ސުޕްރީމް ކޯޓަށް ޝަހީދު އައްޔަނުކޮށްފި ސުޕްރީމް ކޯޓަށް ޝަހީދު އައްޔަނުކޮށްފި

ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި ހުސެއިން ޝަހީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދިނުމާ އެކު އޭނާ އެ މަގާމަށް އައްޔަނުކޮށްފި އެވެ.
ރައީސް އޮފީހުގައި މިއަދު މެންދުރުފަހު އޭނާ ވަނީ މަގާމުގެ ހުވާ ކުރައްވައިފަ އެވެ. ޝަހީދަށް މަގާމުގެ ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އެވެ. މަގާމަށް އައްޔަނު ކުރެއްވި ކަމުގެ ލިޔުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެއަށްފަހު ޝަހީދުއާ ހަވާލުކުރައްވައިފަ އެވެ.
ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓަށް ޝަހީދު އައްޔަން ކުރަން ފެންނަ ކަމަށް 64 މެންބަރުން ވޯޓު ދެއްވި އެވެ. އެއީ ވޯޓުގައި ބައިވެރިވި އެންމެނެވެ. އޭނާ ސުޕްރީމް ކޯޓަށް އައްޔަން ކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެ އެވެ.
ސުޕްރީމް ކޯޓަށް ޝަހީދު އައްޔަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނީ ޖުޑީޝަލް ސާވިސް ކޮމިޝަނުންނެވެ. އެ ކޯޓަށް ފަނޑިޔާރަކު މި އައްޔަން ކުރަނީ އެ ކޯޓުގައި ކުރިން ހުންނެވި ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުންނެވެ.
ފަނޑިޔާރު ސުއޫދު އިސްތިއުފާ ދެއްވީ އޭނާ ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށް، ސުލޫކީ މައްސަލަތަކެއް ފެންމަތިކޮށް ތަހުގީގު ކުރަން ފެށުމުންނެވެ. އިސްތިއުފާ ދެއްވީ ރައީސް މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާތީ އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ކަމަށް ސުއޫދު ވިދާޅުވި އެވެ.
ސުއޫދުގެ އިތުރުން ސަސްޕެންޑު ކުރީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރެވެ. އެ ތިން ފަނޑިޔާރުން ވެސް ސަސްޕެންޑު ކުރީ، ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް ފެށެން ކުޑަތަންވެފައި އޮއްވައި، ޝަރީއަތަށް ހުރަސްއެޅޭ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ