ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަކީ ގޯހެެއް، ތިނަދޫއާ ފައިނުގައި އެއާޕޯޓެއް އެޅުން ވެސް ރަނގަޅެއް ނޫން: ނަޝީދު

ރާއްޖޭގެ ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ ތަރައްގީއަށް އޮތް ނުހަނު ބޮޑު ހުރަހެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެކްސް ގައި މިރޭ ކުރެއްވި ޕޯސްޓެއްގަ އެވެ. ނަޝީދު މިފަދަ ޕޯސްޓެއް ކުރެއްވީ މުލަކައަތޮޅުގެ ފުރަތަމަ އެއާޕޯޓް މިއަދު މުލީގައި ހުޅުވާފައި ވަނިކޮށެވެ.
ނަޝީދު ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލާ ރައްޔިތުން ރަށު ބަންދުން ފިލުވާލުމަކީ ކޮންމެހެން ވެސް ބޭނުންތެރި ކަމެއް ކަމަށެވެ.
"އެހެނަސް ރާއްޖޭގެ ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ ރާއްޖޭގެ ތަރައްގީއަށް އޮތް ނުހަނު ބޮޑު ހުރަހެއް," 
އެމަނިކުފާނު އަދި ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ހދ. ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަކީ ދެރަކޮށް ކުރެވިފައި އޮތް ކަމެއް ކަމަށެވެ. އަދި މި ސަރުކާރުން އެއާޕޯޓް އެޅުމަށް ނިންމާފައިވާ ގދ. ތިނަދޫ އާއި ރ. ފައިނުގައި އެއާޕޯޓެއް އެޅުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވި ނަމަވެސް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކެންޑިޑޭޓުން ރަށްރަށަށް ވަޑައިގަތުމުން އާބާދީ ބޮޑެތި ރަށްތަކުން އެންމެ ބޮޑަށް އެދޭ އެއް ކަމަކީ އެ ރަށްރަށުގައި އެއާޕޯޓެއް އެޅުމެވެ.
ގިނަ ރަށްރަށުގައި އެއާޕޯޓް އެޅުމަށް ސިޔާސީ ލީޑަރުން ވައުދުވެވަޑައިގަންނަވަ އެވެ. ބައެއް ސަރުކާރުތަކުން އަމާޒު ހިފަނީ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް އެއާޕޯޓް އޮތުމަށެވެ. ވައިގެ މަގުން އެއް ރަށުން އަނެއް ރަށަށް 30 މިނެޓްގެ ތެރޭަގައި ދަތުރުކުރެވޭ ނިޒާމެއް ގެންނަން ގިނަ ރަށްތަކެއްގައި އެއާޕޯޓް އެޅުމަށް ވައުދުވެވަޑައިގަންނަވަ އެވެ.
ގިނަ ރަށްތަކެއް މިހާރު ވެސް އެއާޕޯޓް އަޅާފައިވާއިރު އެއާޕޯޓްތައް ހިންގަން ދައުލަތުން ބޮޑު ހަރަދެއް ކުރަން ޖެހެ އެވެ. ބައެއް އެއާޕޯޓްތަކަށް ހަފްތާއަކު ކުރަނީ އެންމެ ދަތުރެކެވެ. ބައެއް އެއާޕޯޓްތަކަށް ހަފްތާއަކު ދެތީން ދަތުރު ކުރެ އެވެ.
އެހެން ކަމުން ބައެއް އެއާޕޯޓްތަކުގައި ހަފްތާގެ ތިން ހަތަރު ދުވަހު ކުރާނެ އެއްވެސް ކަމެއް ނޯވެ އެވެ.
ރާއްޖޭގައި ހިންގާ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ތެރެއިން މަދު އެއާޕޯޓެއް ނޫނީ ހިންގަނީ ގެއްލުމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ