ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު އިއުލާންކޮށްފި އެވެ.
ވީ ކިހިނެއް؟ - ހަތް ފަނޑިޔާރުން ތިއްބަވަން ޖެހޭ ސުޕްރީމް ކޯޓުން ފަނޑިޔާރެއްގެ މަގާމު ހުސްވީ މިދިޔަ ހަފުތާ އަންގާރަ ދުވަހު ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
ތަފްސީލް - ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލީ އަންނަ ބުދަ ދުވަހުގެ ހެނދުނު 11 ޖެހުމުގެ ނިޔަލަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:
އުމުރުން 30 އަހަރު ވެފައިވުން
އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން
ފަނޑިޔާރުކަން ނުވަތަ ގާނޫނީ ވަކީލުކަން ނުވަތަ މި ދެކަމުގައި މަދުވެގެން 7 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން
އެނގުން މުހިންމު - ސުއޫދު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވީ ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރައްވަ އެވެ.
ސުއޫދު މަގާމުން އިސްތިއުފާ ދެއްވި އިރު އޭނާ ހުންނެވީ ސަސްޕެންޑްކޮށްފަ އެވެ. އޭނާގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވެސް ސަސްޕެންޑްކޮށްފައިވެ އެވެ.
މި ފަނޑިޔާރުން ސަސްޕެންޑްކުރީ، ޕާޓީން ވަކިކޮށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް ފަށަށް ކުޑަތަން ވެފައި ވަނިކޮށް މިދިޔަ މަހު 26ގަ އެވެ.
މަހާޒާއި އަޒްމިރަލްދާގެ މައްސަލަތަކެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ދަނީ ތިން ބޭފުޅުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ.
މި ވަގުތު ސުޕްރީމް ކޯޓުގައި ސަސްޕެންޝަނުގައި ނެތީ ހަތަރު ފަނޑިޔާރެކެވެ. ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށެވެ. އެހެންވެ ގާނޫނުއަސާސީގެ މައްސަލަ މި ވަގުތަށް ވަނީ ހުއްޓިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ