ދަރިން މިޒާޖަށްވުރެ ނެގިމަޑުވާނަމަ އަދި ކިޔެވުމާދުރުވާނަމަ އެއީ ސީރިޔަސް މައްސަލައެއް! އެޙާލަތުގަ ޢަމަލުކުރަން އެންމެ ފައިދާހުރި ގޮތް-!

އެކިކުދިންގެ ހުންނާނީ އެކި މިޒާޖެވެ. ހަލަބޮލި މިޒާޖުގެ ކުދިން ތިބޭފަދައިން މަޑުމައިތިރި މިޒާޖުގެ ކުދިންވެސް ތިބޭނެއެވެ. ދައްކަން މިއުޅެނީ އެފަދަ ކުދިންގެ ވާހަކައެއް ނޫނެވެ. ކުރިން ހަލަބޮލިކޮށްފައި އުޅެފައި ކުއްލިއަކަށް ނުވަތަ މަޑުމަޑުން ނަމަވެސް މަޑުމައިތިރިވާ ކުދިންގެ ވާހަކައެވެ. 
ކިޔެވުމަށް ބެލިނަމަވެސް ކުދިން ތަފާތުވާނެއެވެ. ބައެއްކުދިން ކިޔަވަން ބޮޑަށް މަސައްކަތްކުރާނެއެވެ. އަނެއްބައިކުދިން އެވަރަކަށް މަސައްކަތެއް ނުކުރާނެއެވެ. ދައްކަންމިއުޅެނީ އެކުދިންގެ ވާހަކައެއް ނޫނެވެ. ކުރިން ކިޔަވަން ބޮޑަށް މަސައްކަތްކޮށްފައި ފަހުން ފޫހިވާ ކުދިންގެ ވާހަކައެވެ. 
ދިރާސާތަކުން އެނގޭގޮތުގައި މިފަދަ ބަދަލުތައް ކުދިންނަށް އަންނަން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ކަންބޮޑުވާ ކަމެއް ކުރިމަތިވުން، ހިތްހަމަނުޖެހުން، މާޔޫސްވުން ހިމެނެއެވެ. ވީމާ މިފަދަ ބަދަލެއް ކުއްޖާއަށް އަތުވެއްޖެނަމަ ގަދައަށް އަމުރުނުކޮށް، ރުޅި ނައިސް ކުއްޖާގެ ޙާލަތު ދެނެގަތުމަކީ އެންމެ މުހިންމު އެއްކަންތަކެވެ. އެކަން އަމިއްލައަށް ނުކުރެވޭނެނަމަ ތަޖުރިބާކާރު މީހުންގެ އެހީތެރިކަން ހޯދައިގެންވެސް އެކަންކުރަންވާނެއެވެ. 
ފަހަރެއްގައި ކަންކަން ދިމާވަނީ ގޭތެރެއިން ކަމަށްވެސް ވެދާނެއެވެ. ސްކޫލުންކަމަށްވެސް ވެދާނެއެވެ. އެކުވެރިއެއް ނުވަތަ އެކުވެރިންގެ ފަރާތުން ކަމަށްވެސްވެދާނެއެވެ. ވީމާ ޓީޗަރުންނާއިވެސް މަޝްވަރާކުރަންވާނެއެވެ. އެކުގައި އުޅޭ ކުދިންނާއިވެސް ވާހަކަދައްކައިގެން އޮޅުންފިލުވަން މަސައްކަތްކުރަންވާނެއެވެ. 
އެކަންކަން ނުކޮށް ކުއްޖާއަށް ޕްރެޝަރުކުރިވަރަކަށް ޙާލަތުދާނީ ގޯސްވަމުންނެވެ. ގޯހުން ގޯހަށް ބަދަލުވަމުންނެވެ. ވީމާ މިކަމަކީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ސީރިޔަސް މައްސަލައެކެވެ. ތިމާމެންނަކީ މައިންބަފައިންކަމަށްވުމަކީ މިފަދަ ކަންކަމުގެ ސަބަބު އެންމެ ބޮޑަށް އެނގޭނެ މީހުންކަމަށް ދެކުން ރަނގަޅެއް ނޫނެވެ. ސަބަބަކީ ގިނަކުދިން އެކުދިންގެ އެބާވަތުގެ ކަންކަން މައިންބަފައިންނަށް ޙިއްޞާ ނުކުރާކަމެވެ. 
ދަރިންނާއި އަބަދުވެސް ގާތްގުޅުމެއް ބާއްވައި ދަރިންގެ އެންމެ ގާތް އެކުވެރިންނަށްވެސް ވާން މަސައްކަތްކުރަންޖެހެނީ މިފަދަ ކަންކަން މެދުވެރިވާތީއެވެ.
 
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ