ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމު ހައިކޯޓަށް ހުށަހަޅުއްވާފައިވާ އިސްތިއުނާފުގެ މައްސަލަ އަވަސް ކޮށްދިނުމުގެ އަމުރެއް ނެރެދެއްވުމަށް ނާޒިމްގެ ވަކީލުން ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.
ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމާއި ގުޅިގެން ދެ އަޑުއެހުމެއް ކޯޓުގައި ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް އިސްތިއުނާފުގެ އަޑުއެހުންތައް ހުއްޓުމަކަށް އައީ މައްސަލަ ބައްލަވަމުން ގެންދެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ދެ ފަނޑިޔާރަކު ދެކުނުގައި ގާއިމްކުރާ ހައިކޯޓުގެ ގޮތްޕަށް ބަދަލުކުރަން ނިންމުމާއި ގުޅިގެންނެވެ.
އޭގެ ފަހުން މިމައްސަލަ ބެލުމަށް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިގެން މައްސަލަ ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.
ނާޒިމްގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ނާޒިމްގެ ސިއްހީ ހާލަތު ހުރި ގޮތުންނާ އަދި ގާނޫނު އަސާސީއާ ގާނޫނުތަކުގައި ކަންކަން ކުރިއަށް ގެންދިއުމަށް ވަކި އުސޫލުތަކެއް ހަމަޖެހިފައިވާތީ ނާޒިމްގެ އިސްތިއުނާފު މައްސަލަ އަވަސްކޮށްދިނުމަށް ހައިކޯޓުގައި ތަފާތު އެކި ފަހަރު މަތިން އެދިފައިވާނެ ކަމަށެވެ.
"ނަމަވެސް ހިތާމަޔަކީ މިހާތަނަށް ވެސް މިމައްސަލާގައި އެދެވޭ ޖަވާބެެއް ލިބިފައެއް ނުވެ. ހޯމް މިނިސްޓަރަށް ވެސް ނާޒިމްގެ ސިއްހީ ހާލަތު ހުރި ގޮތް ދެންނެވީމާ ވިދާޅުވީ ތިކަން ބަލަނީ. އޭގެ ފަހުންވެސް ގާތްގަނޑަކަށް 30 އަށް ދުވަސް މިވީ،" ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް ކުރިއަށް ނުގޮސް ވަކި މުއްދަތެއް ނެތި ހުއްޓިފައި އޮތުމަކީ ގާނޫނު އަސާސީއާ އަދި ސުޕްރީމް ކޯޓުގެ ބައެއް ނިންމުންތަކާއި ވެސް ކަނޑައެޅިގެން ހިލާފު އަމަލެއް ކަަމަށެވެ. އެހެންކަމުން މީހަަކަށް ކުރާ ދައުވާގެ ޝަރީއަތް ލަސްވުމަކީ ބޭއިންސާފެއް ކަމުގައިވެސް ވިދާޅުވި އެވެ.
ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށް ސާބިތުވުމާއި ގުޅިގެން ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު އެވެ.
ނާޒިމްގެ މައްސަލަ އަވަސް ކުރުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ