މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބަންދަށް ގެންދަން ހައި ކޯޓުން އަމުރުކޮށްފި

މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ކަމަށް ތުހުމަތުކުރެވޭ މީހަކު ގޭ ބަންދަށް ބަދަލުކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް އޭނާ ފުލުހުންގެ ބަންދަށް ގެންދަން ހައި ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ. ހައި ކޯޓުން އެގޮތަށް އަމުރުކޮށްފައިވަނީ ގއ، ވިލިނގިލީ، ސިލްވާވިލާ، އަލީ ރަޝީދުގެ މައްސަލައިގަ އެވެ. އޭނާ ފުލުހުންގެ ބަންދަން ގެންދަން އަމުރުކުރީ މެއި 27 ވަނަ ދުވަހުގެ ރޭ އެއާ އިންޑިއާގެ ފްލައިޓަކުން ރާއްޖެ އައުމުން ތަކެތި ފާސްކުރިއިރު އޭނާގެ ފޮށި ތަންމަތިން ގިނަ އަދަދެއްގެ މަނާ ބޭސް ފެނިފައިވާ މައްސަލާގަ އެވެ. ކްރިމިނަލް ކޯޓުން ވަނީ އޭނާ 15 ދުވަހު ގޭ ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ. އެކަމަކު އެ ގޮތަށް އަމުރުކުރަމުން އަނެއްކޮޅުން އޭނާ ދޫކޮށްލައިފި ނަމަ މުޖުތަމައު އަށް ނުރައްކާ ވެދާނެ ކަމަށް ބުނެފައިވެ އެވެ. ކްރިމިނަލް ކޯޓުގެ އަމުރު ހައި ކޯޓުގައި ޕީޖީން އިސްތިއުނާފުކުރީ އެގޮތަށް ބުނެފައި ގޭ ބަންދަށް އަލީ ރަޝީދު ބަދަލުކުރުމުންނެވެ. ފުލުހުންގެ ބަންދަށް ރަޝީދު އަލުން ގެންދަން ހައި ކޯޓުން ކުރި އަމުރުގައި ވަނީ މީހަކު ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގައި އެ މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ކުޑަބޮޑު މިނަށާއި އެކަމުގައި ވަށައިގެންވާ އެންމެހާ ކަންތައްތަކަށް ބަލަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމުގައި އެ މީހަކީ މުޖްތަމައަށް ނުރައްކާ ވެދާނެ މީހެއް ކަމަށް ފަނޑިޔާރަށް ބެލެވޭ ނަމަ އެމީހަކު ބަންދުކުރަން ޖެހޭނީ މުޖްތަމައަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނެ ތަނެއްގައި ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ