ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލަން ސަރުކާރުން ގެންގުޅޭ ވިސްނުމަށް ތާއީދުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ގައުމުގެ ކަންކަމާ ބެހޭ ގޮތުން އޭނާ ދެކެވަޑައިގަންނަވާ ގޮތް ހިއްސާކުރަން މަޖިލީސް އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް މިހެން ވިދާޅުވީ, ދެ އިންތިހާބު އެއްކޮށްލަން ރައްޔިތުންގެ ފެންނަ ނުފެންނެ ވޯޓެއް މި އަހަރުގެ ތެރޭގައި ކަމަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވެފައި ވަނިކޮށެވެ.
މިކަމަށް ތާއިދުކުރައްވާކަން ހާމަކުރައްވަމުން ގާސިމް ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމަކީ ވަރަށް ރަނގަޅު ވިސްނުމެއް ކަމަށެވެ. އަދި މީގެ ސަބަބުން ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން އޮންނަ ފުރުސަތު ބަންދުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން ނޫން ކަމަށް ވަންޏާމުން މި ވާގޮތަކީ, ރައީސް ކަމަށް ކޮންމެ ވެސް ބޭފުޅަކު ވަޑައިގެން އެ ބޭފުޅަކު އައިސް ތިން ހަތަރު މަސް ދުވަސް ފަސް ހަ މަސް ދުވަސް ފަހުން ސަރުކާރު ހިންގާފައި ރައްޔިތުންގެ މަޖިލިސް [] އިންތިހާބު އަންނާތީ ސަރުކާރުން, ދައުލަތުން ނަހައްގު ހަރަދުތައް ހިންގާ, ނަހައްގު ކަންތައްތަކެއްކޮށް, ނުފޫޒު ފޯރުވަން ނުވަތަ އެހެން މިހެން ގޮތްގޮތުން ނުފޫޒު ފޯރުވުމަށްޓަކައި ދާއިރާތަކަށް ގިނަގުނަ ކަންތައްތަކެއް ކޮށްދޭ ވާހަކަ ދައްކަނީ," ގާސިމް ވިދާޅުވި އެވެ.
މިއީ ހެޔޮ ބަދަލެއް ނަމަވެސް, މި މައުލޫގައި ދެކޮޅަށް ދެއްކޭނެ ވާހަކަތައް ވެސް އެބަހުރި ކަމަށް ގާސިމް ވިދާޅުވި އެވެ. އެއީ ވެރިކަމުގައި ހުންނަ ބޭފުޅަކަށް އިންތިހާބަށް ނުފޫޒު ފޯރުވަން އޮތް ފުރުސަތު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް ފެހި ގާނޫނު އަސާސީއަށް އަމަލުކުރަން ފެށި ފަހުން މިހާތަނަށް އެއްވެސް ރައީސަކަށް ވެރިކަން ދިފާއުނުކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ގޮތަށް ބަދަލުކުރެވޭނީ ގާނޫނު އަސާސީ ބަދަލުކޮށްގެންނެވެ. އަދި މިކަމަށް ރައްޔިތުންގެ އާނ ބަސް ލިބިއްޖެ ނަމަ މިއާ މިހާރު ހިނގަމުން އަންނަ މަޖިލީހުގެ ދައުރު ފަސް އަހަރަށް ވުރެ ކުރު ވާނެ އެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަން ގާސިމް ތާއީދުކޮށްފި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަން ގާސިމް ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ