ބީއެމްއެލް ކާޑުތައް ފަސޭހައިން ހަވާލުކުރެވޭ ގޮތަށް، މެއިލިން އެޑްރެސް އަދާހަމަކުރަން އެދިއްޖެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މާލޭ ސަރަހައްދުގައި ދިރިއުޅޭ ކަސްޓަމަރުން ހައްދާ ކާޑުތައް މޯލްޑިވްސް ޕޯސްޓް މެދުރުކޮށް ސީދާ ކަސްޓަމަރުންގެ ގެއަށް ފޮނުވައިދިނުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ޓަކައި، ކަސްޓަމަރުންގެ މެއިލިން އެޑްރެސް އަދާހަމަކުރުމަށް ބޭންކުން އެދިއްޖެއެވެ. ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން ސްޓެރެޓެޖީ މުޙައްމަދު ސަޢީދު ވިދާޅުވީ ކަސްޓަމަރުންނަށް ވީހާވެސް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ކާޑު ހަވާލުކޮށްދިނުމަށް ބޭންކުން ވަރަށް ބޮދު އިސްކަމެއްދޭ ކަމަށެވެ. އަދި ކާޑު ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ބީއެމްއެލްއަށް އެންމެ ބޮޑަށް ފާހަގަކުރެވެނީ ކަސްޓަމަރުން ބޭންކަށް ދީފައި އޮންނަ އެޑްރެހުގައި ދިރިއުޅެމުން ނުދާކަން ކަމަށް އޭނާ ވިދާޅުވިއެވެ. "ނުވަތަ މެއިލިން އެޑްރެހުގެ ގޮތުގައި ދާއިމީ އެޑްރެސް ވެސް ދީފައި އޮންނަކަން ފާހަގަކުރެވޭ. އެހެންކަމުން އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް އެޑްރެސް އަޕްޑޭޓް ކޮށްލުމަށް އަޅުގަނޑުމެން އިލްތިމާސްކުރަން،" ސައީދު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ކާޑުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކާޑު ކަސްޓަމަރަށް ހަވާލުކުރުމާ ހަމައަށް، ކާޑު އެކްޓިވޭޓެއް ނުވާނެ ކަމަށާއި އެއްވެސް މުއާމަލާތެއް ނުކުރެވޭނެ ކަމަށެވެ. "ކާޑު އެކްޓިވޭޓް ކުރެވޭނީ ހަމައެކަނި އެ ކަސްޓަމަރަކަށް. ބޭންކުން ކަސްޓަމަރުންގެ ކާޑު އެކްޓިވޭޓް ނުކޮށްދޭނެ. ކަސްޓަމަރަށް ކާޑު ލިބުމުން އިންޓަނެޓް ބޭންކިން ނުވަތަ މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ވަގުތުން ކާޑު އެކްޓިވޭޓްކޮށްލެވޭނެ،" ސައީދު ވިދާޅުވިއެވެ. މާލޭ ސަރަހައްދުގައި އެ ބަދަލުގެނައި ނަމަވެސް އަތޮޅުތެރޭގައި ކަސްޓަމަރުންނަށް ކާޑު ހަވާލުކުރަމުންދާނީ ބީއެމްއެލް މުވައްޒަފުންކަން ބޭންކުން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ