ހުއްދަ ނެތް ކްލިނިކްތަކުން އައިވީއެފްގެ ފަރުވާދޭ ކަމަށް ބުނާ މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފި

ޤުދުރަތީ ގޮތުން ދަރިމައިނުވެވޭ މީހުންނަށް ދޭ ޚާއްޞަ ފަރުވާއެއް ކަމަށްވާ އިން-ވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) ގެ ޚިދުމަތް، އެކަމުގެ ހުއްދަ ނެތް ބައެއް ދިވެހި އަމިއްލަ ކްލިނިކްތަކުން ދެމުންދާ ކަމަށް ބުނާ މައްސަލަ ސިއްޚަތާއި އާއިލާ އާއި އިޖުތިމާޢީ އެހީތެރިކަމާ ބެހޭ ވުޒާރާއިން ބަލަން ފަށައިފިއެވެ. ރާއްޖޭގައި މި ފަރުވާ ދިނުމުގެ ހުއްދަ މިހާތަނަށް ދީފައިވަނީ ހަމައެކަނި ދަރުމަވަންތަ ހޮސްޕިޓަލަށާއި ޓްރީ ޓޮޕް ހޮސްޕިޓަލަށް އެކަނި ކަމަށްވާއިރު، ބައެއް އަމިއްލަ ކްލިނިކްތަކުން ބޮޑު އަގު ނަގައިގެން މި ޚިދުމަތް ދޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. ދަރިމައިނުވުމުގެ މައްސަލަ ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާއިރު, އެކަމަށް އެކިއެކި ފަރުވާ ދޭ ކަމަށް ބުނެ ދިވެހި އެތައް ކްލިނިކަކުން އަންނަނީ އިސްތިހާރުތައް ކުރަމުންނެވެ. ބައެއް އާއްމުން "ސަން" އަށް މައުލޫމާތު ދިން ގޮތުގައި ތަފާތު އަގުތައް ނަގައިގެން އައިވީއެފް އަދި އައިޔޫއައިގެ ފަރުވާދެމުންދާކަމަށް ބައެއް ދިވެހި ކްލިނިކުތަކުން ބުނާއިރު އެތަންތަނަކީ އެކަން ކުރުމުގެ ހުއްދަ ނެތް ތަންތަން ކަމަށެވެ. "އަޅުގަނޑަކީ ރާއްޖެއިން އައިވީއެފްގެ ފަރުވާ ހޯދާ މީހެއް. ރާއްޖޭގައި މިހާރު އެބަފެނޭ ވަރަށް ގިނަ ޕްރައިވެޓް ކްލިނިކްތަކުން އައިވީއެފް، އައިޔޫއައި ޚިދުމަތްދޭ ކަމަށް ބުނެ އިސްތިހާރު ކުރާތަން. އެއީ ހުއްދަ ނެތި ކުރާ ކަމެއް," "ސަން" އަށް މައުލޫމާތު ދިން އާއްމު މީހަކު ބުންޏެވެ. މިކަމުގެ މަޢުލޫމާތު އެނގޭ އިތުރު މީހަކު "ސަން" އަށް މަޢުލޫމާތު ދެމުން ބުނީ، މާލޭގައި ހިންގާ ބައެއް އަމިއްލަ ކްލިނިކްތަކުގައި މިހާރުވެސް 600 އަށް ވުރެ ގިނަ މީހުން މި ފަރުވާއަށް ކިއޫގައި އެބަތިބި ކަމަށެވެ. އަދި މި ފަރުވާ ދިނުމުގައި ގިނައިން ހަރަކާތްތެރިވަނީ އިންޑިއާގެ ފިރިހެން ޑޮކްޓަރުން ކަމަށާއި، މިއީ ރާއްޖޭގައި ހިންގާ "މެޑިކަލް މާފިއާއެއް" ގޮތުގައި އޭނާ ސިފަކުރިއެވެ. މިފަދަ ތަންތަނުން ފަރުވާ ހޯދުމުގެ ކުރިން ހެލްތު މިނިސްޓްރީން މަޢުލޫމާތު ސާފުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ. މި މައްސަލައާ ގުޅިގެން ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، ހުއްދަ ނެތި އައިވީއެފްގެ ފަރުވާދޭ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ މިހާރު ތަޙުޤީޤު ކުރަމުންދާ ކަމަށެވެ. ނަމަވެސް، މިހާތަނަށް މިފަދަ އެއްވެސް ކްލިނިކަކަށް ފިޔަވަޅު އަޅާފައި ނުވާތީ އާއި، މައްސަލަ ބެލުން ލަސްވެފައިވާތީ އާންމުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ. ސިއްޚީ ދާއިރާގެ ގަވާއިދުތައް ބުނާގޮތުން، އައިވީއެފް ފަދަ ޚާއްޞަ ފަރުވާތައް ދެވޭނީ އެކަމަށް ބޭނުންވާ ވަސީލަތްތަކާއި ހުއްދަ އޮންނަ މަރުކަޒުތަކުގައެވެ. މިއީ ކޮންމެ ކޮންމެ ބަޔަކަށް ދެވޭ ވަރަށް ވުރެން ސީރިއަސް ފަރުވާއެކެވެ. މިނިސްޓްރީން މިހާރު ބަލަމުންދާ މައްސަލަ ނިމި، އަމަލީ ފިޔަވަޅެއް އެޅޭނެ ދުވަހެއް އަދި ސާފެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ