އިތުރު ދައުރެއް ހޯދުމަށް ގާނޫނު އަސާސީ ބަދަލުކުރުމަކީ ގާނޫނު އަސާސީގެ ރޫހާ ޚިލާފުކަމެއް: ފައިސަލް

ވެރިކަމުގެ އިތުރު ދައުރެއް ހޯދުމަށް ޤާނޫނު އަސާސީއަށް ބަދަލު ގެނައުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި އެއީ ގާނޫނު އަސާސީގެ ރޫހާ މުޅިން ޚިލާފު ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރަކަށް ނުދާހެން، އެއްބުރުން ރައީސަކު ހޮވޭގޮތަށް ގާނޫނު އަސާސީ ބަދަލުކުރުމަށް ޕީއެންސީގެ މަޖިލީސް މެންބަރުންގެ ތާއިދަށް އެދިވަޑައިގެންފައެވެ. މި ބައްދަލުކުރެއްވުމުގައި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވައިލުމާމެދު ފެންނަ ނުފެން ވޯޓެއް ނެގުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވެފައި ވާކަން "ސަން"އަށް ވަނި އެނގިފައެވެ. އެކަމާ ގުޅިގެން ފައިސަލް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގާނޫނު އަސާސީއަކީ އެވަގުތަކު ވެރިކަމުގައި ހުންނަ މީހަކު ބޭނުންވީމައި ބަދަލު ގެނެވޭނެ އެއްޗަކަށް ވެގެން ނުވާނެ ކަމަށެވެ. އެގޮތުން، އިތުރު ދައުރެއް ހޯދުމަށް ގާނޫނު ބަދަލުކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ފައިސަލް ވިދާޅުވިއެވެ. "ޤާނޫނު އަސާސީއަކީ ހުރިހާ ރައްޔިތުންގެ ޝާމިލްވުމާއި ހައްޤު ކަށަވަރުކޮށްދޭ އެއްޗެއް. އެއީ ރަމްޒީ އެއްޗެއް ނޫން." ފައިސަލް ވިދާޅުވިއެވެ. އިތުރަށް ފައިސަލް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް މީހަކު އިންތިޚާބު ވާން ޖެހޭނީ ވޯޓުދޭ މީހުންގެ އަގުލަބިއްޔަތުން ކަމަށެވެ. މިހާރު ގާނޫނުއަސާސީއަށް ގެންނަން އުޅޭ ކަމަށް 'އަޑު އިވޭ' ބަދަލަކީ ގާނޫނު އަސާސީގެ މުޅި ރޫހާއި ދިމިގުރާތީ އުސޫލުތަކާ މުޅިން ޚިލާފު ބަދަލެއް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އަދި، އެ ނިންމުމަކީ ރައްޔިތުންނަށް ފައިދާ ހުރި ނިންމުމަކަށް ނުވާނެ ކަމަށް ފައިސަލް ދެކިވަޑައިގަންނަވައެވެ. https://sun.mv/204997 ރިޔާސީ އިންތިޚާބުގެ ވޯޓުލުން އެއްބުރުން ނިންމައިގެން ސަރުކާރެއް އުފެއްދުމަކީ ރަނގަޅު އުސޫލެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި އެމްޑީޕީއާއާއި ޑިމޮކްރެޓްސްގެ މެންބަރުން އެ ކަމަށް ތާއީދުކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ. ނަޝީދު މިފަދައިން ވިދާޅުވެފައި ވަނިކޮށް، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ ޚަރަދު ކުޑަކުރުމަށްޓަކައި ރިޔާސީ އިންތިޚާބުގެ ވޯޓުލުން އެއްބުރުން ނިންމައި، ރައީސަކު ހޮވުމަށް ހުށަހެޅި ބަދަލުގެ ފަހަތުގައި އެއްވެސް އިޚުލާސްތެރިކަމެއް ނެތް ކަމަށް ވިދާޅުވެފައެވެ. https://sun.mv/205009 ރައީސް މުއިއްޒު ވަނީ ރިޔާސީ އިންތިޚާބު އެއްބުރުން ނިންމަން ޕީއެންސީގެ މަޖިލީސް މެންބަރުންގެ ތާއީދަށް އެދިވަޑައިގެންފައެވެ. އެ ބަދަލުތައް ގެންނަން ނަގަންޖެހޭ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު މި އަހަރު ނަގަން މަސައްކަތްކުރާ ކަމަށް ވެސް ޕީއެންސީގެ މެންބަރުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވިއެވެ. އިންތިޚާބަށް ގެންނަ ބަދަލުތަކުގެ ތަފުސީލު ރަސްމީކޮށް ހާމަނުކުރި ނަމަވެސް ސަރުކާރުގެ ބައެއް އެކްޓިވިސްޓުން އަންނަނީ ޕްރިފަރެންޝަލް ވޯޓިން ސިސްޓަމަކަށް ތާއީދުކޮށް ކެމްޕޭން ކުރަމުންނެވެ. އެ ފަދަ ނިޒާމެއްގައި ވޯޓު ދޭންޖެހޭނީ ކުރިމަތިލާ ކެންޑިޑޭޓުން ގިންތިކޮށްގެންނެވެ. އެންމެ ބޮޑަށް ކަމުދާ ކެންޑިޑޭޓަށް އެކެއް، އަދި ދެވަނައަށް އެންމެ ކަމުދާ ކެންޑިޑޭޓަށް ދޭއް، އެ ފަދަ ގޮތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ