ރީތި އަންހެންކުދިންގެ "އައިނެއް" ކޮޓަރިއަށް ވަދެ އާދޭސްކުރުމުންވެސް ﷲ އަށް ބިރުވެތިވެ ފާފަނުކުރި ޒުވާނަކަށް ލިބުނު ބޮޑު ކުރިއެރުމުގެ ޥާހަކަ- ޢިބްރަތުން ފުރިގެންވާ ފިލާވަޅެއް!

ދަރުސްތަކުގައި އަބަދުވެސް ބުނަނީ ބެލުންތައް ތިރިކުރުމަށެވެ. ނަމަވެސް އެއީ މިޒަމާނުގައި ކާކަށް ކުރެވޭނެ ކަމެއްތޯއެވެ؟ ލޮލާ ޙިއްޞުތައް ސަލާމަތުން ހުންނައިރު-  
ތިރީގައި އެވަނީ ހަމަ ތިއަފަދަ ގޮތަކަށް ކިޔުންތެރިއަކު ކުރި ސުވާލަކަށް ދިން ޖަވާބެވެ. ދޭން އޮތީ ހަމަ އެޖަވާބެވެ. އިތުރުކޮށްލަން ބޭނުންވަނީ އީމާންކަމުގައި ޘާބިތުވާ ޒުވާނުން ހަމަ ބައިވަރެވެ. އެލިޔުމުގައިވާ ޙާދިސާ ހިނގާފައި އެވަނީވެސް ހަމަ މިޒަމާނުގައެވެ. މީގެ 4 އަހަރުވަރުކުރިންނެވެ. 
ކިޔުންތެރިޔާ ތިއަކުރެއްވި ފަދަ ސުވާލުތައް ވަރަށް ގިނައިން ލިބެއެވެ. ލިބޭކަން އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ﷲ ތަޢާލާ އާއި އަދި އިސްލާމް ދީނާއިމެދު ޝައްކުތައް އުފައްދުވަން މިހައިގިނައިން މަސައްކަތްކުރެވެމުން އަންނަ ދުވަސްވަރެއްގައި ކަންބޮޑުވާންޖެހޭނީވެސް ތިއަ ފަދަ ސުވާލުތައް ނުކުރެވޭނަމަ އެވެ. ސުވާލުތައް ލިބޭކަން އަންގައިދެނީ މައްސަލައަށް ވިސްނާ މީހުން ގިނަވަމުން އަންނަކަމެވެ. އެކަމަށްޓަކައި އުފާކުރަމެވެ.  
ތިރީގައި އެވާ ލިޔުމަކީވެސް ޝައިޚަކު ހަމަ ތިއަފަދަ ޢިބްރަތްތެރި ޙާދިސާއެއްގެ ވާހަކަ ބަޔާންކުރައްވައި ދެއްވާފައިވާ ދަރުސެކެވެ. ވިދާޅުވުމުން ވަރަށް ގިނަ ކަންކަން އެނގިވަޑައިގަންނަވާނެއެވެ.  
މިރޭގެ ދަރުސް މިފަށަނީ ވަރަށް ޢިބްރަތްތެރި ވާހަކަކޮޅަކުންނެވެ. އެއީ ހަމަ އެންމެ ޒުވާން އުމުރުގެ ޒުވާނެކެވެ. ޢުމުރަކީ އެންމެ 32 އަހަރެވެ. ފާހިޝް ޢަމަލުތައް ކުރުމުގައި މުޅިދުނިޔެއަށް މަޝްހޫރު ބެންކޮކަށް އޭނާ މަސައްކަތްކުރާ ކުންފުނީގެ މާކެޓިންގ އެގެޒެކަޓިވެއްގެ މަޤާމުގައި ހުރެ ކުރި ދަތުރެއްގެ ވާހަކައެވެ.  
ދުވަހުގެ މަސައްކަތް ނިންމާފައި ހޮޓަލަށް ގޮސް ޒުވާނާ އޮތީ އޭނާގެ އާދައިގެމަތިން ނިދާށެވެ! ހޭލެވުނީ އެ ޤައުމުގެ އާދައިގެމަތިން ރޭގަނޑު ދަންވަރު ކޮޓަރީ ދޮރުގައި ޓަކިޖަހާއަޑަށެވެ. ދޮރުހުޅުވިއިރު ދޮރުމަތީގައި ތިބީ  ރީތި ޒުވާން އަންހެން ކުދިންތަކެކެކެވެ. ދޮރުހުޅުވައިލުމާއިއެކު ކޮޓަރިއަށް ވަދެ އިތުރަށް ބަރަހަނާކަން ދެއްކިއެވެ. ތަފާތު ހުށަހެޅުންތައް ހުށަހެޅިއެވެ.  
ޒުވާނާ ބުނީ އޭނާއަކީވެސް ޒުވާނަކަށްވުމުން އެކުދިން ތިބި ގޮތް ފެނުމުންނާއި ދެއްކި ވާހަކަތަކުން ވަރަށް ގިނަ އުނދަގޫތައް ލިބުނު ކަމަށެވެ.އޭނާގެ ހަށިގަނޑުގެ ގުނަވަންތައް އެކުދިންނަށް އެދި ރޮއި އާދޭސްކުރި ކަމަށެވެ. ނަމަވެސް އެކަން ކޮށްފިނަމަ މަރުވުމުން ޤިޔާމަތާއި ހަމައަށް އޮންނަން ޖެހޭނީ އަލިފާނުގެ ދުމަށްޓެއްގައި އަނދައި އަނދައި ކަމާއި ނަރަކައިގައި އޮންނަން ޖެހޭނީ މެއާއި ގުނަވަނުގައި ޗޭނު ޖެހި، އެލުވިގެން ނަރަކައިގެ ހޫނު ގަދަ އަލިފާނުން  އަނދައަނދައިކަން ހިތަށްވަނުމުން ގަތް ބިރު ބޮޑުކަމުން ގައިން ހީބިހި ނެގި ކަމަށެވެ.  
ޒުވާނާ ބުނީ އެހެންކަމުން އެކުދިންގެ އެއްވެސް ހުށަހެޅުމެއް ޤަބޫލު ނުކުރުމުން ކޮޓަރީގެ ތަޅުންގަނޑުމަތިން ނަމަވެސް ހަމައެކަނި ހެނދުނު ވަންދެން ނިދައިލާނެ ތަންކޮޅަކަށް އެދުނު ކަމަށާއި ނަމަވެސް އެކަން ވެސް ޤަބޫލުނުކޮށް އެންމެފަހުން  އެކުދިން ނިދާނެ ކޮޓަރިއެއް ކުއްޔަށް ހިފައިދިނީ ކަމަށެވެ. އެއީ އެކުދިންގެ ކިބައިން ސަލާމަތްވެވޭނެ އެހެން ގޮތެއް އެވަގުތު ނުވިސްނުނީމައި ކަމަށެވެ!  
އެކަމުގެ ނަތީޖާ ޒުވާނާއަށް ފެނުނު ގޮތް އެނގޭ ހެއްޔެވެ؟ ކުރިން ބުނިފަދައިން ޒުވާނާ އެދަތުރު ބެންކޮކަށް ދިއައީ ކުންފުނީގެ މާކެޓިންގ އެގެޒެކަޓިވެއްގެ ގޮތުގައެވެ. އެނބުރި ދިއަތާ ދާދިމަދު ދުވަސްކޮޅެއްގެތެރޭގައި މަޤާމުގެ ގޮތުން 3 ހަރުފަތް ގިރާކުރެވި މާރކެޓިންގ ޑިރެކްޓަރެއްގެ މަޤާމަށް ދެވުނެވެ.  
މިފަދަ ކަންކަން ހިނގަމުން މިދަނީ ހަމަ މިޒަމާނުގައެވެ. މިހިރީ ހަމަ މިޒަމާނުގައިވެސް ލޮލަށް ފެންނަމުންދާ ކަންތައްތަކެވެ. ޢިބްރަތް ޙާޞިލުކުރަންޖެހޭ ކަންކަމެވެ. އާޚިރަތް ލިބުންވަނީ މިފަދަ ކަންކަމަށް ވިސްނައި ޢިބްރަތް ޙާޞިލުކުރިވަރަކުންނެވެ.
ޙަޤީޤަތުގައި ޒުވާނާ ސާބިތުކޮށްދިނީ އޭނާގެ ކެތްތެރިކަމެވެ. ﷲ ތަޢާލާއަށް އޭނާ ބިރުވެތިވާ މިންވަރެވެ! އޭނާއަށް ލިބުނު ބޮޑު ކުރިއެރުމުގެ ހުރިހާ ވެސް ސަބަބަކީ އެކަންކަމެވެ. މިއަދުގެ ޒުވާނުން ވސްނާށެވެ! ޒުވާންކަން އަބަދަކު ދެމިނުހުންނާނެއެވެ. ދާދިއަވަހަށް ޒުވާންކަން ގެއްލިގެން ހިނގައިދާނެއެވެ. އަދި ކޮންމެ ވަގުތަކު މަރުވެސްވެދާނެއެވެ. މިފަދަ ޒުވާނުންގެ ވާހަކަތަކުން ޢިބްރަތް ޙާޞިލުކުރާށެވެ! ޤިޔާމަތްދުވަހު ޒުވާން އުމުރު ހޭދަކުރި ގޮތާއިމެދު ކުރައްވަވާ ސުވާލަށް ޖަވާބުދެވޭނީ އެއިރުންނެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ