ކްރިމިނަލް ކޯޓުން މިއަދު ޖަލަށް ހުކުމްކުރި އަދަދުގެ ޝަހުޒާން މުހައްމަދާއި ލީވާން އަލީ ނާސިރު ޖަލަށް ހުކުމް ކުރީ އަދުލުވެރި ޝަރީއަތަކުން ކަމާ މެދު ސުވާލު އުފެދޭ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސުން ބުނެފި އެވެ.
ލީވާން އާއި ޝަހުޒާން ވަގުތުން މިނިވަން ކުރުމަށް ގޮވާލައި އެ ޖަމިއްޔާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދަން އެކަށީގެންވާ ފުރުސަތު ނުދިނުމުން ސީރިއަސް ކަންބޮޑުވުންތަކެއް އެބަ ހުރި ކަމަށެވެ.
"ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެކަށީގެންވާ ފުރުސަތެއް ދީފައި ނުވުމަކީ، އަދުލުވެރި ޝަރީއަތެއް ހޯދުމުގެ ހައްގާއި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ރައްކާތެރިކަން ލިބިދީފައިވޭތޯ ސީރިއަސް ކަންބޮޑުވުންތަކެއް އުފެދޭ ކަމެއް،" އެ ޖަމިއްޔާއިން ބުންޏެވެ.
"މިފަދަ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ހަނިވެ، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ޖަވާބުދާރީކުރުވުމަށް އޮންނަ ބާރު ކެނޑިގެންދާއިރު، މިއީ ޑިމޮކްރެޓިކް ވެރިކަމެއްގެ އަސާސްތަކަށް ދެވޭ ވަރަށް ބޮޑު ހަމަލާއެއް."
ކްރިމިނަލް ކޯޓުން މިއަދު ޝަހްޒާން 15 ދުވަހަށް ޖަލަށް ހުކުމްކުރީ ރައީސް މުހައްމަދު މުއިއްޒުއާ ކުރި ސުވާލަކާ ގުޅިގެންނެވެ. އަދި ލީވާން 10 ދުވަހަށް ޖަލަށް ހުކުމްކުރީ ކޯޓުން ނެރުނު އަމުރެއްގެ ވާހަކަ ނޫހުގައި ލިޔުމުންނެވެ.
ޝަހުޒާން އާއި ލީވާންގެ މައްސަލަ ވެސް ގުޅިފައި ވަނީ އަދަދުން ނެރުނު "އައިޝާ" ޑޮކިޔުމެންޓްރީގައި ރައީސް މުހައްމަދު މުއިއްޒަށް ކުރާ ސީރިއަސް ތުހުމަތުތަކާ އެވެ. އެ ތުހުމަތުތަކުގެ ވާހަކަ ހުއްޓުވުމަށް ކޯޓުން ވަނީ މުޅި ރާއްޖެއަށް "ގޭގް އޯޑަރެއް" ނެރިފަ އެވެ.
ޝަހުޒާން އާއި ލީވާންއާ ދެކޮޅަށް ހިންގި ޝަރީއަތާ މެދު ސުވާލު އުފެދޭ: ޓްރާންސްޕޭރެންސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ