ރާއްޖެ އދ.ގެ އަންހެނުންގެ ކޮމިޝަނަށް؛ މިއީ ފަހުރެއް: ރައީސް

އދ.ގެ 'ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން' (ސީއެސްޑަބްލިއު)ގެ މެމްބަރަކަށް ވުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަހުރެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އދ.ގެ ސީއެސްޑަބްލިއުގެ މެމްބަރަކަށް ރާއްޖެ އިންތިހާބުވީ 2026-2030ގެ ދައުރަށެވެ.
ތަފްސީލު - އެކަމާ ގުޅިގެން 'އެކްސް'ގައި ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އދ.ގެ ސީއެސްޑަބްލިއުއަށް އިންތިހާބުވުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަހުރެކެވެ. އަދި އެ ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި އިންތިހާބުވި ހުރިހާ ގައުމުތަކަށް އެ މަނިކުފާނު ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ އެ ކޮމިޝަންގައި އަންހެނުންގެ ހައްގުތަކާއި އަންހެނުން ބާރުވެރިކުރުވުމާ ގުޅޭ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި އަންހެނުންގެ ހައްގުތައް ކުރިއެރުވުމުގައި ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ބޮޑެތި ކުރިއެރުންތަކެއް ރާއްޖެއިން ވަނީ ހޯދާފަ އެވެ.
އެ ކޮމިޝަންގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ހުރިހާ ބައިވެރިންނާ އެކު މަސައްކަތް ކުރުމަށް އުންމީދުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ