މިއީ މިދިޔަ ހިޔާލު ހޯދުމުގެ ވޯޓުން %30 ތާއީދު ލިބިވަޑައިގެންނެވި ރައީސް މުހައްމަދު މުއިއްޒުގެ ރާއްޖެއެއް ނޫން ކަމަށާއި ވާދަވެރި ޕާޓީތަކަށް ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ވެސް ފާޑުކިޔޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - އަވައްޓެރި އިންޑިއާ ހިމެނޭ ގޮތަށް ބޭރު ގައުމުތަކުން ރާއްޖެއަށް ފޯރުކޮށްދޭ މާލީ އެހީ އާއި ލޯނު މި ސަރުކާރުން އިސްރާފުކުރަމުންދާ ކަމަށް ވިދާޅުވެ އިންޑިއާގެ ނޫހަކަށް ނަޝީދު އިންޓަވިއުއެއް ދެއްވާފައިވަނިކޮށް ފޮރިން މިނިސްޓްރީން އިއްޔެ ބަޔާނެއް ނެރުނެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ނަޝީދަށް ނުސީދާކޮށް ރައްދު ދެމުން ބުނެފައިވަނީ:
ދައުލަތުގެ އިސް މަގާމުތައް ކުރިން ފުރުއްވާފައިވާ ބޭފުޅުން މިފަދަ ކަންކަމުގެ ވާހަކަތައް ދެއްކުމަކީ އެކަމުން އަސަރުތަކެއް ކޮށްފާނެ ފަދަ ކަމެއް
މިފަދަ ވާހަކަތަކުން ނުކުންނަން ވާނީ ގައުމީ އެއްބައިވަންތަކަމާއި ރާއްޖޭގެ މުއައްސަސާތަކަށް އޮތް އިތުބާރު އިތުރުވުން ފަދަ، ރަނގަޅު ނަތީޖާއެއް
މިނިސްޓްރީން އިލްތިމާސްކުރީ ރާއްޖޭގެ ގައުމީ މަސްލަހަތާއި ހާރިޖީ ގުޅުންތަކަށް އަސަރުކުރާ ފަދަ ވާހަކަތައް ވީހާވެސް ފަރުވާތެރިކަމާ އެކު ދެއްކުމަށް
ފޮރިން މިނިސްޓްރީގެ ބަޔާނާ އެކު ނަޝީދު ވަނީ އެކްސްގައި އެ ވާހަކަތަކަށް ރައްދު ދެއްވައި ޕޯސްޓެއް މިއަދު ކުރައްވައިފަ އެވެ.
ތަފްސީލް - ނަޝީދު ވިދާޅުވީ ހާރިޖީ ސިޔާސަތު ހިމެނޭހެން ސިޔާސަތުތައް މުތޯލިއާކޮށް، ދެނެގަނެ، އެ ސިޔާސަތުތަކަށް ފާޑުކިޔުމަކީ ވާދަވެރި ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށެވެ.
"ދިވެހިރާއްޖެއަކީ މުޅި ދިވެހި ރައްޔިތުންގެ ރާއްޖެ. %30އަށް ވުރެ ތާއީދު ދަށްކޮށް އޮތް [ރައީސް] ޑރ. މުއިއްޒުގެ ސަރުކާރުގެ ރާއްޖެއެއް ނޫން،" ނަޝީދު ލިއުއްވާފައިވެ އެވެ.
"އެކުވެރި ދައުލަތްތަކުން ދޭ މާލީ އެހީ އާއި ލޯން ސަރުކާރުން ބޭނުންކުރާން ޖެހޭނީ ޒިންމާދާރުކަމާ އެކު."
ފާހަގަކޮށްލެވޭ ކަމެއް - ސަރުކާރުން އިސްރާފުކުރަމުންދާ ކަމަށް ވިދާޅުވުމުގެ އިތުރަށް ނަޝީދު ވަނީ އިންޑިއާއިން ރާއްޖެ ވަޑައިގެން ދިވެހި ނޫސްވެރިންނާ އިއްޔެ ބައްދަލުކުރައްވައި، ރާއްޖެ އާއި މޮރިޝަސްގެ ގުޅުން އަލުން ބަދަހިކުރުމަށް މަސައްކަތްކުރުމާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ.
ރައީސް މުއިއްޒަކީ %30؛ އެމްޑީޕީއަށް ހާރިޖީ ސިޔާސަތަށް ފާޑުކިޔޭނެ: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ