އޭއައިގެ އެހީގައި ދީދީ ތައްޔާރުކުރި ފިލްމު "ވެއާ ޔޫ ލެފްޓް މީ ސްޓޭންޑިން" މިއުޒް ކްރިއޭޓިވް އެވޯޑަށް ނޮމިނޭޓްވެއްޖެ
ދިވެހި ޑިޖިޓަލް އާޓިސްޓުންގެ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީއެއްގައި، ކްރިއޭޓިވް ޕްރޮޑިއުސާ އަޙްމަދު މުޙައްމަދު ދީދީ (ދީދީ) ބައިނަލްއަޤްވާމީ ފިލްމީ ދާއިރާގައި ސަމާލުކަން ހޯދައިފިއެވެ. އޭނާގެ މިއުޒިކް ވީޑިއޯ، "ވެއާ ޔޫ ލެފްޓް މީ ސްޓޭންޑިން – ލީނާސް ސްޓޯރީ" މިހާރު ވަނީ މަޝްހޫރު މިއުޒް ކްރިއޭޓިވް އެވޯޑްސް (މިއުޒް ފިލްމް އެވޯޑްސްގެ ނަމުން ވެސް މަޝްހޫރު) ގެ ފައިނަލް ޖަޖިން މަރުޙަލާއަށް ހޮވިފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ހުށަހެޅި އެތައް ސަތޭކަ އުފެއްދުންތަކުގެ ތެރެއިން ފަނޑިޔާރުންގެ ސަމާލުކަމަށް އައި މި އުފެއްދުމަކީ، އިންސާނީ އިޙްސާސްތަކާއި އެންމެ ޒަމާނީ ޓެކްނޮލޮޖީ ގުޅުވައިލައިގެން ތައްޔާރުކޮށްފައިވާ އާދަޔާޚިލާފު މަސައްކަތެކެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން އުފެއްދި "ވެއާ ޔޫ ލެފްޓްމީ ސްޓޭންޑިން - ލީނާސް ސްޓޯރީ" އަކީ މައިންބަފައިންނާ ދަރީން ވަކިވުމުން ދަރީންނަށް ކުރިމަތިވާ ހިތްދަތި އިޙްސާސްތަކުގެ މައްޗަށް ބިނާކޮށްފައިވާ ފުން އަސަރުތަކެއް އެކުލެވޭ ވާހަކައެކެވެ. މި ވީޑިއޯގައި ކިޔައިދެނީ މައިންބަފައިންނާ ދަރީން ވަކިވުމުގެ ސަބަބުން ނުވަތަ ގުޅުން ކެނޑުމުގެ ސަބަބުން ދަރީންގެ ކިބައިގައި ނަފްސާނީ ގޮތުން އުފެދޭ ލަކުނުތަކާއި، ގިނަ ދުވަސްތަކެއް ވަންދެން ހިތުގައި އުފެދޭ ސުވާލެވެ: "މިއީ މަގޭ ކުށެއް ހެއްޔެވެ؟" މި މަޝްރޫޢަކީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުފެއްދުންތެރިކަން ކުރިއަށް ގެންދެވިދާނެ ފުރިހަމަ މިސާލެކެވެ. މީގެ މައިގަނޑު ތަޞައްވުރު ކުރެހީ އަޙްމަދު ދީދީއެވެ. ފިލްމުގައި ލަވަކިޔުންތެރިޔާގެ ހިތްގައިމު ލައިވް-އެކްޝަން ފެނިގެންދިޔަ ނަމަވެސް، އޭގެ ރާގާއި އަދި ހުވަފެނީ މަންޒަރުތައް ކުރަހައިދީފައިވަނީ އެންމެ ފަހުގެ އޭއައި ޓެކްނޮލޮޖީގެ އެހީގައެވެ. "ޓެކްނޮލޮޖީއަކީ ހަމައެކަނި އަހަރެންގެ ކުރެހުމަށް ބޭނުންކުރާ ފިއްސެކެވެ" ދީދީ ފާހަގަކުރިއެވެ. އަޙްމަދު ދީދީ ބުނި ގޮތުގައި ފިލްމުގެ އެޑިޓިން، ވާހަކައިގެ އޮއިވަރު، އަދި ކްރިއޭޓިވް ޑައިރެކްޝަންގެ ފުރިހަމަ ބާރު އަބަދުވެސް އޮންނަނީ އޭނާގެ އަތްމަތީގައެވެ. މިހާރު އެމެރިކާގައި ދިރިއުޅެމުންދާ ދީދީގެ މި މަސައްކަތް މިއުޒް އެވޯޑްސްގެ ސަމާލުކަމަށް އައިސްފައިވާއިރު، މި ފިލްމު ޔޫރަޕްގައި ދައްކާލުމަށް ވެސް ވަނީ ތައްޔާރުވެފައެވެ. އެގޮތުން މެއި 10 ވަނަ ދުވަހު ގްރީސްގައި ބާއްވާ "ލެވާޑިއާ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް" ގައި މި ކުރު ފިލްމު ދައްކާލުމަށް ވަނީ ތާވަލުކުރެވިފައެވެ. މިއުޒް އެވޯޑްސް އިންތިޒާމްކުރާ އިންޓަނޭޝަނަލް އެވޯޑްސް އެސޯސިއޭޓް އިން ދީދީއަށް އަންގާފައިވަނީ، ބައިނަލްއަޤްވާމީ ގިނަ ހުނަރުވެރިންގެ ތެރެއިން އޭނާގެ މަސައްކަތް ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން، މި އުފެއްދުން މިހާރު ވަނީ މަތީ ފަންތީގެ ޖަޖިން މަރުޙަލާއަށް ގޮސްފައިކަމަށެވެ. މިއުޒް އެވޯޑްސް އަކީ ފިލްމު، ޓީވީ، އިޝްތިހާރު އަދި ޑިޖިޓަލް މީޑިއާގެ ދާއިރާއިން އާދަޔާޚިލާފު ހުނަރުވެރިކަން ދައްކާ ފަރާތްތަކަށްދޭ ދުނިޔޭގެ ފެންވަރުގެ ޝަރަފުވެރި އެވޯޑެކެވެ. މި އެވޯޑަށް ހޮވުމަކީ ވެސް، އާދައިގެ އުފެއްދުންތަކުގެ ބޭރުން އައު އީޖާދުތައް ގެނެސްދިނުމުގެ ގާބިލުކަން ހުރިކަމުގެ ހެއްކެކެވެ. ފައިނަލް ޖަޖިން ކުރިއަށްދާއިރު، ރާއްޖޭގެ ފަންނުވެރިންނާއި ދީދީއަށް ތާއީދުކުރާ ފަރާތްތައް ތިބީ އުއްމީދީ އިންތިޒާރެއްގައެވެ. އޭއައި ބޭނުންކޮށްގެން ވާހަކަ ކިޔައިދިނުމުގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ރާއްޖެ ތަމްސީލުކުރަމުންދާ އަޙްމަދު މުޙައްމަދު ދީދީއަށް އަޅުގަނޑުމެން ކާމިޔާބީއަށް އެދެމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ