ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 42،000 އަށް އަރާނެ

ސަރުކާރު ކުންފުނިތަކުގައި 42،000 އެއްހައި މުވައްޒަފުން މަސައްކަތް ކުރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު %33 މަދުކުރުމަށާއި ތައުލީމާއި ހުނަރާއި ގާބިލުކަމަށް ބަލައިގެން ވަޒީފާތަކަށް މީހުން ނެގުމަށް ފިނޭންސް މިނިސްޓްރީން، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް އިއްޔެ ވަނީ އަންގައިފަ އެވެ.
ތަފްސީލް - ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރަން އަންގާފައިވާއިރު ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދާ ގުޅޭގޮތުން މިއަދު ނޫސްވެރިޔަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ:
ސަރުކާރު ކުންފުނިތަކުގައި 42،000 މުވައްޒަފުން މަސައްކަތް ކުރާނެ ކަމަށް އަންދާޒާ ކުރެވޭ 
"އެސްއޯއީ ތަކަކީ އަބަދުވެސް ހަޔަރިން އަދި ފަޔަރިން އޮންނާނެ [ތަންތަން]. އަޅުގަނޑުމެންގެ އެސްޓިމޭޓަކީ42،000 ތިބޭނެޔޭ އެސްއޯއީތަކުގެ ވަޒީފާތަކުގައި. ކުންފުނިތަކުން އެ ޑޭޓާ ބަލަހައްޓާނީ. އަޅުގަނޑުމެންގެ މިހާރުގެ އެސްޓިމޭޓަކީ 42،000 ތިބޭނެޔޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ބައެއް ކުންފުނިތަކުގެ މަސައްކަތްތައް ހުންނަގޮތުން %33 މުވައްޒަފުން ވަކިކުރަން ނުޖެހޭނެ ކަމަށެވެ.
"މިސާލަކަށް އައިއޭއެސް. އައިއޭއެސްގައި ނުޖެހޭނެ އެ އަދަދަށް މުވައްޒަފުން މަދުކުރާކަށެއް. އެ އަދަދަށް މަދުކޮށްފިއްޔާ ކުންފުންޏެއް ނުހިންގޭނެ،" ޒަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ކުންފުނިތަކުގެ އޮޕަރޭޝަނަށް ބަލާ މުވައްޒަފުން މަދުކުރަން އަންގާފައިވާނީ ހަމަޖެހޭ އުސޫލެއްގެ ދަށުން ވަޒީފާ އާ ބެހޭ ގާނޫނުތަކާ އެއްގޮތަށް ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ސެންސެޓިވް ރައްޔިތުންނަށް މިއިން ވެދާނެ އުނދަގުލަކަށް." ޒަމީރު ވިދާޅުވި އެވެ.
ގުޅުން ހުރި - ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ނަތީޖާ ނެރުން އިތުރުކުރުމަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރުމަށް ފިނޭންސް މިނިސްޓްރީ އިން އިއްޔެ ޕީސީބީ އަށް ފޮނުވި ސިޓީގައި، ކުންފުނިތަކުގެ މަސައްކަތްތަކުގެ ހިންގުންތެރިކަން އިތުރުކުރުމާއި އިންސާނީ ވަސީލަތްތައް މެނޭޖްކުރުން ހަރުދަނާކުރުމުގެ އިތުރުން، މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނިތައް ހިންގުމަށް ބާރުއެޅުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ވެސް ވަނީ ބަޔާންކޮށްފަ އެވެ.
އެގޮތުން: 
ވަޒީފާއަށް މީހުން ނެގުމުގެ ނިޒާމު ހަރުދަނާކޮށް، ތައުލީމީ ފެންވަރާއި ހުނަރާއި ގާބިލިއްޔަތަށް ބަލައިގެން މީހުން އައްޔަންކުރާ އުސޫލު (މެރިޓް ބޭސްޑް ޕޮލިސީ) މިހާރަށް ވުރެ ހަރުދަނާކޮށް، އެ އުސޫލާ އެއްގޮތަށް އަމަލުކުރެވޭކަން ކަށަވަރުކުރުމަށް
މިއީ އެންމެ އެކަށީގެންވާ ފަރާތްތައް ވަޒީފާތަކަށް ހޮވައި ކުންފުނިތަކުގެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނި
މި ފިޔަވަޅުތައް ތަންފީޒުކުރުމަށް ކަމާބެހޭ ކުންފުނިތަކަށް އެންގުމަށާއި، އެ ކުންފުނިތަކުން އެކަމަށް އަމަލުކުރާ މިންވަރު މޮނިޓާ ކުރުމަށް
މި އިރުޝާދުތައް ތަންފީޒުވަމުންދާ ގޮތުގެ އަދާހަމަ މައުލޫމާތު ގަވާއިދުން މިނިސްޓްރީއަށް ހިއްސާކުރުމަށް
މިނިސްޓްރީން ބުނީ، މި ފިޔަވަޅުތަކަކީ ކުންފުނިތައް ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށާއި، ދައުލަތުގެ މާލީ އަދި ހިންގުމުގެ ސިޔާސަތުތަކާ އެއްގޮތަށް ކުންފުނިތަކުގެ މަސައްކަތްތައް ބައްޓަންކުރުމަށްޓަކައި މިވަގުތު ކޮންމެހެން އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ