ކެނެޑާ އަކީ ދުވަހަކު ވެސް ވިއްކާލާނެ ގައުމެއް ނޫން ކަމަށް ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ބޭއްވެވި ފުރަތަމަ ބައްދަލުވުމުގައި ވަރަށް ސާފުކޮށް އިއްޔެ ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހުގެ 28ގައި ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވި ކާނީ ވަނީ އެމެރިކާގެ ޑިއުޓީ ޓެރިފު ފަހަތަށް ޖައްސާނެ ކަމުގެ ވައުދާ އެކު އިންތިހާބު ކާމިޔާބު ކުރައްވައިފަ އެވެ. ފަހުން އޭނާ ވަނީ ކެނެޑާއަކީ އެމެރިކާގެ 51 ވަނަ ސްޓޭޓެއްގެ ގޮތުގައި އާންމުކޮށް ސިފަކުރުން ހުއްޓާލެއްވުމަށް ޓްރަމްޕްގެ އަރިހުން އެދިވަޑައިގެންފަ އެވެ.
ޖުމްލަ ގޮތެއްގައި ކާނީ ވަނީ ޓްރަމްޕާ އެކު އޮތީ ބިނާކުރަނިވި ބައްދަލުވުމެއް ކަމަށް ސިފަކުރައްވައި ޓެރިފްތަކާ ގުޅިގެން އާ ގުޅުމެއް ބޭއްވުމަށް ދެ ފަރާތުން ސީރިއަސް މަޝްވަރާތަކެއް ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.
ޖުމްލަ ގޮތެއްގައި ކާނީ ވިދާޅުވީ އެ ބައްދަލުވުމަކީ ބިނާކުރަނިވި ބައްދަލުވުމެއް ކަމަށެވެ. އަދި ޓެރިފްތަކާ ބެހޭ ގޮތުން ދެ ފަރާތުން ސީރިއަސް މަޝްވަރާތަކެއް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެ ބައްދަލުވުމަކީ ވަރަށް ރަނގަޅު ބައްދަލުވުމެއް ކަމަށާއި އެ ދެ ބޭފުޅުންނަށް އެކުގައި ކުރިއަށް ދެވޭނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ދެ ފަރާތުގެ ގުޅުން ވަރަށް ރަނގަޅުވާނެ،" ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕްގެ އަމަލުތަކަކީ ހިޔާނާތްތެރި އަމަލުތަކެއް ކަމަށް ތަކުރާރުކޮށް ކާނީ ކުރިން ވިދާޅުވެފައިވެ އެވެ. ނަމަވެސް އޯވަލް އޮފީހުގައި ބޭއްވި ފުރަތަމަ ސެޝަންގައި، ވަކިން ބޭއްވެވި ބައްދަލުވުމަކަށް ވަޑައިގެންނެވުމުގެ ކުރިން، ދެ ބޭފުޅުން ވެސް އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް، ނޫސްވެރިންގެ ކުރިމަތީގައި ވަނީ ތައުރީފު ކުރައްވައިފަ އެވެ.
ޓްރަމްޕް ވިދާޅުވީ ކެނެޑާ އަކީ އެމެރިކާގެ ބައެއްގެ ގޮތުގައި އޮތުމާ މެދު ދެ ފަރާތުން މަޝްވަރާކޮށްފައި ނުވާ ކަމަށާއި ނަމަވެސް އެއީ ވަރަށް އުފާވެރި ބަނދެވުމެއް އޮތް ގާތް ގުޅުމެއް ކަމަށެވެ.
ކާނީ ވަނީ ކެނެޑާއަކީ އެމެރިކާގެ ބައެއް ކަމަށް ދެކޭ ދެކުމާ ދެކޮޅަށް ސާބިތުކަމާ އެކު ނޫނެކޭ ވިދާޅުވެފަ އެވެ.
"އެއީ ވިއްކަން އޮތް އެއްޗެއް ނޫން. ދުވަހަކު ވެސް ނުވިއްކާނެ،" ކާނީ ވިދާޅުވި އެވެ.
އެއާ އެކު، "ނުވާނެއޭ ނުބުނޭ، ނުވާނެއޭ ނުބުނޭ" ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވެފައި ވަނީ އޭނާ އާއި ކާނީ މަޝްވަރާ ކުރެއްވީ "ހަރުކަށި ނުކުތާތަކާ ބެހޭ ގޮތުން" ކަމަށެވެ. އަދި ކެނެޑާގެ އުފެއްދުންތަކާ ނުލައި އެމެރިކާއަށް ކުރިއަށް ދެވިދާނެ ކަމަށް ޓްރަމްޕް ގަބޫލުފުޅު ކުރައްވާ ކަމުގެ އިޝާރާތް ޓްރަމްޕް ވަނީ ދެއްވައިފަ އެވެ.
ކެނެޑާ ދުވަހަކު ވެސް ވިއްކައެއް ނުލާނެ: ބޮޑުވަޒީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ