މަކަރާއި ހީލަތުން ފައިސާ ހޯދުން ހުއްޓުވުމަށް އިންޓަޕޯލްއިން ތަމްރީނުކުރި ޕްރޮގްރާމެއްގައި ދިވެހި ފުލުހުން ބައިވެރިވެއްޖެ

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް ހުއްޓުވުމަށް ބޭނުންވާ އަމަލީ ހުނަރުތައް ތަރައްގީކުރުން ހިމެނޭހެން ތަފާތު ތަމްރީނުތައް ހިމަނައިފައިވާ އިންޓަޕޯލްގެ ޕްރޮގްރާމެއްގައި ދިވެހި ދެ ފުލުހަކު ބައިވެރިވެއްޖެއެވެ. ފުލުހުން ވަނީ އިންޓަޕޯލުން އިންތިޒާމުކޮށްގެން ބޭއްވި އަށްވަނަ "ޑިޖިޓަލް ސެކިއުރިޓީ ޗެލެންޖް ނުވަތަ ސައިބާ ގޭމްސް" ގައި އެ ޚިދުމަތުގެ ދެ އޮފިސަރަކު ބައިވެރިވެފައިވާ ކަމަށް ބުނެފައެވެ. މޮރޮކޯގެ މަރަކޭޝްގައި މިމަހުގެ 19 އިން 21 އަށް ބޭއްވި އެ ޕްރޮގްރާމަކީ އެކި ގައުމުތަކުގެ ތަންފީޒީ އިދާރާތަކުގެ މުވައްޒަފުން އެއްތަނަކުން ބައްދަލުވެ، ސައިބާ ކުށްތަކާއި އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް ހުއްޓުވުމަށް ބޭނުންވާ އަމަލީ ހުނަރުތައް ތަރައްގީކުރުމަށް ބޭއްވުނު ހަރަކާތެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ އެެ ތަމްރީނުތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ މަކަރާއި ހީލަތުން ފައިސާ ހޯދާ ފަރާތްތަކާ ދެކޮޅަށް ގުޅިގެން އޮޕަރޭޝަންތައް ހިންގުމާއި، އިންޓެލިޖެންސް މައުލޫމާތު ބޭނުންކުރުމާއި، ހެކި ބެލެހެއްޓުމަށް ކަމަށެވެ. އަދި ތުހުމަތުކުރެވޭ މީހުންނާ ސުވާލުކުރުމުގެ އުކުޅުތަކުގެ އިތުރުން ޖިނާއީ ތަހުގީގުތަކުގައި ބައިނަލްއަގުވާމީ ގާނޫނީ އެހީތެރިކަން ހޯދާނެ ގޮތްތަކުގެ މައްޗަށް އެ ތަމްރީނު ޕްރޮގްރާމުގައި އަލިއަޅުވާލައިފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. ފުލުހުން ބުނީ އިންޓަޕޯލް ސައިބާ ގޭމްސް ފަދަ ބައިނަލްއަގުވާމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމަކީ ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށާއި، ބޭރު ގައުމުތަކުގެ ތަޖުރިބާކާރުންނާއެކު މައުލޫމާތު ބަދަލުކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. އޭގެ ސަބަބުން ސައިބާ ކުށްތަކާއި މަކަރާއި ހީލަތުގެ މައްސަލަތައް ތަހުގީގުކުރުމުގެ ގާބިލުކަން އިތުރަށް ވަރުގަދަވާނެ ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ