ގ. ވޭރު، އަބްދުލް މުހީތު (ބޮބީ) މަރާލި ކަމުގެ ކުށުގައި ދެ ކުއްޖަކު މެރުމަށް ޖުވެނައިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފި އެވެ.
ވަޅިން ހަމަލާދީ މުހީތު މަރާލާފައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވީ އާދީއްތަ ދުވަހުގެ ރޭ ދަންވަރު 1:50 ހާއިރު ފިނޭންސް މިނިސްޓްރީ ކުރިމަތީ އޮންނަ ކޮޅު ބެދިފައިވާ ގޯޅިގަނޑުގެ ތެރޭގައި ސައިކަލެއްގެ މަތީގައި އޭނާ އިންދައެވެ.
މުހީތުގެ މަރުގެ މައްސަލާގައި ދެ ކުދިން މެރުމަށް ޖުވެނައިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އަންގާރަ ދުވަހު ވަކިވަކިން ބޭއްވި ދެ އަޑުއެހުމުގައި އެ ދެ ކުދިން މެރުމަށް ކުރި ހުކުމަށް ހައިކޯޓުން ތާއީދުކުރީ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މައްސަލަ ބެލި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވީ ފަނޑިޔާރު އަބްދުއް ރައޫފް އިބްރާހީމާއި، ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިތުރުން ފަނޑިޔާރު އަލީ ސަމީރު އެވެ.
ހައިކޯޓުން ކުރި ހުކުމުގައި ވަނީ އަލުން ހެކިބަސް ނަގައިދިނުމަށް އެދިފައިވީނަމަވެސް ހެކިބަސް ނަގަންޖެހޭ ފަދަ ހާލަތެއް އޮތް ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންނަށް ނުފެންނަ ކަމަށެވެ. އަދި ބަޔާން ބަދަލުކުރުމަށް ހެކިވެރިޔަކު އެދިފައިވަނީ ދައުވާ ރައްދުވާ ކުއްޖާގެ އާއިލާއިންނާއި ވަކީލުން ބިރު ދެއްކުމުންކަން އެނގެން އޮންނަ ކަމަށް ހުކުމުގައި ބުނެފައި ވެއެވެ.
މުހީތު މަރާލަން ދިޔަ ގްރޫޕުގައި އެ ދެ ކުދިން ހިމެނޭކަން ހެކިންގެ ހެކި ބަހުން އެނގޭ ކަމަށް ވެސް ހުކުމުގައި ބުނެފައި ވެއެވެ. އަދި އެތަނުން އެއްކުއްޖަކު މުހީތަށް ވަޅިން ހަމަލާދިން މަންޒަރު ދުށް ކަމަށާއި އަނެއް ކުއްޖާ ވެސް މުހީތު މަރާލުމުގައި ބައިވެރިވި ކަމަށް ބުނެ ހެކިވެރިން ހެކި ބަސް ދީފައިވާ ކަމަށް ވެސް ހުކުމުގައި ބުނެފައި ވެއެވެ.
އޭގެތެރެއިން އެއްކުއްޖަކު ފޯނުން ގުޅައިގެން އެ ހާދިސާއާ ގުޅޭ ގޮތުން ދެއްކި ވާހަކަތައް ހުކުމް އިއްވަމުން ފަނޑިޔާރު އަބްދުލް ރައޫފު ވިދާޅުވެފައި ވެއެވެ. އެގޮތުން އެކުއްޖާ ފޯނުން ގުޅައި، މުހީތު މަރާލިކަމަށް ބުނުމުން، މަރާލީ ބޮލުގައި ޖަހާފަތޯ އަނެއްކޮޅުން ފޯނުން ވާހަކަދެއްކި މީހާ ސުވާލުކޮށްފައިވާ ކަމަށާއި އަދި ޖެހި މީހުންގެ ނަންތައްވެސް ކިޔާފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އެ ފޯނު ކޯލުގައި ވާހަކަ ދައްކަމުން އެކުއްޖާ ބުނެފައިވަނީ މަރުވީ ދެ ގަޑިއިރުން ކަމާއި، ބޮލުގެ ފުއްކިބައިގައި ވަރަށް ތޫނުކޮށްފައި ހުރި ވަޅިއަކުން ޖެހުމުން ބޮލުގެ އިސްތަށިގަނޑުން ބައަކާއެކު ނާޝިގަނޑު ނެއްޓި ސިކުނޑި ނުކުތް ކަމަށް ވެސް އެ ފޯން ކޯލުގައި ބުނެފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
މުހީތު މަރާލި ދެ ކުދިން މެރުމަށް ދަށު ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ