ރައީސް މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވާ މިއަދުގެ މަޖިލިސް ޖަލްސާގައި އެމްޑީޕީ މެންބަރުން ތަޅުމުން ނެރުނީ، ގާނޫނާ ހިލާފަށް ކަމަށާއި ގަދަކަމުން މެންބަރުން ނެރުމުގެ ސަބަބުން އަނިޔާ ވެސްވި ކަމަށް އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަހަރަށް މަޖިލިސް ހުޅުވާ ޖަލްސާއަށް ރައީސް މުއިއްޒު ރިޔަސީ ބަޔާން އިއްވެވުމަށް ތަޅުމަށް ހާޒިރުވެވަޑައިގެންނެވުމާ އެކު އެމްޑީޕީ މެންބަރުން ދިޔައީ ޕޯސްޓަރު ހިފައިގެން އިހުތިޖާޖު ކުރަމުންނެވެ. އެގޮތުން:
އެ އިހްތިޖާޖުގެ ތެރެއިން ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވުމަށް މަސައްކަތް ކުރެއްވި ނަމަވެސް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދިޔައީ، އެ މަނިކުފާނު ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް، އެމްޑީޕީ މެންބަރުންނަށް މަޖިލީހުގެ ގައިވަދަށް ހުރުމަތްތެރިކޮށް ހިތުމަށް ތަކުރާރުކޮށް ނަސޭހަތްތެރި ވަމުން
ނަމަވެސް އިހްތިޖާޖު ހުއްޓާލުމުން އެމްޑީޕީގެ ތިން މެންބަރެއްގެ ނަން އަބްދުއްރަހީމް އިއްވި؛ ރައީސްގެ ވާހަކަފުޅު މެދުކަނޑާލުމަށް އެދިވަޑައިގަތުމަށް ފަހު، ޖަލްސާ މެދުކަނޑާލެއްވި
މަޖިލިސް އަލުން ފެށީ ނަން އިއްވި މެންބަރުންނާ ނުލާ
ތަފްސީލު - މަޖިލީހުގެ ޔޫޓިއުބު ޗެނަލްއިން ލައިވް މެދުކަނޑާލި ފަހުން ތަޅުމުގައި ހިނގި މަންޒަރުތައް ބައެއް މެންބަރުން ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފަ އެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި، މަޖިލީހުގެ ސެކިއުރިޓީ މުވައްޒަފުން ވަނީ އެމްޑީޕީގެ ބައެއް މެންބަރުން އުފުލައިގެން ތަޅުމުން ބޭރުކޮށްފަ އެވެ.
ތަޅުމުން ބޭރުކުރުމުން އެމްޑީޕީގެ މަޖިލިސް މެންބަރުން ވަނީ، މަޖީދިއްޔާ ސްކޫލްގެ މެދުޒިޔާރަތް މަގާވީ ފަޅީގައި މުޒަހަރާ ކުރަމުން ތިބި އެމްޑީޕީގެ އާންމު މެންބަރުންނާ ގުޅިވަޑައިގެން އަނެއްކާވެސް ޝުއޫރުތައް ފާޅުކުރައްވައި ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާލައްވާފަ އެވެ.
އެ ސަރަހައްދުގައި ހުންނަވައި 'ދައުރު'އަށް ދެއްވި އިންޓަވިއުއެއްގައި ނާޒިލް ވިދާޅުވީ:
އެމްޑީޕީ މެންބަރުން ދިޔައީ އެ ބޭފުޅުންގެ ޝުއޫރުތައް ތަޅުމުގައި އެ ވަގުތު ފާޅު ކުރައްވަމުން ކަމަށާއި އޭރު މެންބަރުންގެ ނަން އިއްވި ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް
މެންބަރުން ތަޅުމުން ނެރުމަށް ސާޖެންޓް އެޓް އާމްސް ވަޑައިގެންނެވިއިރު، ރިޔާސަތުގައި އެއްވެސް ބޭފުޅެއް ނެތް
އެވަގުތު ސާޖެންޓް އެޓް އާމްސްއަށް ދެންނެވިން މަޖިލިސް ރައީސް ރިޔާސަތަށް ވަޑައިގަތުމުން ރީތި ގޮތުގައި ތަޅުމުން ނުކުންނަވާނެ ކަމަށް
"އެހެން ނަމަވެސް، މަޖިލިސް ރައީސް ރިޔާސަތުގައި ނެތި، އަޅުގަނޑުމެން ނެރުމަކީ މަޖިލީހުގެ ގަވައިދާއި ހެދިފައި ހުރި ގާނޫނުތަކާ ހިލާފަށް ކުރި ކަމެއް. އަޅުގަނޑުމެންނަށް ވަރަށް އަނިޔާ ވެސްވި. އަޅުގަނޑުގެ ފައިން ލޭ ވެސް އެބަ އާދޭ. އަޅުގަނޑުމެން ބުނިން ރީއްޗަށް ދާނަމޭ، ގަދަކަމުން ނެރޭކަށް ނުޖެހޭނެއޭ،" ނާޒިލް ވިދާޅުވި އެވެ.
"ރިޔާސަތުގައި ރައީސް ހުންނަ ގަޑީގައި އަޅުގަނޑުމެން ނުކުންނަން ޖެހެނީ. އެހެން ނަމަވެސް އެގޮތަކަށް ނޫން ކަންތައް ހިނގީ."
މެންބަރުން ނެރުނީ ގާނޫނާ ހިލާފަށް؛ އަނިޔާ ވެސްވި: ނާޒިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ