އަގުހެޔޮކޮށް ދަތުރުކުރާ ވިޒް އެއާއިން ރާއްޖެ ދަތުރުތައް ހުއްޓާލަނީ
ގައުމުތަކަށް އަގުހެޔޮކޮށް ދަތުރުކުރާ ބަޖެޓު އެއްއާލައިނެއް ކަމަށްވާ ވިޒް އެއާއިން ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓާލަން ނިންމައިފިއެވެ. މި އެއާލައިނުގެ ދަތުރުތައް ހުއްޓާލަން ނިންމާފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޓެކްސްތައް ބޮޑުވުމުންނެވެ. އެ އެއާލައިނުން ރާއްޖެއަށް އެންމެ ފަހު ދަތުރުކުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 10ވަނަ ދުވަހެވެ. ރާއްޖޭގެ ޓުއާ އޮޕަރޭޓަރެއް ކަމަށްވާ އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވަނީ މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. "ސަން"އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އޮޕަރޭޓު ކުރާ އެއްވެސް އެއާލައިނެއް ހުއްޓާލުމަކީ ރާއްޖެއަށް ލިބޭނެ ގެއްލުމެއް ކަމަށެވެ. ވިޒް އެއާ ފަދަ ލޯ ކޮސްޓް އެއާލައިންތަކަށް މިހާރު ކުރިމަތިވާ މައްސަލައަކީ ރާއްޖޭގެ ޓެކްސް ބޮޑުވުން ކަމަށް ގަބޫލުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ޓެކްސް ބޮޑުކުރި ނަމަވެސް، މިފަދަ ލޯ ކޮސްޓް އެއާލައިންތައް ހުއްޓައިނުލާ އޮޕަރޭޓު ކުރުމަށް އެޅިދާނެ ފިޔަވަޅުތަކެއް އެބަހުރިކަން ފިރާގް ވަނީ ފާހަގަކުރައްވާއެވެ. އެންމެ ޚާއްސަ ކަމެއްގެ ގޮތުން މިފަދަ އެއާލައިންތައް ހުއްޓާލާ ސަބަބު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ދެނެގަންނަން މަސައްކަތް ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. "ހުއްޓާލާ ސަބަބަކީ ކޮބައިތޯ ބަލަންޖެހޭ. ދެން ހުއްޓާނުލައި ކޮންކަހަލަ ސްކީމަކަށް ގެންދިޔައިމަތޯ ކޮންޓިނިއު ކުރެވޭނީ ވެސް ބަލަން ޖެހޭ. ރާއްޖޭގައި އަދި މާ ބޮޑަކަށް ނެތް ލޯ ކޮސްޓަކަށް އަދި ޓާގެޓެޑް އޮފާތަކެއް. ނޯމަލް އެއާލައިންތަކަށް އޮންނަ އެއް އުސޫލެއް އޮންނަނީ،" އޭނާ ވިދާޅުވިއެވެ. ރާއްޖެއިން ދެތިން ލޯ ކޮސްޓު ކެރިއާ އޮޕަރޭޓު ކުރާއިރު، އެ އެއާލައިންތަކަށް ވަކި ޑިސްކައުންޓުތަކެއް ތައާރަފުކުރަން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. މި އެއާލައިންތަކުން ދަތުރުކުރަނީ ބަޖެޓްކޮށް ދަތުރުކުރާ ފަތުރުވެރިން ކަމަށާއި ވިޒް އެއާގެ ދަތުރުތައް ހުއްޓާލުމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ގެސްޓް ހައުސްތަކަށްކަން އޭނާ ފާހަގަކުރެއްވިއެވެ. "ކޮންމެވެސް ވަރަކަށް ރިސޯޓުތަކަށް ދިޔަ ނަމަވެސް، މި އެއާލައިންތަކުގައި ގިނައިން ދަތުރުކުރާނީ ގެސްޓްހައުސްތަކަށް އަންނަ މީހުން،" އޭނާ ވިދާޅުވިއެވެ. ކުރިއަށް އޮތީ ފަތުރުވެރިކަމުގެ އޮފް ސީޒަން ކަމަށާއި، މި ދުވަސްވަރު ސްޓޭބަލް އެއާލައިންތަކެއް ދަތުރު ނުކުރާނަމަ ރިސޯޓުތަކަށް ދާ މީހުންގެ އަދަދު ވެސް މަދުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖެއިން ފުރާ ފަސިންޖަރުން އަތުން ނަގައި ޓެކްސް ބޮޑުކުރީ މިދިޔަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން، ޓެކްސްއަށް ގެނައި ބަދަލުތަކަކީ: އިކޮނޮމީ ކުލާހުން ފުރާ ބިދޭސީންގެ އަތުން މިހާރު ނަގައި 30 ޑޮލަރު، 50 ޑޮލަރަށް ބޮޑުކުރުން ބިޒްނަސް ކުލާހުން ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގައި 60 ޑޮލަރު، 120 ޑޮލަރަށް ބޮޑުކުރުން ފަސްޓް ކުލާހުން ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގައި 90 ޑޮލަރު، 240 ޑޮލަރަށް ބޮޑުކުރުން. ޕްރައިވެޓް ޖެޓްގައި ފުރާ މީހުންގެ އަތުން ނަގައި 120 ޑޮލަރު، 480 ޑޮލަރަށް ބޮޑުކުރުން. މީގެ އިތުރުން، ޓީޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި ނަގާ މިންވަރު ދެ ގުނަ ކުރަން ވެސް ގާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ. އެ އިސްލާހުތަކާ އެކު އަންނަ ޖުލައި މަހުން ފެށިގެން ޓީޖީއެސްޓީ 16 އިންސައްތައިން 17 އިންސައްތައަށް ބޮޑުވާނެއެވެ. އޭގެ އިތުރުން، ގްރީން ޓެކްސް ދެގުނައަށް ބޮޑުވާނެއެވެ. އެގޮތުން، 50 ކޮޓަރިއަށް ވުރެ ކޮޓަރި މަދު ގެސްޓްހައުސްތަކުން ގްރީން ޓެކުހުގެ ގޮތުގައި ނަގައި އަދަދު ތިން ޑޮލަރުން ހަ ޑޮލަރަށް ބޮޑުކުރާނެއެވެ. އަދި، އެއަށް ވުރެ ބޮޑެތި ގެސްޓްހައުސްތަކާއި ރިސޯޓުތަކުން ނަގައި ގްރީން ޓެކްސް ހަ ޑޮލަރުން 12 ޑޮލަރަށް ބޮޑުކުރާނެއެވެ. އަހަރުގެ މިހާތަނަށް ބައި މިލިއަނާ ގާތްކުރާ ވަރަށް ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރާތްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ