ދިއްގަރު ދާއިރާގެ ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކޮށްފި

އަންނަ މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓުގައި ކެންޑިޑޭޓުންގެ މަންދޫބުން މިއަދު ސޮއިކޮށްފި އެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ، ދިއްގަރު ދާއިރާއަށް ކުރިމަތިލާ ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ނުވަތަ ކެންޑިޑޭޓުން ތަމްސީލްކުރާ ޕާޓީއަކުން ސޮއިކުރުމުގެ ފުުރުސަތު ހުޅުވާލީ މިއަދު ކަމަށާއި ވަގުތު ހަމަވިއިރު ހުރިހާ ކެންޑިޑޭޓުންގެ ފަރާތުން ވަނީ ލިސްޓުގައި ސޮއިކޮށްފައި ކަމަށެވެ.
ދިއްގަރު ދާއިރާއަށް ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު އާއްމުކޮށްފައިވާ ތަންތަނަކީ އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓާއި މ. ރަތްމަންދޫ ކައުންސިލް އިދާރާ އާއި މ. ވޭވަށު ކައުންސިލް އިދާރާ އާއި މ. މަޑުއްވަރީ ކައުންސިލް އިދާރާ އާއި މ. މުލީ ކައުންސިލް އިދާރާ އަދި މ. ދިއްގަރު ކައުންސިލް އިދާރާގައި ކަމަށް އީސީއިން މައުލޫމާތު ދެއެވެ.
ގިނަ އިންތިހާބުތަކުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް އިއުލާން ކުރަމުން އައީ މާލޭގައި ނަމަވެސް ދިއްގަރު ދާއިރާގެ ވަގުތީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައި ވަނީ ދިއްގަރުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަނުގައި ހަތަރު ކެންޑިޑޭޓަކު ވާދަކުރައްވަ އެވެ. އެއީ ވެރިކަން ކުރާ ޕީޕީއެމްގެ ފަރާތުން އަހުމަދު ފާރިިސް މައުމޫނާއި އިދިކޮޅު އެމްޑީޕީގެ އަހުމަދު ރާޒީގެ އިތުރުން، އަމިއްލަ ގޮތުން ވާދަކުރައްވާ ދެބޭފުޅުން ކަމަށްވާ އެލްޖީއޭގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މޫސާ ނަސީރު އަހުމަދު އަދި ޝަމީމް އަލީ އެވެ.
ދިއްގަރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް ލާން ސުޕްރީމް ކޯޓުން މިދިޔަމަހު ހުކުމްކުރުުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ