އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާން ނަޝީދު ނިންމައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ. ރައީސް ނަޝީދު މިކަން އިއުލާން ކުރެއްވީ މިއަދު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
"ބޮޑު ބަދަލެއް" ނަމުގައި ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދުގެ އަރިހުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް ބައިވެރިވެވަޑައިގަންނަވައެވެ. ޗެއާޕާސަން ކަމަށް ނަޝީދު ކުރިމަތިލާކަން އިއުލާން ކުރުމުގެ ކުރިން ފައްޔާޒް ވަނީ ގާނޫނު އަސާސީއަށާއި ވެރިކަމުގެ ނިޒާމަށް ގެންނަން ފެންނަ ބައެއް ބަދަލުތައް ހިމެނޭ ޕްރެޒެންޓޭޝަނެއް ދެއްވާފައެވެ.
އެ ޕްރެޒެންޓޭޝަންގައި ފައްޔާޒް ވިދާޅުވީ މިހާރު އޮތް ޤާނޫނުއަސާސީއަކީ މާ ފުޅާކޮށް، އެކި ގޮތްގޮތަށް މާނަކުރެވޭ ގޮތަށް އޮތް އެއްޗެއް ކަމަށެވެ. މީގެ ސަބަބުން، ވެރިންނަށް އޭގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުޞަތު ލިބޭކަމަށާއި ޚާއްޞަކޮށް ރައްޔިތުންގެ ޙައްޤުތަކާއި ޑިމޮކްރަސީއާ ގުޅޭ ކަންކަމުގައި، ނާޖާއިޒު ގޮތުގައި ބޭނުން ނުކުރެވޭނެ ފަދަ ސާފު އަދި ތަފްސީލީ މާއްދާތަކަކާއެކު ޤާނޫނުއަސާސީ އިސްލާހު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ދިވެހިރާއްޖެއިން އަމަލުކުރަނީ ވެރިކަން ހިންގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި، އަދި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރު ވަކިވެފައިވާ ނިޒާމަކަށް ކަމަށްވީ ނަމަވެސް، އަމަލީ ގޮތުން އެކަން މަސައްކަތް ނުކުރާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އޭނާ ހުށަހަޅުއްވަނީ ހަތަރުވަނަ މެކޭނިޒަމެއް ތަޢާރަފު ކުރުމަށެވެ.
ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި މާ ގިނަ ބާރުތަކެއް ޖަމާވެފައިވާ ކަމަށާއި އެހެންކަމުން ސަރުކާރުގެ ވެރިޔާ (ޤައުމު ހިންގުމަށް އިންތިޚާބުކުރެވޭ ލީޑަރު) އަދި ދައުލަތުގެ ވެރިޔާ (ޤާނޫނުއަސާސީއާއި ޤައުމުގެ ހަމަޖެހުން ހިމާޔަތްކުރާ، ވަކި ފަރާތަކަށް ނުޖެހޭ ބޭފުޅެއް) އައްޔަން ކުރަން ފައްޔާޒް ހުށަހެޅުއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ