ގާޒީ އަލީ ރަޝީދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީގައި އެބައޮތް!

ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދާއި ގުޅޭގޮތުން އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލައެއްގެ ކޮޕީއެއް ލިބިފައިވާ ކަމަށާއި، މައްސަލަ ބެލުން ލަސް ކުރަނީ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އުފުލާފައިވަ މަނީ ލޯންޑްރިން ދައުވާގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީއިން ބުނފިއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީންގެ މައްސަލަ ބަލާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު އަލީ ރަޝީދުގެ ސުލޫކީ މައްސަލައެއް އަމިއްލަ ފަރާތަކުން ޖޭއެސްސީއަށް ހުށައަޅާފައިވާ ކަމަށެވެ. އެއީ މި މަހުގެ 10 ވަނަ ދުވަހު ހުށަހަޅާފައިވާ މައްސަލައެކެވެ. އެހެން ނަމަވެސް، ޖޭއެސްސީއިން އެ މައްސަލަ ނުބަލާ ލަސް ކުރަމުންދާކަމަށް ބުނެ ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވަނީ ފަނޑިޔާރު އަލީ ރަޝީދު ރައީސް ޔާމީންގެ ޝަރީއަތާއި ގުޅޭގޮތުން މީޑިއާގެ ވަކި ޓީވީއަކަށް އިންޓަވިއު ދެއްވާފައިވާ ކަމަށާ އެއީ ޖޭއެސްސިން ބަލައި ފިޔަވަޅު އަޅަންޖެހޭ މައްސަލައެއް ކަމަށެވެ.
މައްސަލަ ބެލުން ލަސްކޮށް، ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެ ޕީޕީއެމްއިން ވަނީ ގާނޫނާއި ގަވައިދުތަކުން އެއްކިބާވެ ކަންކަން ކުރަމުންދާތީ އެކަން ކުށްވެެރި ކުރާކަމަށް ބުނެފައެވެ. މައްސަލަ ކުށްވެރިކޮށް ޕީޕީއެމްއިން ވަނީ، މިފަދަ ކަމެއް ހިނގާދިއުމުން އެ ފަނޑިޔާރަކު އަމިއްލަފުޅަށްވެސް އެ މައްސަލައަކުން ތަނާޒުލްވެވަޑައިގަންނަވަން ޖެހޭކަމަށް ބުނެފައެވެ.
ގާޒީ އަލީ ރަޝީދާއި ގުޅޭގޮތުން ހުށަހަޅާފައިވާ ސުލޫކީ މައްސަލަ ވީހާވެސް އަވަހަށް ބަލާ ފިޔަވަޅު އެޅުމަށް ވެސް އެ ބަޔާނުގައި ވަނީ ގޮވާލާފައެވެ. ޢަލީ ރަޝީދާ ބެހޭގޮތުން ޖޭއެސްސީއަށް ހުށައެޅިފައިވާ ސުލޫކީ މައްސަލައަކީ އެ ކޯލިޝަންގެ މަޞްލަޙަތުވެސް ހިމެނޭ މައްސަލައަކަށްވާތީ އެމައްސަލަ ނުބައްލަވާ ލަސްވަމުންދާކަމާމެދު ކަންބޮޑުވުން ފާޅުކުރާ ކަމަށް ނޫސްބަޔާނުގައިވެއެވެ.
ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތް ކަމަށް ބުނެ ގާޒީ އަލީ ރަޝީދު ވަނީ ”ރާއްޖޭގެ މީޑިއާއަަކަށް“ އިންޓަވިއުއެއް ދެއްވާފަ އެވެ. އެ އިންޓަވިއުގައި ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމްގެ ވާހަކަތައް ވެސް ވަނީ ދޮގު ކުރައްވާފަ އެވެ. ފަނޑިޔާރުން އެގޮތަށް މީޑިއާތަކަށް އިންޓަވިއު ދިނުމަކީ އުސޫލާ ޚިލާފު ކަމެއް ކަމަށް ބައެއް ގާނޫނީ ވަކީލުން ވަނީ ވިދާޅުވެފަ އެވެ. ބަޔާނުގައި ބުނެފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 29ވަނަ މާއްދާއާއި ޚިލާފަށް ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދުވަނީ ރައީސް ޔާމީންގެ ޝަރީޢަތާބެހޭގޮތުން ވަކިމީޑިއާއަކަށް މަޢުލޫމާތު ދީފައި ކަމަށްވީހިނދު، މިކަމަކީ ޖޭއެސްސީން ވަގުތުން ވަގުތަށް ފިޔަވަޅު އަޅަންޖެހޭ މައްސަލައެއްކަމަށެވެ.
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ބެހޭ މާއްދާގެ ހ. ގެ 11 ގައިވާގޮތުން މިފަދަ ގޮތަކަށް ފަނޑިޔާރަކު ސީދާ މީޑިއާގައި ވާހަކަދެއްކުމަކީ މަނާކަމެމެކެވެ. މިގޮތުން އެ މާއްދާގައި ވަނީ “ ފަނޑިޔާރަކު ބަލަމުންދާ މައްސަލައަކާއި ގުޅޭގޮތުން، ނުވަތަ އޭނާ މަސައްކަތް ކުރަމުންދާ ކޯޓަކާއި ގުޅޭގޮތުން، ސިޔާސީ ފަރާތްތަކުން ނުވަތަ މީޑިއާގެ ފަރާތަކުން ދައްކަމުންދާ ވާހަކައަަކަށް ރައްދު ދިނުމަށްޓަކައި، މީޑިއާގައި ނުވަތަ މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ފަނޑިޔާރަކު ސީދާ ރައްދު ނުދިނުން. އަދި، މީޑިއާގައި އުފެދޭ މައްސަލަތަކަށް ކޯޓުގެ ކަމާއި ބެހޭ މުވައްޒަފަކު މެދުވެރިކޮށް ޖަވާބުދާރީވުން“ މިފަދައިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ