އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައާ މެދު ގޮތެއް ކަނޑައެޅުމުގެ ޝަރީއަތް ނުބޭއްވުނު

ސިފައިން ހައްޔަރުކޮށްފައި ހުރި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން ބާތިލުކޮށްދިނުމަށް އެދި އެ ކޮމިޝަންގެ މައްޗަށް އަބްދުﷲ ގާޒީ ހުށަހަޅުއްވާފައިވާ މައްސަލައިގެ ޝަރީއަތަށް އޭނާ ހާޒިރުކޮށްނުދިނުމުން މިއަދު އެ ޝަރީއަތް ބޭއްވޭ ގޮތެއް ނުވި އެވެ. އަބްދުﷲ ގާޒީގެ ވަކީލު އިބްރާހީމް ރިޒާ ވިދާޅުވި ގޮތުގައި، ޖޭއެސްސީގެ މައްޗަށް ކުރާ އެ ދައުވާއާ ގުޅޭ ގޮތުން މިއަދު 00: 2 ގައި ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަށް ސިވިލް ކޯޓުގައި ތާވަލުކޮށްފައިވީ ނަމަވެސް، ސިފައިން އޭނާ ހާޒިރުނުކުރުމުން ޝަރީއަތް ކުރިއަށް ނުގެންދެވުމުން ކެންސަލްކުރީ އެވެ. އޭނާ ވިދާޅުވީ ސިފައިން އަބްދުﷲ ގާޒީ ކޯޓަށް ހާޒިރުކޮށްދޭތޯ 30: 2 ވަންދެން ކޯޓުން ބެލި ކަމަށެވެ. އަބްދުﷲ ގާޒީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދައުވާގައި އެދިފައިވަނީ، އޭނާގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް، ނޮވެމްބަރު 16 ގައި ޖޭއެސްސީން ނިންމި ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި އެ ނިންމުމާ މެދު ކޯޓުން ވަކި ގޮތެއް ނިމެންދެން، ސުލޫކީ މައްސަލައިގައި އޭނާގެ މައްޗަށް ފިޔަވަޅު އެޅުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރަކަށް އެދުމުން، ނޮވެމްބަރު 27 ގައި ވަނީ އެ އަމުރު ނެރެފަ އެވެ. ފިޔަވަޅު އެޅުން ފަސްކުރުމުގެ އަމުރު ނެރުމާ ގުޅިގެން ޖޭއެސްސީން އެ މައްސަލަ އިސްތިއުނާފުކުރީ ސުޕްރީމް ކޯޓުގަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ އެއީ ހައި ކޯޓުގައި އިސްތިއުނާފުކުރަންޖެހޭ މައްސަލައެއް ކަމަށެވެ. އަދި އެ ވަގުތީ އަމުރުގެ މައްސަލަ މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ނަމަވެސް އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް އަބްދުﷲ ގާޒީ އިއްޔެ ހައި ކޯޓަށް ހާޒިރުކުރުމަށް އަމުރުކުރުމުން ވެސް ސިފައިން ކިޔަމަނެއްނުވި އެވެ. ވަކީލު ރިޒާ ވިދާޅުވި ގޮތުގައި އަބްދުﷲ ގާޒީއާ މެދު މިހާރު އުފެދިފައިވާ މައްސަލަ ނިމުމަކަށް އަންނާނީ ވެސް، ސުލޫކީ މައްސަލައާ މެދު ކޯޓުން ވަކި ގޮތެއް ކަނޑައެޅުމުންނެވެ. ނަމަވެސް ސިފައިން އަބްދުﷲ ގާޒީ ކޯޓަށް ހާޒިރުނުކޮށްދޭ ނަމަ، އެ މައްސަލަ ނިމުމަކަށް ނާންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "މި މައްސަލަ ކޯޓުން ނިންމީމާ އެނގޭނީ، އެ ބުނާ ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަން ވެސް ނުވަތަ ނޫން ކަން ވެސް. އެހެންވީމާ، އަބްދުﷲ ގާޒީ ކޯޓަށް ހާޒިރުކޮށްނުދީ މި މައްސަލައިގެ ޝަރީއަތް ހިންގިޔަނުދެންޏާ މި ކަމެއް ހައްލެއް ނުވާނެ،" ރިޒާ ވިދާޅުވި އެވެ. ކ. ގިރިފުށީގައި ހައްޔަރުކޮށްފައި ހުރި ގާޒީ މީގެ 14 ދުވަސް ކުރިން ހައްޔަރުކުރުމަށް ފަހު އޭނާގެ އާއިލާއާ އަދި ވަކީލާ ވެސް ބައްދަލުކުރެވޭ ގޮތް ސިފައިން ހަދައިދީފައެއް ނުވެ އެވެ. ސިފައިން އަބްދުﷲ ގާޒީ ހައްޔަރުކޮށްގެން ގެންގުޅެނީ، އޭނާ ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ވަގުތުން އޭނާ މިނިވަންކުރުމަށް ސިފައިންގެ މައްޗަށް މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށެވެ. އޭގެ އިތުރުން ކްރިމިނަލް ކޯޓުންނާއި ހައި ކޯޓުން ވެސް އޭނާ ވަގުތުން މިނިވަންކުރުމަށް އަމުރުކޮށްފައިވާ އިރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ އޭނާ ވަގުތުން މިނިވަންކުރުމަށް ގޮވާލައިފަ އެވެ. އަދި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާ އިންވެސް ވަނީ އެ ކަމަށް ގޮވާލައިފަ އެވެ. ދާދި ފަހުން ލީކްވެފައިވާ އޯޑިއޯ ރެކޯޑިންއެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެ މަނިކުފާނުގެ ވެރިކަމެއްގައި އަބްދުﷲ ގާޒީ އަށް ކޯޓަކާ 100 މީޓަރަށް ވެސް ކައިރިނުވެވޭނެ ކަމަށެވެ. "މި ވެރިކަމަކު އޭނާއެއް ދެން ފަނޑިޔާރު ގެ އަށް ނުދާނެ. ދެން އެއީ ގިރިފުށީގައި އޭނާ ހުންނަ ހުރުމުގެ ސަބަބުން ނުދިޔަޔަސް އަދި ދޫކޮށްލިޔަސް ވެސް އަޅުގަނޑު ވަރަށް ސާފުކޮށް އަންގާނަން ސިފައިންނަށް، އޭނާއަކަށް ފަނޑިޔާރުގެއަކާ 100 މީޓަރާ ގާތަށް ކައިރިއެއް ނުވެވޭނެއޭ. ނުވެވެވޭނެ. ހަމަ ނުވެވޭނެ،" ފުލުހުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅެއް ކަމަށް ބެލެވޭ އެ އޯޑިއޯގައި ރައީސް ވިދާޅުވެފައިވެ އެވެ. "އަޅުގަނޑު ވަރަށް އިތުބާރާ އެކީގައި ދަންނަވަން، އަޅުގަނޑު ވެރިކަމުގައި ހުއްޓާ އަބްދުﷲ މުހަންމަދަކަށް ދެން އިރާދަކުރެއްވިއްޔާ ފަނޑިޔާރުގެއަކާ 100 މީޓަރަށް ވުރެން، ކުޑަކުއްޖަކާ ވެސް 100 މީޓަރަށް ވުރެ ގާތް ނުވެވޭނެ. އެއީ މައްސަލަ ހުންނަ މީހަކަށް ވެއްޖިއްޔާ." ރައީސް ވިދާޅުވީ އެ މަގަށް އެކަންތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ