ބޭރުން ދަރަންޏެއް ނުލިބޭ، ރުފިޔާގެ އަގު އިތުރަށް ވެއްޓުމުގެ ބިރު ބޮޑު: އޮޑިޓް

ދައުލަތުގެ މެދު ރާސްތާގެ ދަރަނީގެ ދެމެހެއްޓެނިވިކަމުގެ ސިޔާސަތުގައި ވާގޮތުން ބޭރުން ހޯދަންޖެހޭ ދަރަނި ނުލިބޭ ކަމަށާއި އެހެންވުމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު އިތުރަށް ވެއްޓިދާނެކަމުގެ ބިރު އެބައޮތް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ލަފާކޮށްފިއެވެ. ރާއްޖޭގެ ދަރަނި ބޮޑުވެ، ޚަރަދުތައް ކުޑަކުރަން ބޭރުގެ މާލީ އިދާރާތަކުން އިންޒާރުކުރާތާ އަހަރުތަކެއް ވެއްޖެއެވެ. ދައުލަތުގެ މެދު ރާސްތާގެ ދަރަނީގެ ދެމެހެއްޓެނިވިކަމުގެ ސިޔާސަތު 2025-2027 އާ ގުޅޭ ގޮތުން އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުގައި އެ އޮފީހުން ވަނީ ސަރުކާރުން ކަނޑައަޅާފައިވާ މާލީ ސިޔާސަތުތަކާއި ދަރަނި ނެގުމުގެ އިންތަކާ ޚިލާފަށް އަމަލުކުރާތީ، އެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެ ގޮތުން، ސަރުކާރުގެ ދަރަނީގެ ސިޔާސަތު ތަންފީޒުކުރަން ގިނަ ގޮންޖެހުންތަކެއް ހުރިކަން އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ. ސަރުކާރުގެ ދަރަނީގެ ސިޔާސަތެއް އެކުލަވައިލީ އެންމެ ކުޑަ ޚަރަދެއްގައި ސަރުކާރުގެ ފައިނޭންސިން ބޭނުންތައް ފުއްދުމާއި، ރިސްކު ކުޑަ މިންވަރެއްގައި ހިފެހެއްޓުމާ އެކު އެތެރޭގެ ކެޕިޓަލް މާކެޓު ކުރިއެރުވުމެވެ. ނަމަވެސް، ފާއިތުވި އަހަރުތަކުގައި ބަޖެޓު އެކުލަވާލުމުގައާއި ތަންފީޒުކުރުމުގެ މަރުހަލާގައި ވެސް، މެދު ރާސްތާގެ ފިސްކަލް ސިޔާސަތު އަދި ދަރަނީގެ ދެމެހެއްޓެނިވިކަމުގެ ސިޔާސަތުގައި ކަނޑައަޅާފައިވާ އިންތަކުން ސަރުކާރުން ބޭރުވެފައިވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. https://sun.mv/214283 އެ ގޮތުން، މިދިޔަ އަހަރަށް ފާސްކުރި ބަޖެޓުގައި ވެސް ދަރަނި ނަގަން ކަނޑައަޅާފައިވާ މިންވަރަކީ ވެސް ދަރަނީގެ ސިޔާސަތުގައި ކަނޑައަޅާފައިވާ މިންވަރާ ވަރަށް ބޮޑަށް ތަފާތު އަދަދުތަކެއްކަން އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ. އަދި، ބަޖެޓު ފާސްކުރުމަށް ފަހު މުހިންމު ފިސްކަލް އިސްލާހުތައް ތަންފީޒުކުރުން ފަސްކުރުމަށް ސަރުކާރުން ނިންމި ނިންމުންތަކުގެ ސަބަބުން ދަރަނީގެ ސިޔާސަތާ އިތުރަށް ޚިލާފުވިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެހެންވެ، ރާއްޖޭގެ މާލީ ހާލަތު އިތުރަށް ގޯސްވެދާނެކަމުގެ އިންޒާރު އޮޑިޓް އޮފީހުގެ މި ރިޕޯޓުގައި ވަނީ ދީފައެވެ. މީގެ އިތުރުން، ބޭރުގެ ބާޒާރުން ނަގަން ސަރުކާރުން ކަނޑައަޅާ އަދަދުތަކަށް ދަރަނި ނުލިބޭކަމުގެ ކަންބޮޑުވުން އޮޑިޓްގައި ވަނީ ފާހަގަކޮށްފައެވެ. އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނީ، ދަރަނީގެ ސިޔާސަތުގައި ބޭރުގެ ބާޒާރުން ބޮޑު އިންސައްތައެއްގެ ދަރަނި ހޯދަން ރޭވި ނަމަވެސް 2024 ވަނަ އަހަރާއި މިދިޔަ އަހަރުގެ ބަޖެޓު ވެސް ތަންފީޒުވެގެންދިޔައިރު ދަރަނި ނަގަން ޖެހުނީ އެތެރޭގެ ބާޒާރުން ކަމަށެވެ. އެހެންވެ، ކުރު އަދި މެދު ރާސްތާގައި ރުފިޔާގެ އަގު އިތުރަށް ވެއްޓިދާނެކަމުގެ ބިރު ބޮޑުކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި، ރާއްޖޭގެ ބާޒާރުން ދަރަނި ނަގާ މިންވަރު އިތުރުވުމަކީ ނުރައްކަލެއްކަން ވަނީ ފާހަގަކޮށްފައެވެ. ރުފިޔާގެ އަގު ހިފަހައްޓަން ސަރުކާރުން ދަރަނީގެ ސިޔާސަތުގައި ހިމެނި ކަންކަމުގެ ތެރޭގައި ކޮންސެޝަނަލް ޓާމްސްގައި މެދުރާސްތާގެ ދަރަނި ހޯދުމާއި، މިދިޔަ މަހު ދެއްކި 500 މިލިއަން ޑޮލަރުގެ ސުކޫކްގެ ތެރެއިން 300 މިލިއަން ޑޮލަރު ރީފައިނޭންސްކުރުން ހިމެނެއެވެ. އަދި، ބާކީ 200 މިލިއަން ޑޮލަރު ދައްކަން ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ބޭނުންކުރަން ވެސް ރޭވިއެވެ. އެކަމަކު، އެ ކަންކަން ތަންފީޒެއް ނުވެއެވެ. https://sun.mv/214283 ސަރުކާރުން ނަގާފައިވާ ދަރަނީގެ އިތުރުން، ސަރުކާރުގެ ގެރެންޓީއާ އެކު ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުން ނަގާފައިވާ ދަރަނިތައް އަދާކުރާނެ ގޮތުގެ ޕްލޭނެއް ނެތުމުގެ ކަންބޮޑުވުން ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެ ގޮތުން، މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ވެސް ސަރުކާރުން ގެރެންޓީ ދީފައިވާ ދަރަނީގެ މިންވަރު ވަނީ 21.1 ބިލިއަން ރުފިޔާއަށް އަރާފައެވެ. ކުންފުނިތަކަށް މި ދަރަނިތައް ނުދެއްކިއްޖެ ހާލަތެއްގައި ސަރުކާރުގެ އެހީތެރިކަން ނުވަތަ ދައުލަތުގެ ބޭރު ފައިސާގެ ރިޒާވް ބޭނުންކުރަން ޖެހިދާނެ ކަމަށް ރިޕޯޓުގައި ލަފާކޮށްފައިވެއެވެ. މީގެ ސަބަބުން ބޭރު ފައިސާގެ ރިޒާވަށް އޮތް ޕްރެޝަރު އިތުރުވެ، ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމަށް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެކަން އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ. އޮޑިޓާ ޖެނެރަލް ވަނީ ދަރަނީގެ ދެމެހެއްޓެނިވިކަމުގެ ސިޔާސަތާ އެއްގޮތަށް ބަޖެޓު އެކުލަވާލަން ފިނޭންސް މިނިސްޓްރީއަށް ގޮވާލައްވާފައެވެ. އަދި، ބަޖެޓު ތަންފީޒުކުރާްއިރު ވެސް އެ ސިޔާސަތުގައިވާ އިންތަކުން ބޭރުނުވާން އެދިވަޑައިގެންފައިވެއެވެ. މީގެ އިތުރުން، ބޭރު ފައިސާގެ ރިޒާވް އިތުރުކުރުމަށާއި، ސަރުކާރުން ގެރެންޓީ ދީފައިވާ ދަރަނީގެ ރިސްކް މެނޭޖްކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލަން ލަފާދެއްވާފައިވެއެވެ. އަދި، ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ސަރުކާރަށް ބަރޯސާނުވެ ދަރަނި އަދާކުރެވޭނެ ގާބިލުކަން އުފައްދަން އިރުޝާދު ދެއްވިއެވެ. އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީއާއި އެ އޮފީހުގެ ބައެއް މުވައްޒަފުން: އޮޑިޓް ރިޕޯޓުގައި ވަނީ މާލީ ކަންބޮޑުވުންތައް ފާހަގަކޮށްފައި --- ފޮޓޯ/ މަޖިލިސް ފާހަގަކޮށްލެވޭ ގޮތުގައި މި އޮޑިޓް ރިޕޯޓުގައި ކަންބޮޑުވުން ފާހަގަކޮށްފައިވާ ބައެއް ދަރަނިތައް މިހާރު ވަނީ އަދާކޮށްފައެވެ. އެއީ، 2021 ވަނަ އަހަރު ކޮވިޑާ ގުޅިގެން ނެގި 500 މިލިއަން ޑޮލަރުގެ ދަރަންޏާއި، މި ސަރުކާރުން އިންޑިއާއިން ނެގި 400 މިލިއަން ޑޮލަރުގެ ދަރަންޏެވެ. އެ ދަރަނި އަދާކުރީ ދެ ފަހަރަށް ދަރަނި ދައްކަންޖެހޭ މުއްދަތު ލަސްކުރުމަށް ފަހު، މިދިޔަ މަހެވެ. އެއަށް ފަހު، އިންޑިއާއިން ވަނީ އޮކްޓޫބަރު މަހު ސޮއިކުރި 30 ބިލިއަން އިންޑިއަން ރުޕީސް (319 މިލިއަން ޑޮލަރު) ބޭނުންކުރުމުގެ ފުރުސަތު ދީފައެވެ. އެއީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޮކްޓޫބަރު މަހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ދޫކުރި ދަރަންޏެކެވެ. އެހެންވެ، އިންޑިއާއަށް ދައްކަންޖެހޭ ދަރަނީގެ ބޮޑުބައެއް ރީފައިނޭންސް ކުރީއެވެ. ދަރަނިތައް ބޮޑުވެ، ރީފައިނޭންސް ކުރުމުގެ ޚަރަދު ވެސް ބޮޑުވެފައިވާއިރު، ރާއްޖެއަށް އަދިވެސް އިގުތިސާދީ ގޮންޖެހުންތައް ގިނައެވެ. މިހާރު ވެސް ރާއްޖެއަށް ލިބޭ އާމްދަނީގެ 14 އިންސައްތައަށް ވުރެ ބޮޑު ބައެއް ހޭދަކުރަން ޖެހެނީ އިންޓްރެސްޓް ދައްކާށެވެ. އެހެންވެ، ޚަރަދުތައް ކުޑަކޮށް، މާލީ އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރަން ބޭރުގެ މާލީ އިދާރާތަކުން އަންނަނީ ސަރުކާރަށް ގޮވާލަމުންނެވެ. ބޭރު ފައިސާގެ ދަތިކަން ވެސް އިންތިހާއަށް ކުރިމަތިވެފައިވާއިރު، ރާއްޖޭގައި ޑޮލަރުގެ އަގު 20 ރުފިޔާއިން މަތީގައި ހިފެހެއްޓިފައި ހުންނަތާ އަހަރެއްހާ ދުވަސް ވެއްޖެއެވެ. އަދި، ގައުމީ ބޭންކް (ބީއެމްއެލް)އިން ވެސް އަންނަނީ ލިބޭ ވަރަށް ވުރެ ގިނަ ޑޮލަރު ބޭރުވާތީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެ ފަދަ ބައެއް ފިޔަވަޅުތަކުގެ ސަބަބުން އާންމުންގެ ކަންބޮޑުވުން ވެސް ވަނީ ބޮޑުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ