އިއްޔެ އިންޑިއާގެ އަހުމަދުއާބާދުން ނައްޓާލުމާ އެކު ވެއްޓުނު އެއާ އިންޑިއާގެ މަތިންދާބޯޓުން ދަތުރުކުރި 242 މީހުންގެ ތެރެއިން އެންމެ މީހެއް ފިޔަވައި އެންމެން ވަނީ މަރުވެފަ އެވެ. މި ހިތާމަވެރި ހާދިސާގައި ބައެއް އާއިލާތައް ވެސް އެކުގައި މަރުވި އެވެ. އޭގެ ތެރެއިން އެއް ފޮޓޯއާ އެތައް މިލިއަން ބައެއްގެ ހަމްދަރުދީ އާއި ހެޔޮ ދުއާ ވަނީ ގުޅިފަ އެވެ.
އިންޑިއާގެ ރާޖަސްތާނަށް ނިސްބަތްވާ ދެމަފިރިން ކަމަށްވާ ޕްރާތިކް ޖޯޝީ އާއި އޭނާގެ އަންހެނުން ޑރ. ކައުމީ ވިޔަސް އާއި ތިން ދަރިންގެ ސެލްފީއެއް، ބޯޓުގެ ތެރޭގައި ނެގި އެވެ. ލަންޑަނަށް ދަތުރުކުރަން ފުރުމުގެ ކުރިން އެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާ ވެސް ކުރި އެވެ.
ދެމަފިރިން ތިބީ މަތިންދަބޯޓުގެ މެދުގެ ގޮނޑިތަކުން ދެ ގޮނޑީގަ އެވެ. ތިން ދަރިން ކަމަށްވާ މިރާޔާ ޖޯޝީ، ޕްރަދޫތު ޖޯޝީ އަދި ނަކުލް ޖޯޝީ ތިބެނީ ކުޑަދޮރު ހުންނަ ފަޅީގެ ތިން ގޮނޑީގަ އެވެ.
ޕްރާތިކްގެ ފޯނުން ނެގި ސެލްފީއަށް މުޅި އާއިލާ ތިބީ ހިނިތުންވެފަ އެވެ. އެކަމަކު ދަތުރުގެ ނިމުން ހިތާމަވެރި އެވެ.
ސޮފްޓްވެއާ އިންޖިނިއަރެއް ކަމަށްވާ ޕްރާތިކް މަސައްކަތްކުރަމުން އައީ އިނގިރޭސި ވިލާތުގަ އެވެ. މިއީ އޭނާއާ އެކު އިނގިރޭސި ވިލާތުގައި އާ ހަޔާތެއް ފަށަން މުޅި އާއިލާއަށް ލިބުނު ފުރުސަތުގައި އެ އެންމެން ގޮވައިގެން ދާން ފެށި ދަތުރެވެ.
މިއީ ސެލްފީގެ ޒަމާނަށް ވުމުން ބައެއް މީހުންގެ ވަރަށް ތަފާތު ފޮޓޯތައް، ހަޔާތުގެ އެންމެ ފަހު ވަގުތު ވެސް، އާންމުވެ އެވެ. އެ ހާދިސާ ނުހިނގި ނަމަ މި ފޮޓޯ ފެންނަ ކޮންމެ މީހަކަށް ވެސް އުފާވެރިކަން އިހުސާސްކުރެވޭނެ އެވެ. އެކަމަކު އެ ލޯބި އަދި އުއްމީދުން ފުރިފައިވާ ހިނިތުންވުންތަކަކީ މި އާއިލާއިން ދުނިޔަށް ދޫކޮށްލި އެންމެ ފަހުގެ ހަނދާންތަކެވެ.
އެތައް މިލިއަން ބައެއްގެ ހަމްދަރުދީ އާއި ހެޔޮ އެދުންތައް މި ފޮޓޯއާ ގުޅިލާމެހިއްޖެ އެވެ. އެތައް ބައެއްގެ ލޮލުން ކަރުނަ އުފައްދާލި އެވެ.
ހަޔާތުގެ ފަހު ފޮޓޯއަށް އެތައް މިލިއަން ބައެއްގެ ހަމްދަރުދީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ