އަންނަ ހޮނިހިރު ދުވަހު ބާއްވާ ދިއްގަރު ދާއިރާގެ ބައި އިލެކްޝަނަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ނިމިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. 
ދިއްގަރު ދާއިރާގެ ބައި އިލެކްޝަނާއި ގުޅޭގޮތުން ވީނިއުސްއާއި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ ބައި އިލެކްޝަނަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ވެނިމިފައިވާކަމަށާއި އެގޮތުން ބުދަ ދުވަހު ކޮމިޝަންގެ ޓީމް ދިއްގަރަށް ދިއުމަަށް ފުރާނެކަމަށެވެ. 
"ދިއްގަރު އިންތިޚާބާއި ގުޅިގެން ކުރަންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ވަނީ ނިމިފަ. ކޮމިޝަންގެ އަބަދުވެސް އެދުމަކީ ކޮންމެ އިންތިޚާބެއްވެސް ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިއުން. އެގޮތުން ދިއްގަރު އިންތިހާބަށް ހުރިހާ ފަރާތްތަކުގެވެސް އެއްބާރުލުން ދިނުންކަމަށާ މިފަހަރުގެ ބައި އިލެކްޝަނާއި ގުޅިގެންވެސް ކޮމިޝަންގެ އެދުމަކީ އެއީ." އަކުރަމް ވިދާޅުވި އެވެ. 
އިންތިޚާބާއި ގުޅޭގޮތުން އެއްވެސް ކަންބޮޑުވުމެއް އަދި ޝަކުވާއެއް ވާނަމަ ހަމަޖެހިފައިވާ އުސޫލްތަކުގެ ތެރެއިން އެކަމެއް ހައްލުކުރުމަށް މަސައްކަތް ކުރުމަށް އަކްރަމް ވަނީ އެދިވަޑައިގެންފައެވެ.
އަކްރަމް ވިދާޅުވީ ދިއްގަރު ދާއިރާގައި ވޯޓް ލުމުގެ ކަންކަން ހޮނިހިރު ދުވަހު ކުރިއަށްދާއިރު ދިއްގަރު ދާއިރާގެ ރަށްތަކާއި މާލޭގައިވެސް ވޯޓް ފޮށި ބެހެއްޓިފައިވާނެކަމަށެވެ. އަދި އެހެން އިންތިޚާބުތަކާއި ޚިލާފަށް މިފަހަރު ކޮމިޝަނުން ނިންމާފައިވަނީ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގެ ނަތީޖާ ދިއްގަރުގައި އިއުލާންކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އަކުރަމް ވިދާޅުވިއެވެ. 
"ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގެ ނަތީޖާ ދިއްގަރުގައި އިއުލާން ކުރުމަށް ނިންމާފައިވަނީ ވީހާވެސްބޮޑަށް ރައްޔިތުންނާއި ގާތުން ކަންކަން ކުރުމުގެ ވިސްނުމުގެ ދަށުން. " އަކުރަމް ވިދާޅުވި އެވެ. 
ހޮނިހިރު ދުވަހު  ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓުގައި ކެންޑިޑޭޓުންގެ މަންދޫބުން ވަނީ މިދިޔަ މަހުގެ ހަތާވީސްވަނަ ދުވަހު ސޮއިކޮށްފައެވެ. އަދި ހަމަ އެދުވަހު ދިއްގަރު ދާއިރާއަށް ވޯޓުލާ މީހުންގެ ފައިނަލް ލިސްޓު އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓާއި މ. ރަތްމަންދޫ ކައުންސިލް އިދާރާ އާއި މ. ވޭވަށު ކައުންސިލް އިދާރާ އާއި މ. މަޑުއްވަރީ ކައުންސިލް އިދާރާ އާއި މ. މުލީ ކައުންސިލް އިދާރާ އަދި މ. ދިއްގަރު ކައުންސިލް އިދާރާގައި އާންމުކޮށްފައިވާކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. 
ދިއްގަރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރާ ހަތަރު ކެންޑިޑޭޓުންނަކީ ވެރިކަން ކުރާ ޕީޕީއެމްގެ ފަރާތުން އަހުމަދު ފާރިިސް މައުމޫނާއި އިދިކޮޅު އެމްޑީޕީގެ އަހުމަދު ރާޒީގެ އިތުރުން، އަމިއްލަ ގޮތުން ވާދަކުރައްވާ ދެބޭފުޅުން ކަމަށްވާ އެލްޖީއޭގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މޫސާ ނަސީރު އަހުމަދު އަދި ޝަމީމް އަލީ އެވެ. 
ދިއްގަރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ ކުރީގެ މެމްބަރު އަދި މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހްމަދު ނާޒިމުގެ މައްޗަށް ދައުލަތުން އުފުލި ހިޔާނާތުގެ މައްސަލަ ސާބިތުވެ އޭނާ 25 އަހަރަށް ޖަލަށް ލުމުންނެވެ.
    
    ދިއްގަރު ދާއިރާގެ ބައި އިލެކްޝަނަށް ވާންޖެހޭ ތައްޔާރީތައް ވަނީ ނިމިފައި: އީސީ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ