ރިއަލް އެސްޓޭޓާއެކު ބޭރު ފައިސާގެ ތާށިކަމަށް ދާއިމީ ހައްލެއް ގެނެވޭނެ: މުއްތަލިބު

ދިވެހިރާއްޖޭގެ އިޤުތިޞާދު ސިންދަފާތުކޮށް، ކުރިއެރުމުގެ އައު މަރުޙަލާއަކަށް ގެންދިއުމަށްޓަކައި ރިއަލް އެސްޓޭޓް ސިނާޢަތަކީ އެންމެ މުހިންމު އެއް ދާއިރާ ކަމަށާއި އެ ދާއިރާގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާގެ ތާށިކަމަށް ދާއިމީ ޙައްލެއް ގެނެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު މިއަދު ވިދާޅުވެއްޖެއެވެ. ރިއަލް އެސްޓޭޓް ވިޔަފާރިއާ ގުޅޭގޮތުން, ލިންކްޑްއިންގައި ޝާއިޢުކުރެއްވި ތަފުޞީލީ ލިޔުމެއްގައި މިނިސްޓަރު ވަނީ ރާއްޖޭގައި ރިއަލް އެސްޓޭޓް ސިނާޢަތެއް ބިނާކުރުމާ ގުޅޭގޮތުން ސަރުކާރުގެ ތަޞައްވުރު ހާމަކުރައްވާފައެވެ. އެގޮތުން، ރިއަލް އެސްޓޭޓް ސިނާޢަތެއް އޮތުމަކީ ހަމައެކަނި ގެދޮރު ނުވަތަ އެޕާޓްމަންޓްތަކެއް އިމާރާތްކުރުން ނޫން ކަމަށާއި އެއީ އިންސާފުވެރި، ވާދަވެރި އަދި އިންވެސްޓްކުރުމަށް ފަހި މާޙައުލެއް ގާއިމުކުރުން ކަމުގައި މުއްޠަލިބު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި ސިނާޢަތުގެ ސަބަބުން ރާއްޖެއަށް ބޮޑެތި އަދަދުތަކުން ބޭރު ފައިސާ ވަދެ، އިގުތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށާއި މިއީ ހަމައެކަނި އިގުތިސާދީ ކުރިއެރުމެއް ނޫން ކަމަށާއި މިއީ އިގުތިސާދު ސިންދަފާތުކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. https://x.com/muththo/status/2051527619548778643 ބިދޭސީންނަށް ރާއްޖެއިން ބިން މިލްކުކުރެވޭނެ ކަމަށް އާންމުންގެ މެދުގައި އޮތް ކަންބޮޑުވުންތަކަށް ރައްދުދެއްވަމުން، މުއްޠަލިބު ވިދާޅުވީ ރާއްޖޭގައި ފްރީހޯލްޑް ނުވަތަ ދާއިމަށް ބިން މިލްކުކުރެވޭނެ ނިޒާމެއް ތަޢާރަފުކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުން ބައްޓަންކުރާ ދިވެހި މޮޑެލްއަކީ ބޭރުގެ އިންވެސްޓްމަންޓްތަކަށް ހުޅުވާލެވިފައިވާ، ނަމަވެސް ދައުލަތުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ނިޒާމެކެވެ. "މި ނިޒާމުގެ ދަށުން، ޕްރޮޕަޓީއެއް ގަތުމަކީ ރާއްޖޭގެ ރައްޔިތުކަން ލިބޭނެ މަގެއް ނޫން. އިންވެސްޓަރުންނަށް ދޫކުރާ ރެސިޑެންސީއަކީ ޝަރުޠުތަކެއްގެ މަތިން ދޫކުރާ، އަދި ކޮންމެ ވަގުތަކު ވެސް ބާތިލުކުރެވިދާނެ ވިޒާއެއް. ދުބާއީ ފަދަ ގައުމުތައް ފަދައިން ގައުމުގެ ސިޔާދަތީ ބާރުވެރިކަން ދެމެހެއްޓުމާ އެކު ބޭރުގެ އިންވެސްޓްމަންޓްތައް ގެނެވިދާނެ," މިނިސްޓަރު ވިދާޅުވިއެވެ. "މި މާކެޓުގައި ބައިވެރިވެވޭނީ ހަމައެކަނި އިތުބާރު ހުރި އިންވެސްޓަރުންނަށްކަން ކަށަވަރުކުރުމަށްޓަކައި ހަރުދަނާ އުސޫލުތަކެއް ގާއިމުކުރެވޭނެ،" ރިއަލް އެސްޓޭޓް ސިނާޢަތުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރާނެ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މިއީ ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާގެ ތާށިކަމަށް އޮތް ޙައްލެއްކަމުގައި މިނިސްޓަރު ސިފަކުރެއްވިއެވެ. ފަތުރުވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އިގުތިސާދުގެ މައި ތަނބުކަން ގަބޫލުކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ދުނިޔެއަށް އަންނަ އިގުތިސާދީ ލޮޅުންތަކުގެ އަސަރު ފަތުރުވެރިކަމަށް ވަރަށް އަވަހަށް ކުރާ ކަމަށާއި އެއީ ވަކި ސަރަހައްދުތަކަކަށް ބަރޯސާވެފައިވާ ސިނާއަތެއް ކަމަށެވެ. https://sun.mv/220828 ނަމަވެސް، ރިއަލް އެސްޓޭޓް އިންވެސްޓަރުން ރާއްޖޭގައި ހޭދަކުރާ މުއްދަތު ދިގުވެފައި، އެ ފަރާތްތަކުން އިގުތިސާދުގެ އެކި ދާއިރާތަކަށް ކުރާ ހޭދަ ބޮޑުވާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ރިއަލް އެސްޓޭޓް ސިނާއަތުން ދައުލަތަށް ލިބޭ އާމްދަނީ، ފަތުރުވެރިކަމުން ލިބޭ އާމްދަނީއަށްވުރެ އިތުރުވުމުގެ ފުރުސަތު އޮތް ކަމަށާއި މިއީ ރާއްޖެ ތަރައްގީވެފައިވާ މަތީ އާމްދަނީ ލިބޭ ގައުމަކަށް ބަދަލުކުރުމަށް އޮތް މަގެއްކަމުގައި ވިދާޅުވިއެވެ. މި އައު ސިނާޢަތް ތަރައްގީކުރުމުގައި ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްގުތައް ރައްކާތެރިކުރުމަކީ ސަރުކާރުގެ އެންމެ އިސް ސިޔާސަތުކަން މުއްޠަލިބު ކަށަވަރުކޮށްދެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ބޭރުގެ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ރިއަލް އެސްޓޭޓް މަޝްރޫޢުތަކުގެ ސަބަބުން އާންމު ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތަކުގެ ބިމާއި ގޭކުލި ބޮޑުވެގެން ނުދާނެއެވެ. މިކަން ކަށަވަރުކުރުމަށްޓަކައި، ބިދޭސީންނަށް އިންވެސްޓްކުރެވޭނީ ހަމައެކަނި އެކަމަށް ކަނޑައެޅިފައިވާ ޚާއްސަ ޒޯންތަކެއްގައި ކަމަށާއި، އާންމު ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތަކަށް ބިދޭސީންނަށް ނުވަދެވޭނެކަން މިނިސްޓަރު ހާމަކުރެއްވިއެވެ. "ރިއަލް އެސްޓޭޓް ސިނާޢަތް ކުރިއަރައިގެން ދާނީ ދިވެހިންގެ ބޯހިޔާވަހިކަމަށް އެއްވެސް ހުރަހެއް ނޭޅި، އޭގެ ފައިދާ ސީދާ ގޭބިސީތަކަށް ކުރާނެ ގޮތަކަށް," މިނިސްޓަރު ވިދާޅުވިއެވެ. މި މަސައްކަތަކީ ފަތުރުވެރިކަން ބަދަލުކުރުމަށް ކުރާ ކަމެއް ނޫން ކަމަށާއި މިއީ ގައުމުގެ މުއްސަނދިކަން އިތުރުކޮށް، ބޭރުގެ ރައުސްމާލު ހޯދުމަށް އެޅޭ ވަރަށް ސްޓްރެޓީޖިކް ފިޔަވަޅެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. އިންވެސްޓަރުން އަންނާނީ ފައިދާއެއް ހޯދުމުގެ ބޭނުމުގައިކަން ގަބޫލުކުރަންޖެހޭ ކަމަށާއި، ޕްރޮޕަޓީގެ އަގު ނުއުފުލޭނަމަ އަދި ފައިދާއާއެކު ނުވިއްކޭނަމަ ހަގީގީ މާކެޓެއް ނޯންނާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު: ވިދާޅުވީ -- ފޮޓޯ/ މަޖިލިސް "އެހެންކަމުން ސަރުކާރުގެ އަމާޒަކީ ޤައުމީ މަޞްލަޙަތު ރައްކާތެރިކުރެވިފައިވާ ޙާލަތެއްގައި އިންވެސްޓަރުންނަށް ފައިދާ ލިބޭނެ ނިޒާމެއް ފަރުމާކުރުން. ކުރިއަށް އޮތް ތަނުގައި މި ސިނާޢަތް ބައްޓަންކުރެވިގެންދާނީ ދިވެހި އާއިލާތަކުގެ ރައްކާތެރިކަން ކަށަވަރުކުރެވި، ދިގު މުއްދަތެއްގައި ޤައުމަށް އެންމެ ފައިދާހުރި ގޮތަށް," މުއްޠަލިބު ވިދާޅުވިއެވެ. މި ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ބޭނުންވާ ގާނޫނީ އަދި އިދާރީ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް މިހާރުވެސް ސަރުކާރުން ދަނީ ކުރަމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ހަތް އަހަރު ހައުސިން މިނިސްޓަރު ކަމާއި މާލޭގެ މޭޔަރުކަން ކުރެއްވުމަށް ފަހުގައި ރައީސް ކަމަށް ވަޑައިގެންނެވި ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދަކީ މި ފަސް އަހަރު ނިމޭއިރު ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އެއްކޮށް ހައްލު ކުރެއްވުމެވެ. މިދިޔަ އަހަރުގެ ދައުލަތުގެ ބަޖެޓް ވެސް ހާއްސަ ކުރީ ބޯހިޔާވަހި ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ދައުރަށް ދެބައި ވާން ދާއިރު އެ ދާއިރާއިން އަދި މާބޮޑު އެދެވޭ ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ