ރަނގަޅު ގޮތުގައި އެތައް ބައިވަރު ދަރިން ބަލައި ބޮޑުކުރަމުން އެގެންދަނީ ތަނަވަސް މީހުންނެއް ނޫނެވެ. ވަރަށް އާދައިގެ ފެންވަރުގެ މީހުންވެސް ދިހަ ބާރަ ދަރިން ގެންގުޅެ ބޮޑުކުރެއެވެ. ކިޔަވައިދީ ތަރުބިއްޔަތުކުރެއެވެ. އެހެންކަމަށްވާއިރު ތިބާގެ އަމިއްލަ ދަރިންގެ އިތުރުން އެންމެ ކުއްޖަކު ބެލުންވާނީ ކޮން ބޮޑުކަމަކަށް ހެއްޔެވެ؟
އަހުރެން ބުނާނީ އެކަމަށް ﷲ ތަޢާލާ ދެއްވަވާނެ މަތިވެރި ނިޢުމަތް ލިބިގަންނަން ބޭނުންވެގެން ކޮންމެ ޢާއިލާއަކުން އެންމެ ޔަތީމް ކުއްޖަކު ގެންގުޅެ ބޮޑުކުރިނަމަވެސް ޔަތީމް އެންމެ ކުއްޖަކަށްވެސް ނިކަމެތިކަންމަތީގައި އުޅެން ނުޖެހޭނެ ކަމަށެވެ.
ޢާއިލާގެ މީހަކުވިޔަސް އެކުވެރިއަކުވިޔަސް އަދި އެނޫން މީހަކު ކަމުގައިވިޔަސް އެމީހަކު މަރުވިއިރު ކުޑަ ދަރިފުޅަކު ދޫކޮށްފައި ދިއަ ނަމަ އެއީ ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ޙާޞިލުކުރަން ތިބާއަށް ލިބޭނެ ފުރުޞަތަކަށް ހެދިދާނެއެވެ. އެފުރުޞަތު ނަގައިނުލާށެވެ!
އެހެނީ ޔަތީމް ކުއްޖަކަށް އެހީތެރިވެދީ ޔަތީމް ކުއްޖަކު ހެޔޮ ގޮތުގައި ބަލަހައްޓައިފި މީހާ ސުވަރުގޭގައިވާހުށީ ރަސޫލް (ﷺ)ގެ އެންމެ އަރިއަހުގައިކަން ޙަދީޘުން އެނގެން އެބައޮތެވެ.
ރަސޫލް (ﷺ) އަތްޕުޅުގެ ދެއިނގިލިފުޅު ދައްކަވާލައްވައި ޙަދީޘްފުޅު ކުރައްވަވާފައި ވަނީ އެމީހަކު ސުވަރުގޭގައި ވާހުށީ ތިމަންކަލޭގެފާނާއި މިހައި އަރިއަހުގައި ކަމަށެވެ. (ޞަޙީޙް ބުޚާރީ)
‘The Prophet (saw) said, “The one who cares for an orphan and myself will be together in Paradise like this,“and he (saw) held his two fingers together to illustrate’. [Bukhari]
މިޙަދީޘްފުޅަށް ބަލައިފިނަމަ ކުއްޖާ އޭނާގެ މައިމީހާގެ ގާތުގައި ބަހައްޓައިގެން ނަމަވެސް ކުއްޖާއަށް ބޭނުންވާ އެހީތެރިކަންފޯރުކޮށްދީ ބަލަހައްޓައިދީފިނަމަ އެ ނިޢްމަތް އެމީހަކަށް ދެއްވަވާނެތެވެ. އިން ޝާ ﷲ
ހިތާމައަކީ މިފަދަ އަގުހުރި ފުރުޞަތުތަކުގެ ބޭނުން ހިފަން މަސައްކަތްނުކުރެވޭ ކަމެވެ. ޔަތީމްކުދިން ނިކަމެތި ޙާލުގައި އުޅެން ދޫކޮށްލެވޭކަމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ޢާއިލާއިން ނުލިބިއްޖެނަމަ ހޯދައިގެންވެސް ޔަތީމް ކުއްޖަކު ބަލައިބޮޑުކުރާށެވެ! އެއީ އެންމެ ފަސޭހައިން ސުވަރުގޭގެ އެންމެ މަތީ ދަރަޖައަށް ވާޞިލްވެވެން އޮތް ޢަމަލެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ