"އެންމެ ފުރަތަމަ ގައުމު" އިސްކޮށް ދީނާއި، ގައުމުގެ ސިޔާދަތަށް ސަމާލުވެ ތިބުމަށް މައުމޫން އިލްތިމާސްކުރައްވައިފި

މީގެ 27 އަހަރު ކުރިން ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ރާއްޖެ އަށް ކުރިމަތިވި އުދުވާނީ ހަމަލާ އިން އިބުރަތް ލިބިގަނެ އެހެން ހުރިހާ ކަމަކަށްވުރެއް ބޮޑަށް "އެންމެ ފުރަތަމަ ގައުމު" އިސްކޮށް އިސްލާމްދީނާއި ދިވެހި ގައުމުގެ ސިޔާދަތަށް ސަމާލުވެ ތިބުމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިލްތިމާސް ކުރައްވައިފި އެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސް މައުމޫން ނެރުއްވި ހިތާބުގައި ވިދާޅުވީ، މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރައްވާ ދިވެހި ރައްޔިތުންގެ ރައްކާތެރިކަމަށް އިސްކަން ދެއްވާ މުޖުތަމައުގެ ހަމަޖެހުމާއި އިޖުތިމާއީ އަދާލަތު ރަނގަޅު ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ޕީޕީއެމްގެ އެންމެހާ މެމްބަރުންގެ ނަމުގައި އަދި އެމަނިކުފާންގެ އަމިއްލަ ނަމުގައި ޝުކުރު އަދާ ކުރައްވާ ކަމށެވެ. އަދި ގައުމުގެ ހަމަޖެހުމަށްޓަކައި ރައީސް ޔާމިން ކުރައްވަމުން ގެންދަވާ މަސައްކަތް ތަކަށް ދެވެން އޮތް ހުރިހާ އެއްބާރުލުމާއި ތާއީދެއް ދެއްވާނެ ކަމަށް ވެސް މައުމޫންގެ ހިތާބުގައި ވިދާޅުވި އެވެ.
"ގައުމުގެ ހަމަޖެހުމަށްޓަކައި ރައީސް ޔާމިން އާއި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަށް ޕީޕީއެމްގެ ފަރާތުން ދެވެން އޮތް ހުރިހާ އެއްބާރުލުމަކާއި، ތާއީދެއް ލިބިވަޑައިގަންނަވާނެ. އެޔަގީންކަން އަރުވަން. މިދަނޑިވަޅުގައި ރައީސް ޔާމިންގެ ލަފާފުޅުގެ މަތިން ދިވެހި ފުލުހުންނާއި ސިފައިން ސާބިތުކަމާއެކު ކުރައްވަމުން ގެންދަވާ މަސައްކަތް ޕުޅަށް ޝުކުރުދަންނަވަން" މައުމޫންގެ ހިތާބްގައި ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ބޭނުން ނަމަ ދިވެހިން ތިބެންޖެހޭނީ އެފަދަ ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ވިސްނައި ތައްޔާރުވެގެން ކަމަށެވެ. އަދި އެފަދަ ކަމެއް ރާއްޖެއަށް މެދުވެރިޔަ ނުދިނުމަށް ދިވެހިން ތިބެން ޖެހޭނީ ނުގުޑާފަދަ ވަރުގަދަ އަޒުމެއްގައި ކަމަށް ވެސް މައުމޫން ނެރުއްވި ހިތާބުގައި ވިދާޅުވެފައިވެ އެވެ.
މީގެއިތުރުން މައުމޫންގެ ހިތާބްގައި ވިދާޅުވެފައި ވަނީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާގައި ޝާމިލުވި ހުރިހާ ފަރާތްތަކެއް ޝަރުއީ ނިޒާމުގެ ކުރިމައްޗަށް ގެނެސް އެކަމުގައި ބައިވެރިވި ހުރިހާ އެންމެނަށް ހައްގު އަދަބު ދޭންޖެހޭނެ ކަމަށާއި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ހުޝިޔާރުކަމާއެކު ފާރަވެރިވެތިބުމަކީ ގައުމީ ވާޖިބެއް ކަމަށެވެ.
"މިއީ ފަހުގެ ތާރީހެއްގައި ދިވެހި ޖީލްތަކުން ތަޖުރިބާކޮށްފައިވާ ކަމަކަށް ވީހިނދު، މިފަދަ ކަމެއް ތަކުރާރުވެދާނެކަމަށް ވިސްނައި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ހުޝިޔާރުކަމާއެކު ފާރަވެރިވެތިބުމަކީ އަޅުގަނޑުމެން އެންމެންގެ ގައުމީ ވާޖިބެއް. މިނިވަންކަމާއި ސިޔާދަތު ގެއްލޭފަދަ އެތައްކަމެއް މިއަދު އަޅުގަނޑުމެން މިދަނީ ތަޖުރިބާ ކުރަމުން. ނޮވެމްބަރު ތިނެއްގެ ހަމަލާއަށްފަހު މިފަހުގެ ތާރީހުގައި ހިނގައި ދިޔަ އެންމެ ބިރުވެރި ހާދިސާއަކީ ރާއީސް ޔާމިން އަވަހާރަކޮށްލުމަށް ޓަކައި އެމަނިކުފާން ދަތުރުކުރެއްވި ލޯންޗުގައި ހަރުކޮށް ގޮއްވާލި ބޮމްގެ ހަމަލާ." މައުމޫންގެ ހިތާބްގައި ވިދާޅުވެފައި ވެއެވެ.
މިފަދަ ހާދިސާއެއް ހިނގައި ރާއްޖޭގެ މިނިވަންކަން ނަގާލުމަށް ބަޔަކު މަސައްކަތް ފަށާއިފައިވާ ކަމުގެ އަލާމާތްތައް މިހާރު ވަނީ ފެނިފައި ކަމަށާއި އޭގެތެރޭގައި ރާއްޖޭގެ ވެރިރަށް މާލޭގެ ގެއަކުންނާއި ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ދިވެހިންގެ ބަޔަކަށް ދޫކޮށްފައިވާ ފަޅުރަށެއްގެ ފަޅުތެރެއިން ހަނގުރާމަވެރި ހަތިޔާރު ފެނުން ހިމެނޭ ކަމަށް ވެސް މައުމޫންގެ ހިތާބްގައި ވިދާޅުވި އެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ރޭ ފަތިހުން ފެށިގެން ބާޣީން ހަތިޔާރާއި އެކު ސިފައިންގެ އަށާއި އާއްމުނަށް ހަމަލާދީ އާއްމުންގެ މުދާ ލޫޓުވި އިރު، ދިވެހިންނަށް ނަސްރާ ފަތަޙަ ލިބުނުކަން ރާއްޖޭގެ އަޑު މެދުވެރިކުރައްވައި ޤައުމާއި މުޚާތަބު ކުރައްވައި އޭރުގެ ރައީސުލްޖުމުހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބުދުލް ޤައްޔޫމް އިއުލާންކުރެވީ ނޮވެމްބަރު ހަތަރު ވަނަ ދުވަހުގެ ހެނދުނު އެވެ.
ދިވެހިންގެ މަދުބަޔަކާއި ސްރީލަންކާގެ ހަނގުރާމަވެރި ޖަމާއަތެއް ގުޅިގެން ރާއްޖޭގެ ޤާނޫނީ ސަރުކާރު ވައްޓާލުމަށް ދިން ވަރުގަދަ އުދުވާނީ ހަމަލާގައި ދިވެހީންނަށް ލިބުނު ނަސްރާ ފަތަހަ އާއި އެދުވަހުގެ ޝަހީދުންގެ ޒިކުރާމިއަދު އާކުރާއިރު އެއުދުވާނީ ހަމަލާގައި ދިވެހިންގެ ތެރެއިން 19 މީހުން ޝަހީދުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ދީނާއި ޤައުމުގެ ދިފާއުގައި ހަނގުރާމަކުރައްވައި ޝަހީދުވެ ވަޑައިގެންނެވި ސިފައިންގެ 8 ބޭކަލުންނާއި، ބާޣީން ހިންގި ލާއިންސާނީ ޖަރީމާގައި ޝަހީދުވެ ދިޔަ އާއްމުންގެ 11 މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ