19 ދިވެހިން ޝަހީދު ކޮށްލުމުގެ ފަހަތުގައި ހުރި ލުތުފީ މިނިވަންވެއްޖެ
ނަވާރަ ދިވެހީން ޝަހީދުކޮށްލި، ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއާ ގުޅިގެން ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީގެ ހުކުމުގެ މުއްދަތު މިއަދަށް ހަމަވެއްޖެއެވެ. ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، ލުތުފީގެ ޖަލު ހުކުމުގެ މުއްދަތު މިއަދު ހަމަވެފައިވާ ކަމަށާއި އެހެންކަމުން އޭނާ މިއަދު މިނިވަން ކުރާނެ ކަމަށެވެ. ނޮވެމްބަރު ތިނަކާ ގުޅިގެން ލުތުފީގެ މައްޗަށް ކުރި ހުކުމް މިދިޔަ ޖޫން މަހު ތަންފީޒުކޮށް ވަނީ ނިމިފައެވެ. ލުތުފީ މި ފަހުން ތަންފީޒު ކުރީ، ބޭސްފަރުވާއަށް ފޮނުވުމުން ފިލި މައްސަލައިގައި އޭނާގެ މައްޗަށް ކުރި ހުކުމެވެ. ރާއްޖެ ހިފަން އުޅުނު ބާގީ އަބްދުﷲ ލުތުފީ ހައްޔަރުކޮށްގެން ގެންދަނީ-- ހޯމް މިނިސްޓްރީން ޖެނުއަރީ 16، 2010 ގައި ލުތުފީ އެއް އަހަރު ދުވަހަށް އަމިއްލަ ޚަރަދުގައި ބޭސްފަރުވާ ކުރުމަށް އިންޑިއާއަށް ފޮނުވުމުން އޭނާ ފިލިއެވެ. ލުތުފީ ހޯދައި ހައްޔަރުކޮށް އޭނާގެ ހުކުމް ތަންފީޒުކުރުމަށް ފުލުހުންނާއި ކަރެކްޝަންސްގެ މައްޗަށް 2012 ވަނަ އަހަރު ކްރިމިނަލް ކޯޓުން އަމުރެއް ވެސް ނެރުނެވެ. އޭގެ ފަހުން ލުތުފީ ހޯދަން ފުލުހުން އިންޓަޕޮލް މެދުވެރިކޮށް ރެޑްނޯޓިސް ވެސް ނެރުނެވެ. ނުވަ އަހަރާއި ހަ މަހާއި ތިން ދުވަސް ވަންދެން ފިލައިގެން އުޅުނު ލުތުފީ ރާއްޖެ ގެނައީ، ލަންކާގައި ދިން އީސްޓާ ބޮމުގެ ހަލަމާތަކާ ގުޅިގެން އެ ގައުމުގެ ސިފައިން ފެށި އޮޕަރޭޝަނާ އެކު، މެއި 1، 2019 ގައި އޭނާ އަމިއްލައަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީއާ ހަވާލުވުމުންނެވެ. ރާއްޖެއިން ބޭރުގައި ނުވަ އަހަރު އޭނާ ފިލައިގެން އުޅުނީ ސިފަ ބަދަލުކޮށްގެން އެކި ނަން ނަމުގައި ކަމަށް ވެއެވެ. އެހެންވެ، އަލުން ރާއްޖެ ގެނައުމަށް ފަހު، މާޗު 10، 2021 ގައި އޭނާގެ މައްޗަށް ހަތް މަހާއި ހަ ދުވަހުގެ ހުކުމެއް ކުރީ އޭނާ ފިލި ކަމުގެ ދައުވާއަށް އިއުތިރާފު ވުމުންނެވެ. ހ. ހާޖަރާގޭ، އަބްދުﷲ ލުތުފީ ތަމަޅައިންގެ ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ތިނެއް ނޮވެމްބަރުގައި ލުތުފީ އިސްވެހުރެ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވިއެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެއެވެ. އަދި އެތައް ބަޔަކަށް ބޮޑެތި ޒަޚަމުތައްވެ އަނިޔާވިއެވެ. ތަމަޅަ ޓައިގަރުންނާ އެކު ލުތުފީ ވެސް ބަޑި ހިފައިގެން މާލެ ތެރޭގައި އުޅުނެވެ. އެގޮތުން، ބައެއް ކެބިނެޓް މިނިސްޓަރުން ހޯދަން އެ ބޭފުޅުން އުޅުއްވި ގެތަކަށް ވެސް ބަޑި ހިފައިގެން ވަނެވެ. ލުތުފީ އިސްވެ ހުރެ ދިން ހަމަލާތައް ނާކާމިޔާބުވުމާ އެކު އޭނާ ސަރުކާރުގެ ޝިޕިން ކުންފުނި، އެމްއެސްއެލްގެ އެމްވީ ޕްރޮގްރެސް ލައިޓަށް އަރައިގެން ފިލަން މަސައްކަތްކުރިއެވެ. އެކަމަކު ފުރައިގެން ދަނިކޮށް، ރާއްޖެއަށް އެހީވި އިންޑިއާގެ މަނަވަރުން ހަމަލާދީ ބޯޓު ފައްތާލައިގެން ލުތުފީއާއި ހަނގުރާމަވެރިން އަތުލައި އޭގައި ރަހީނުކޮށްފައި ތިބި ދިވެހިން ވެސް ސަލާމަތްކުރިއެވެ. ހާޖަރާގޭ ލުތުފީ އައިޖީއެމްއެޗްގައި -- ލުތުފީއާ އެކު އެ ހަމަލާގައި ބައިވެރިވެ، ބާޣީންނާ އެކު މާލެ އައި ސަގަރު އަހުމަދު ނާސިރަށް ވެސް އެ މައްސަލައިގައި 25 އަހަރުގެ ހުކުމެއް ކުރިއެވެ. އޭނާއަށް ކުރި ހުކުމް ތަންފީޒުކޮށް ނިމި، މިނިވަންވިތާ އެތައް އަހަރެއް ވެއްޖެއެވެ. އެ މައްސަލައިގައި ލުތުފީގެ މައްޗަށް އެންމެ ފުރަތަމަ ކުރީ މަރުގެ ހުކުމެވެ. ނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެ އަދަބު ލުއިކޮށްދެއްވައި 25 އަހަރުގެ ޖަލު ހުކުމަކަށް ބަދަލުކޮށްދެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ