއްޖެ ކުރިއަރައިގެންދާ މަންޒަރު ފެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ ހަމައެކަނި ކުދި ޖަޒީރާ ގައުމެއް ނޫން، 'ސްމާޓް' ޖަޒީރާ ގައުމެއް،" ރައީސް ވިދާޅުވި އެވެ.
މި ތައާރަފުކުރަނީ ދުނިޔެ ދެކެފައިވާ ދުވަސްވީ މޮޑެލްތަކެއް ނޫން ކަމަށާއި މުޅިން ވެސް އާ ބެންޗުމާކެއް އުފައްދަން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެމްއައިއެފްސީ އަކީ، 2040 ވަނަ އަހަރު އަންނަން ވާއިރަށް ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ވުމަށްޓަކައި އަޅުގަނޑުމެންގެ ލޯންޗު ޕެޑް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - މި މަޝްރޫއުގެ ދަށުން ތަރައްގީކުރާނެ ތަންތަނުގެ ތެރޭގައި ހިމެނެނީ، އެމްއައިއެފްސީން ބުނި ގޮތުގައި:
3،500 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ ކޮންފަރެންސް ސެންޓަރެއް؛ ބައިނަލްއަގުވާމީ ފެންވަރުގެ ކޮންފަރެންސްތަކާއި ސަގާފީ ހަރަކާތްތަކާއި އާ އީޖާދުތަކަށް މަގުފަހިކުރާ ހެކަތޯންތައް ބާއްވާނެ
ބައިނަލްއަގުވާމީ އޮފީސްތަކަށް ހާއްސަ ތިން އޮފީސް ޓަވަރު
މޫދު ކައިރީގައި ތަރައްގީކުރާ މަތީ ފެންވަރުގެ ގެތައް
ދުނިޔޭގެ ނަން މަޝްހޫރު ހޮޓާތައް
މަތީ ފަންތީގެ ފިހާރަތައް
އޯޝަނޮގްރަފިކް މިއުޒިއަމެއް
ދުނިޔޭގެ ފެންވަރުގެ ކުޅިވަރާ ބެހޭ ތަންތަން
ދުޅަހެޔޮކަމުގެ އެންމެ ޒަމާނީ މަރުކަޒުތައް
މިސްކިތެއް
އިންޓަނޭޝަނަލް ސްކޫލެއް ހިމެނޭ ގޮތަށް ފެންވަރު ރަނގަޅު ތައުލީމީ ވަސީލަތްތައް
އެމްއައިއެފްސީގައި ހަރަކާތްތެރިވާ ކުންފުނިތަކުން ޓެކްސް ދައްކަން ނުޖެހޭއިރު، އެ ތަނުގައި އަހަރުގެ ވަކި މުއްދަތެއްގައި ދިރިއުޅެން މަޖުބޫރެއް ވެސް ނުވާނެ ކަމަށް އެމްއައިއެފްސީން ބުންޏެވެ.
މީގެ އިތުރުން، ފައިސާގެ އެކި މުއާމަލާތްކުރެވޭ ބޭންކިން އަދި އޮފްޝޯ ބޭންކިންގެ ހިދުމަތް ވެސް ލިބޭނެ އެވެ. އަދި ޑިޖިޓަލް އެސެޓްތަކާއި ތިމާވެއްޓާ ރަށްޓެހި ގޮތްގޮތުން ފައިސާ ހޯދުމުގެ މަގުތައް ވެސް ފަހިކުރާނެ ކަމަށް އެމްއައިއެފްސީން ބުންޏެވެ.
މި ސަރަހައްދު:
ފަރުމާކޮށްފައިވަނީ މާސްޓަ ޕްލޭނަރު އާކިޓެކްޓް ޖިއާނީ ރަނާއުލޯ؛ އޭނާ ވަނީ އެ ސެންޓަރު ފަރުމާކޮށްފައިވާ ގޮތާ ބެހޭ ޕްރެޒެންޓޭޝަނެއް މިރޭގެ ހަފްލާގައި ދެއްވާފައި
އިމާރާތްތަކާއި އާންމު ތަންތަނަށް ހަކަތަ ފޯރުކޮށްދޭނީ އިއާދަކުރަނިވި ހަކަތައިން
ހިނގާ މީހުންނަށް ފަސޭހަވާނެ، ހުޅުވިފައިވާ މާހާއުލެއް ދެމެހެއްޓުމަށްޓަކައި ދަތުރުފަތުރާއި ލޮޖިސްޓިކްސްގެ ވަސީލަތްތައް ހުންނާނީ ބިމުގެ އަޑީގައި
އެނގުން މުހިންމު - އެމްއައިއެފްސީން ބުނި ގޮތުގައި، މި މަޝްރޫއުގެ ސަބަބުން ފަސް އަހަރުގެ ތެރޭގައި 1 ބިލިއަން ޑޮލަރަށް ވުރެ މަތިން އާމްދަނީ ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.
އެމްއެފްއައިސީއަކީ ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ބަދަލުވުމުގެ މައި ބިންގާ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ