ބޯންމައުުތުގެ އަތްދަށުވެ އާސެނަލް ޕްރެޝަރު ހާލަތަކާ ދިމާލަށް ބޯންމައުުތުގެ އަތްދަށުވެ އާސެނަލް ޕްރެޝަރު ހާލަތަކާ ދިމާލަށް

ލަންޑަން (މެއި 4) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމައުތު އަތުން 2-1 އިން އާސެނަލް ބަލިވެ، ލީގުގެ ގަދަ ހަތަރެއްގެ ރޭހުގެ ޕްރެޝަރުތަކާ ދިމާލަށް މިސްރާބު ޖަހައިފި އެވެ.
ލީގު ޗެމްޕިއަންކަން ހޯދަން ވާދަކުރި އާސެނަލަށް މިހާރު ވަނީ ތަށި ގެއްލިފަ އެވެ. އެއީ، މިދިޔަ ހަފްތާގައި އެއް ވަނައިގައި އޮތް ލިވަޕޫލުން ނެރުނު ނަތީޖާ އަށް ފަހު އެވެ. އާސެނަލަށް ލީގު ގެއްލުނު ފަހުން ކުޅުނު ފުރަތަމަ މެޗުގައި ނުކުތް ނަތީޖާ އަށް ފަހު، އެ ޓީމަށް ދެ ވަނަ މަގާމުގައި އޮތް ލީޑު ވަނީ ކުޑަވެފަ އެވެ.
އާސެނަލް، ލީގުގެ ދެ ވަނައިގައި އޮތީ 35 މެޗުން 67 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 35 މެޗުން ވަނީ 64 ޕޮއިންޓް ލިބިފަ އެެވެ. ލީގުގެ ހަތަރެއްގައި އޮތް، ނިއުކާސަލް ޔުނައިޓެޑަށް ވަނީ 34 މެޗުން 62 ޕޮއިންޓް ލިބިފަ އެވެ. އަދި، ފަސް ވަނައިގައި އޮތް ޗެލްސީ އަށް ވަނީ 34 މެޗުން 60 ޕޮއިންޓް ލިބިފަ އެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި ޕީއެސްޖީ އަތުން 1-0 އިން ބަލިވި ފަހުން ކުޅުނު ފުރަތަމަ މެޗުގައި، ރޭ އާސެނަލުން ލީޑުނެގި އެވެ. މި ލަނޑު ޖެހީ، މާޓިން އޮޑެގާޑް ދިން ބޯޅައަކުން ޑެކްލަން ރައިސް އެވެ. މިއީ، އާސެނަލަށް ރައިސް ކުޅެދިން ފުރަތަމަ މެޗެވެ.
ބޯންމައުތުން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގައި ބަދަލުތަކެއް ގެނެސްގެން ކުޅުނު ރަނގަޅު ކުޅުންތަކާ އެކު އެވެ. އެ ގޮތުން، 67 ވަނަ މިނިޓްގައި ބޯންމައުތުން އެއްވަރުކުރީ، އަންޓުއާން ސެމެންޔޯގެ ދިގު އެއްލުމަކުން، ޑީން ހައުސަން ބޮލުން ޖެހި ގޯލަކުންނެވެ. މެޗުން ބޯންމައުތު މޮޅުކޮށްދިން ލަނޑު ޖެހީ، 75 ވަނަ މިިނިޓްގައި އެވަނިލްސަން އެވެ. މި ގޯލު ޖަހަން ބޯޅަ ގޯލަށް ވަނީ، އެވަނިލްސަން އަތުގައި ޖެހިފައިތޯ ބަލަން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ވަނީ ބަލައިފަ އެވެ.
ލީގުގައި ރޭ ކުޅުނު މެޗުތަކަށް ބަލާއިރު، އެސްޓަން ވިލާ އިން 1-0 އިން ފުލަމް ބަލިކުރިއިރު، ރެލިގޭޓްވެފައިވާ ލެސްޓާ ސިޓީ ވަނީ 2-0 އިން ސައުތެމްޓަން ބަލިކޮށްފަ އެވެ. އަދި، އިޕްސްވިޗް ޓައުން ވަނީ 2-2 އިން އެވަޓަންއާ އެއްވަރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ