ސަން ސިޔާމް ގުރޫޕަށް 35 އަހަރު: ގަދަ އަޒުމާއެކު ކާމިޔާބު ދަތުރެއް
މީގެ 35 އަހަރު ކުރިން، 1990 ވަނަ އަހަރު ސަން ޓްރެވަލްގެ ނަމުގައި ކުންފުންޏެއް އުފައްދަވައިގެން، ފަންނުވެރި މުވައްޒަފުންތަކަކާއެކު އަހްމަދު ސިޔާމް މުޙައްމަދު ފެއްޓެވި ދަތުރުފުޅަކީ ގިނަ އުންމީދުތަކަކާއި، ހުވަފެންތަކަކާއެކު ފެއްޓެވި ދަތުރުފުޅެކެވެ. އެންމެ ފުރަތަމަ ކުންފުނި އުފެދުނުތާ މިއަދަށް 35 އަހަރުވީއިރު، މި ދަތުރު މިއަދު ބިނާވެފައި މި ވަނީ އެތައް ގޮންޖެހުމަކުން އަރައިގަނެ، ހޯދުނު ކާމިޔާބީގެ ވަރުގަދަ ތާރީޚެއްގެ މައްޗަށެވެ. މިއަދު ސަން ސިޔާމް ގްރޫޕް އޮފް ކޮމްޕެނީޒްއަކީ ރާއްޖޭގައި ހޮސްޕިޓާލިޓީ ސިނާއަތުގެ އެންމެ ކާމިޔާބު އެއް ކުންފުންޏެވެ. ސަން ސިޔާމް ރިސޯޓްސްގެ ދަށުން މިއަދު އަންނަނީ ރާއްޖޭގައި މަތީ ފަންތީގެ އެންމެ ފުރިހަމަ ޚިދުމަތް ލިބޭ ފަސް ރިސޯޓު ހިންގަމުންނެވެ. ސަން ސިޔާމް ގްރޫޕް އޮފް ކޮމްޕެނީޒްގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު، އަޙުމަދު ސިޔާމް މުޙައްމަދު-- ފޮޓޯ: ސަން އޭގެ ތެރޭގައި ހިމެނެނީ ސިޔާމް ވޯލްޑާއި, އިރުފުއްޓާއި ވިލުރީފުގެ އިތުރުން އިރުވެއްޔާއި އޮޅުވެއްޔެވެ. މީގެ އިތުރުން ސްރީ ލަންކާގައި ވެސް ރިސޯޓެއް ހިންގައެވެ. މި ދިގު މުއްދަތުގައި އެ މަނިކުފާނުގެ ކުންފުނީގެ ދަތުރާއި ކާމިޔާބީއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ސަން ސިޔާމް ގްރޫޕް އޮފް ކޮމްޕެނީޒްގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު، އަޙުމަދު ސިޔާމް މުޙައްމަދު "ސަން"އަށް ވިދާޅުވީ މި ދިގު ދަތުރަކީ، ފަސޭހަ ނޫނަސް، ވަރަށް ކާމިޔާބު ދަތުރެއް ކަމަށެވެ. އަދި ކުޑަކުޑަ ޓްރެވަލް އެޖެންސީއަކުން ފެށި މި މަސައްކަތް މިއަދު، ވަނީ މުޅި ދުނިޔޭގައި ނަން ހިނގާ މަޝްހޫރު ހޮސްޕިޓާލިޓީ ގްރޫޕަކަށް ބަދަލުވެފައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. "މިއީ ފަސޭހަ ދަތުރެއް ނޫން، މިއީ ކަށަވަރުކަމާއި، ބުރަ މަސައްކަތާއެކު، ސާބިތުކަމާއެކު ދެކެމުން އައި ހުވަފެނެއް. [އަޅުގަނޑުގެ މި ދަތުރުގައި] އެހާރާއި މިހާރު ވެސް އަޅުގަނޑާއެކު މަސައްކަތްކުރެއްވި ކޮންމެ ޓީމު މެންބަރަކަށްމެ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން،" ސިޔާމް ވިދާޅުވިއެވެ. އެއާއެކު ސިޔާމް ވަނީ، އެންމެ ފުރަތަމަ އެ މަނިކުފާނާއެކު ކުންފުނިން މަސައްކަތް ފެށިއިރު ތިއްބެވި މުވައްޒަފުންނަށާއި، ޚިދުމަތުގެ ކާމިޔާބު ތާރީޚެއް ބިނާކުރުމުގައި އެހީތެރިވެދެއްވި އެންމެހާ ޚިދުމަތްތެރިންނަށް ޝުކުރު އަދައިކުރައްވާ ކަމަށް ވިދާޅުވެފައެވެ. "އަދި އަޅުގަނޑުމެން ކުރިއަށް ނެރެދޭ އާ ޖީލަށް ޝުކުރު ދަންނަވަން. ތިޔަބޭފުޅުންނަކީ މި ކުންފުނީގެ ވިންދު. .ޖޯޝާއި ހިންމަތާއެކީ ކޮންމެ ކަމެއްވެސް ވާނެ. މި 35 އަހަރަށް ޝުކުރިއްޔާ...،" އެ މަނިކުފާނު ވިދާޅުވިއެވެ. ސަން ޓްރެވަލް ކުންފުނީގެ ކާމިޔާބީ، ހާމަވަނީ ޚިދުމަތް ލިބިގަންނަ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަތުރުވެރިންގެ މެދުގައި ލިބިފައިވާ ބޮޑު މަގުބޫލު ކަމެވެ. އެގޮތުން މި އަހަރަށް ބަލައިލި ނަމަވެސް ، ފަތުރުވެރިކަމާއި ދަތުރުފަތުރާ ގުޅުންހުރި އެންމެ ބޮޑު ޕްލެޓްފޯމް ކަމަށްވާ ޓްރިޕްއެޑްވައިޒާގެ، ދުނިޔޭގެ އެންމެ މޮޅު 10 ހޮޓެލްތަކުގެ ތެރޭ، ފަސް ތަރީގެ ލަގްޒަރީ ހޮޓެލް، ސިޔާމް ވޯލްޑް ވަނީ ހިމެނިފައެވެ. ހަމައެއާއެކު ސިޔާމް ވޯލްޑް ވަނީ އޭޝިއާއިން ހަތަރު ވަނަ އަދި މުޅި ރާއްޖެއިން އެއްވަނަ ހޮޓެލްގެ ގޮތުގައި ފަތުރުވެރިން ހޮވައިފައެވެ. ސަން ސިޔާމް ގްރޫޕް އޮފް ކޮމްޕެނީޒްއިން މުސްތަގްބަލުގައި ވެސް އަޒުމު ކަނޑައަޅަނީ މަތީ ފެންވަރުގެ، ދުނިޔެ ބަލައިގަންނަ ޚިދުމަތްތައް ތައާރަފްކޮށް، ފޯރުކޮށްދިނުމަށެވެ. އަދި ވިޔަފާރީގެ ދާއިރާއިން ކާމިޔާބު ދަތުރެއްގެ ތެރެއިން މުޖުތަމައުއަށް ފައިދާވާނެ ކަންތައްތަކެއް މުސްތަގްބަލުގައި ވެސް ކުރުމަށެވެ. މުސްތަގްބަލުގައި ސަން ސިޔާމް ގްރޫޕް އޮފް ކޮމްޕެނީޒްގެ އަމާޒަކީ، ބައިނަލްއަގްވާމީ މައިދާނުގައި ފާހަގަކޮށްލެވޭ ކުންފުންޏަކަށްވުމެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިޝްތިހާރުކޮށް، ކުރިއެރުވުމުގައި މުޅިން އައު، ޒަމާނީ ވަސީލަތްތަކާއި އައު އުފެއްދުންތެރި، އުކުޅުތައް ބޭނުންކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ