ސިފައިން މަރުވުމާ ގުޅިގެން އަނެއްކާވެސް އެމެރިކާގެ ހަމަލާތަކެއް އީރާނަށް

އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް އީރާނުން ދިން ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތަކެއްގައި އެމެރިކާ ސިފައިންގެ ދެ މީހަކު މަރުވެ، އިތުރު މީހަކު ގެއްލުމާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އަނެއްކާވެސް ހޫނުވެއްޖެއެވެ. މި ހަމަލާއަށް ރައްދުދިނުމުގެ ގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސީދާ އަމުރުފުޅަށް، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާނަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށާފައެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި މި ހަމަލާތައް ފަށާފައިވަނީ އިއްޔެ އިރުއޮއްސުނު ވަގުތުގައެވެ. އުރުދުންގައި ހުރި އެމެރިކާގެ ބޭސްއަށް އީރާނުން ދިން ކުއްލި ހަމަލާތަކުން ދިފާއުވުމަށް މަސައްކަތްކުރަމުން ދަނިކޮށް ހުކުރު ދުވަހު މަރުވި ދެ ސިފައިންގެ އިތުރުން، އެ ހާދިސާގައި ވީނުވީއެއް ނޭނގި ގެއްލުނު ސިފައިންގެ މީހާ ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ. ސެންޓްކޮމް އިން މައުލޫމާތު ދިން ގޮތުގައި، މި ހަމަލާގައި އަނިޔާވެގެން އުރުދުންގެ ހޮސްޕިޓަލްތަކަށް ބަދަލުކުރި ހަތަރު ސިފައިން މިހާރު ވަނީ ފަރުވާއަށްފަހު ދޫކޮށްލާފައެވެ. އަދި ކުދިކުދި އަނިޔާތައް ލިބުނު އެހެން މުވައްޒަފުން ފަރުވާ ހޯދުމަށްފަހު އެނބުރި ޑިއުޓީއަށް ނުކުމެފައިވާ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ. އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކުގެ މަގުސަދު ސާފުކޮށްދެމުން ސެންޓްކޮމް އިން އެކްސްގައި ޝާއިއުކުރި ބަޔާނެއްގައި ބުނެފައިވަނީ، "މިއަދު އިރުއޮއްސި 6 ޖެހިއިރު އެމެރިކާ ސިފައިން އީރާނާ ދެކޮޅަށް ކޮމާންޑާ އިން ޗީފްގެ ދިމާލަށް އާ ވައިގެ ހަމަލާތައް ދޭން ފެށި. މި ހަމަލާތައް ފަރުމާކޮށްފައިވަނީ ހޯރްމުޒް ކަނޑުއޮޅީގައި ވިޔަފާރި ބޯޓުފަހަރަށް ނުރައްކާ ކުރުމުގެ ގާބިލްކަން އިތުރަށް ދަށްކޮށް، ރޭ ޖޯޑަންގައި އެމެރިކާގެ ސާވިސް މެމްބަރުންނަށް ހަމަލާދިން އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއަށް ރައްދު ދިނުމަށް" ކަމަށެވެ. މިއީ އެމެރިކާއިން އީރާނަށް ޖެހިޖެހިގެން ހަމަލާދިން އަށްވަނަ ރެއެވެ. އީރާނުގެ ދައުލަތުގެ ނޫސް އައިއާރްއެންއޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދެކުނުގެ ބަނދަރު ސިޓީ ބަންޑާރަ އައްބާސް އާއި ޤަޝްމްގެ ބައެއް ހިސާބުތަކުގައި ދިރިއުޅޭ އާންމުންނަށް ބާރުގަދަ ގޮވުންތަކުގެ އަޑު އިވިފައިވަނީ އީރާން ގަޑިން ފަތިހު 4 ޖަހާކަށްހާއިރުއެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގާތްގަނޑަކަށް ހަ މިސައިލް އީރާނުގެ ޤަޝްމް އައިލެންޑަށް އަރާފައިވާއިރު، އީރާނުގެ މީޑިއާތަކުން ބުނާ ގޮތުގައި އެމެރިކާގެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުވެފައިވަނީ ދެކުނު އީރާނުގެ ސިރިކް ބަނދަރަށެވެ. މި ފަހުގެ ހަމަލާތަކާއެކު، ދެ ގައުމުގެ ދެމެދުގައި ގާއިމުކޮށްފައި އޮތް ނާޒުކު އެއްބަސްވުން ވަނީ ރޫޅިފައެވެ. މީގެ ކުރިން ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ދިން ހަމަލާތައް ހުއްޓާލުމަށް، ޖޫން 17 ވަނަ ދުވަހު ދެ ފަރާތުން އެއްބަސްވުމަކަށް އައިސްފައިވެއެވެ. ނަމަވެސް، އުރުދުންގައި ހިނގި ލޭއޮހޮރުވުމާއެކު އެ އެއްބަސްވުން ނިމުމަކަށް އައިސް، ދެ ފަރާތުން އަނެއްކާވެސް މިވަނީ ހަމަލާތައް ބަދަލުކުރަން ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ