ޣައްޒާގެ ބިމަކީ ފަލަސްތީން ރައްޔިތުންގެ މިލްކެއް: ރައީސް

ޣައްޒާގެ ބިމަކީ ފަލަސްތީނުގެ ރައްޔިތުންގެ މިލްކެއްކަމަށާއި، އެ ބިމަށް އެހެން ބަޔަކަށް އަތް ފޯރުވިގެން ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރިޔާސީ ބަޔާން އިއްވަމުންނެވެ. ރައީސް ވިދާޅުވީ، އަނިޔާ ލިބެމުންދާ ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކާ، އ.ދ. އާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި ދުނިޔޭގެ އެކި ޤައުމުތަކުން ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅިގެން އިސްރާއިލުން އުފުލަންޖެހޭ ޒިންމާތަކާ ބެހޭގޮތުން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަކަށް އެދި މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 19 ވަނަ ދުވަހު އ.ދ.ގެ އާންމު މަޖިލީހުން ފާސްކުރި ޤަރާރު ދިވެހި ރައްޖެއިން ކޯ ސްޕޮންސަރކޮށްފާވާކަމަށެވެ.
"ޣައްޒާގެ ބިމަކީ ފަލަސްތީން ރައްޔިތުންގެ މިލްކެއް. ޣައްޒާއިން ފަލަސްތީން ރައްޔިތުން ބެލުމަށް އެއްވެސް ފަރާތަކުން ކުރާއެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދެއްނުކުރާނެ" ރައީސް ވިދާޅުވިއެވެ.
ޣައްޒާގެ ބިމަށް ވެރިވެގަތުމަށް ޔަހޫދީން ކުރާ މަސައްކަތަށް ދިވެހިރާއްޖޭއިން ދުވަހަކުވެސް ތާއިދު ނުކުރާނެކަމަށާއި ޣައްޒާގެ ބިމަކީ ފަލަސްތީނުގެ ބިންކަމަށް ރައީސް ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވެވިއެވެ. ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނީ 1967 ގެ ކުރީގެ ބޯޑަރު ތަކަށް ތަބާވެ، އިރުމަތީ ޖެރޫސަލަމްއަކީ ފަލަސްތީންގެ ވެރިރަށްކަމުގައި ޤަބޫލުކޮށް، ފަލަސްތީންގެ ވަކި ދައުލަތެއް އުފެއްދުމަށް ކަމަށް ރައީސް ވިދާޅުވިއެެވެ.
"ވަކި ދައުލަތެއް ޤާއިމްކުރުމަށް ފަލަސްތީން ރައްޔިތުން ދެކެމުން އަންނަ ހުވަފެން ޙަޤީގަތަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދާއި އެހީތެރިކަން ފަލަސްތީންގެ ރައްޔިތުންނަށް މި ސަރުކާރުން އަބަދުވެސް ދޭނަން." ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ، ވަކި ދައުލަތެއް ޤާއިމްކުރުމަށް ފަލަސްތީން ރައްޔިތުން ދެކެމުން އަންނަ ހުވަފެން ޙަޤީގަތަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދާއި އެހީތެރިކަން ފަލަސްތީންގެ ރައްޔިތުންނަށް މި ސަރުކާރުން އަބަދުވެސް ދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ